Roadha Mihaaru
ރާއްޖެ-އިންޑިއާގެ އިތުބާރު އުފައްދަންޖެހޭ: ސަފީރު

ރާއްޖެ އާއި އިންޑިއާއާ ދެމެދު އިތުބާރު އުފައްދަން މަސައްކަތް ކުރަންޖެހޭ: ސަފީރު

18 މާޗް 2018

ރާއްޖެ އާއި އިންޑިއާއާ ދެމެދު އިތުބާރު އުފައްދައި ދެ ގައުމުގެ ގުޅުން ރަނގަޅު ކުރަން ވެއްޖެ ކަމަށް އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖެ އާއި އިންޑިއާއާ ދެމެދު އިތުބާރު އުފައްދައި ދެ ގައުމުގެ ގުޅުން ރަނގަޅު ކުރަން ވެއްޖެ ކަމަށް އިންޑިއާ އަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން ގިނަ ވާހަކަތަކެއް ދައްކަވާފަ އެވެ.

އަހުމަދު ވިދާޅުވި ގޮތުގައި ދެ ގައުމުގެ މެދުގައި އޮތް ގުޅުން ކުޑަވީ ފަހަކަށް އައިސް ދިމާވި މައްސަލަތަކުގައި މަޝްވަރާކުރުން މަދުވުމުންނެވެ. އަދި ރާއްޖޭގެ މަތީ ފަންތީގެ ބޭފުޅުން އިންޑިއާ އަށް ޒިޔާރަތް ކުރެއްވި ނަމަވެސް އެއާ އެއްގޮތަށް އިންޑިއާގެ އޮފިޝަލުން ރާއްޖެ ވަޑައިނުގަންނަވާ ކަމަށާއި އެއީ ވެސް ދެ ގައުމުގެ ގުޅުން ހީނަރުވި ސަބަބެއް ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އެއީ މާޒީ ކަމަށް ބެލުމަށް ފަހު އަލުން އާ ފެށުމަކުން ފަށަންވީ. އޭރުން އެ ތަފާތު ފެންނާނެ،" އަހުމަދު ވިދާޅުވި އެވެ.

ފަހަކަށް އައިސް ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ. މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި އިންޑިއާގެ ވާދަވެރި ޗައިނާއާއެކު ރާއްޖޭން ސޮއި ކުރުމާ ގުޅިގެން އެ ގައުމުން ހިތްހަމަ ނުޖެހިފައިވާއިރު ރާއްޖޭގެ ސިޔާސީ މަަސްރަހާ ގުޅޭގޮތުން އިންޑިއާއިން ބުނާ ބަސްތައް ވެސް ސަރުކާރަކަށް ކަމަކު ނުދެ އެވެ.

އިންޑިއާގެ ނޫސްވެރިންތަކަކާ ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ މިދިޔަ ހަފުތާގައި ދެއްކެވި ވާހަކައަށް ވެސް ސަފީރު ރައްދު ދެއްވި އެވެ.

ފޮރިން މިނިސްޓަރު އާސިމް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެ ގައުމުގައި ބައްދަލު ކުރައްވަނީ: ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފައި

ފޮރިން މިނިސްޓަރު އާސިމް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެ ގައުމުގައި ބައްދަލު ކުރައްވަނީ: ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފައި

އިންޑިއާގެ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވީ އިންޑިއާ އާއި ޕާކިސްތާނުން ކޯޅޭ ކަޝްމީރުގެ މައްސަލައިގެ ތެރެއަށް ވެސް ރާއްޖޭން ނުވަންނަ ކަމަށާއި އެހެންވެ، ރާއްޖޭގެ ދާހިލީ ކަންކަމަށް އެ ގައުމަށް ވެސް ފާޑު ނުކިޔޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެތެރޭގެ ކަންކަން، އަމިއްލައަށް ހައްލު ކުރުމުގެ ގާބިލްކަން ރާއްޖޭގެ ހުރިކަމަށް ވެސް ވިދާޅުވި އެވެ.

ޝައިނީގެ މި ވާހަކައާ ގުޅޭގޮތުން ނޫސްވެރިން ސުވާލު ކުރުމުން ސަފީރު ވިދާޅުވީ މިނިސްޓަރުގެ ވާހަކަ އަމާޒު ކުރެއްވީ އެންމެ ކުރިއްސުރެ ރާއްޖޭން މި ފަދަ ކަންކަމާ މެދު ގެންގުޅޭ އުސޫލުގެ މައްޗަށް ކަމަށެވެ. އަދި ރާއްޖޭން އަބަދު ވެސް ގަބޫލު ކުރަނީ، ދެ ގައުމެއްގެ މަސްލަހަތު ހިމެނޭ ކަންކަން ހައްލު ކުރަން ޖެހޭނީ އެ ގައުމުތަކުން ސުލްހަވެރިކަމާއެކު ވާހަކަ ދައްކައިގެން ކަމަށް ވިދާޅުވި އެވެ. ހަމަ އެފަދައިން، ރާއްޖޭގައި ހިނގާ ކަންކަމުގެ ތެރެއަށް ބޭރު ގައުމުތަކުން ވަންނަން ނުޖެހޭކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އަހުމަދު ވިދާޅުވީ ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވާ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް މިދިޔަ މަހު އެއް ވަނަ ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން، ރާއްޖޭގައި އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތާ މެދު އިންޑިއާއިން އަމަލު ކުރި ގޮތާ މެދު ހިތާމަ ކުރާ ކަމަށެވެ.

އަމުރު ނެރުމާއެކު އެ ތަންފީޒު ކުރުމަށް ގޮވާލި ފުރަތަމަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ.

"[ރާއްޖޭގެ ހާލަތާ ގުޅޭގޮތުން] އެންމެ ފުރަތަމަ ދެކުނު ގޮތް ނުވަތަ އެކަމާ ގުޅިގެން ޓްރެވަލް އެޑްވައިޒަރީއެއް ނެރުން ގަބޫލު ކުރެވޭ. އެކަމަކު އެކަމާ މެދު ދެކޭގޮތް ހާމަކުރުމަށް ހަތަރު ވަނަ ފަހަރަށް ބަޔާން ނެރޭނެ ކަމަކަށް ހިޔެއް ނުކުރަން. އެއީ ރާއްޖޭން އިންޑިއާއާ މެދު ހިތްހަމަ ވެސް ނުޖެހުނު ކަމެއް،" އޭނާ ވިދާޅުވި އެވެ.