Roadha Mihaaru
ގައުމީ ޓީމުގެ ދައުވަތަށް އިމްރާން ނޫނެކޭ ބުނެފި

ގައުމީ ޓީމުގެ ދައުވަތަށް އިމްރާން ނޫނެކޭ ބުނެފި

18 މާޗް 2018

ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކޮށްފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދަށް ރޭ ޓީމުގެ ބައްދަލުވުމަކަށް ދިއުމަށް ދިން ދައުވަތަށް އޭނާ ފުރަގަސްދީފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔާކޮށްފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދަށް ރޭ ޓީމުގެ ބައްދަލުވުމަކަށް ދިއުމަށް ދިން ދައުވަތަށް އޭނާ ފުރަގަސްދީފި އެވެ.

އެނގިފައިވާ ގޮތުގައި އިމްރާން އަލުން ޓީމަށް ގެންނަން ޓީމުގެ އާ ކޯޗު ޕީޓާ ސެގާޓާ ބޭނުންވެ އެވެ. ސްކޮޑުގައި ހިމަނަން ބޭނުންވާ 50 ކުޅުންތެރިންނާ އެކު ރޭ ބޭއްވި ބައްދަލުވުމަށް އިމްރާނަށް ދައުވަތު ދިނީ ވެސް އެހެންވެ އެވެ.

އިމްރާން މިއަދު ބުނީ އޭނާ އެ ބައްދަލުވުމަށް ނުދިޔައީ އޭނާ އަކީ ގައުމީ ޓީމުން ރިޓަޔާކޮށްފައިވާ ކުޅުންތެރިޔަކަށްވާތީ ކަމަށެވެ. އަލުން ގައުމީ ޓީމަށް ކުޅެފާނެތޯ އެހުމުން އިމްރާން ބުނީ އެފަދަ ވިސްނުމެއް އަދި ނެތް ކަމަށެވެ.

"އަދި ޔަގީނުން ވެސް އަޅުގަނޑު ނުވިސްނަން އެނބުރި ދިއުމަކާ މެދު،" އިމްރާން ބުންޏެވެ.

އިމްރާން 17 އަހަރަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. އުމުރުން 37 އަހަރުގެ އިމްރާން އޭރު ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ނެގި އެންމެ އުދަނގޫ ނިންމުން ކަމަށާއި އެކަމަކު އެއީ ޒުވާން ކީޕަރުންނަށް ފުރުސަތު ދިނުމަށް ގައުމީ ޓީމާ ދުރަށް ދާން އެންމެ ރަނގަޅު ވަގުތު ކަމަށް ދެކޭ ކަމަށެވެ.

އިމްރާން ކުޅުން ހުއްޓާލީ އޭޝިއަން ކަޕް ކޮލިފައިންގެ ގްރޫޕް ސްޓޭޖަށް ރާއްޖެ ކޮލިފައިކޮށްދިނުމަށް ފަހު އެވެ. މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް އޮތުމުން ކޮލިފައިންގައި އޭނާ ކުޅެން ސަޕޯޓަރުން ބޭނުންވި ވެސް ވި އެވެ.

އިމްރާންގެ ބަދަލުގައި ގައުމީ ޓީމަށް ކުޅެން ތިބި ދެ ކީޕަރުންގެ ތެރެއިން ވިކްޓަރީގެ މުހައްމަދު އިމްރާން ވެސް ވަނީ ކުޅުން ހުއްޓާލައިފަ އެވެ. އޭނާ އެގޮތަށް ނިންމީ ފުރުސަތު ނުލިބޭތީ އެވެ. ދެން ހުރީ ނިއުގެ މުހައްމަދު ފައިސަލެވެ.

ނިއުގައި ފައިސަލާއި އިމްރާން ތިބި ނަމަވެސް އަދި ވެސް ގިނަ މެޗުތަކުގައި އެއް ނަމްބަރު ކީޕަރުކަން ކުރަނީ އިމްރާނެވެ. ބެލެވޭ ގޮތުގައި ޓީމަށް އޭނާ ގެންނަން ސެގާޓް ބޭނުންވީ ވެސް އޭއެފްސީ ކަޕުގައި އިންޑިއާގެ އައިޒޯލް އަތުން 3-1 އިން ނިއު ރޭޑިއަންޓް މިދިޔަ ހަފުތާގައި މޮޅުވި މެޗު ވެސް ބެލުމަށް ފަހު އެވެ.

ގައުމީ ޓީމުގެ ކެޕްޓަން ދަގަނޑޭ (ކ) އާއި އިމްރާން ނިއުގެ ޖާޒީގައި: މި ވަގުތު ރާއްޖޭގައި ކުޅޭ އެންމެ ހުނަރުވެރި ދެ ކުޅުންތެރިން. –ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމުގެ ކެޕްޓަން ދަގަނޑޭ (ކ) އާއި އިމްރާން ނިއުގެ ޖާޒީގައި: މި ވަގުތު ރާއްޖޭގައި ކުޅޭ އެންމެ ހުނަރުވެރި ދެ ކުޅުންތެރިން. –ފޮޓޯ: ނިޝާން އަލީ/ މިހާރު

އާ ކުޅުންތެރިންނާ އެކު ކުރިމަގަށް ޓީމެއް ބިނާކުރުމުގެ މަސައްކަތް އެފްއޭއެމުން ސެގާޓާ ހަވާލުކުރި ނަމަވެސް އޭނާ ވަނީ އެ މަގުން ދަތުރުކުރާއިރު ކުރިމަތިވާ މުބާރާތްތަކުން ކާމިޔާބު ހޯދަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.

އެގޮތުން ކިތަންމެ މުސްކުޅިޔަސް، ކިތަންމެ ދަށް ޑިވިޝަނެއްގައި ކުޅުނަސް ހުނަރު ހުރެފައި މަސައްކަތްކުރަންޏާ އެ ކުޅުންތެރިޔަކު ޓީމަށް ނަގާނެ ކަމަށް އޭނާ ބުންޏެވެ.

"ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭނަން. އެކަމަކު ގައުމީ ޓީމުގެ ދޮރު އެއްވެސް ކުޅުންތެރިޔަކަށް އަހަރެން ބަންދެއް ނުކުރާނަން. ކޮލިޓީ ހުރިއްޔާ، އަހަރެމެންގެ ފިލޯސަފީ އަށް އިހުތިރާމްކުރަންޏާ އުމުރަކަށް ނުބަލާނަން،" ސެގާޓް ބުންޏެވެ. "ދިވެހިރާއްޖޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ފުރުސަތު އޮންނާނެ ކުޅެން. އަހަރެން ދެ ވަނަ ޑިވިޝަން ވެސް ތިން ވަނަ ޑިވިޝަން ވެސް ބަލާނަން. މި ވަގުތުން ފެށިގެން ރާއްޖޭގެ ކޮންމެ ކުޅުންތެރިޔަކަށް ވެސް ފުރުސަތު އޮންނާނެ."

ގައުމީ ޓީމަށް 1999 ވަނަ އަހަރު ކުޅެން ފެށި އިމްރާން ރިޓަޔާ މި ކުރީ ގައުމީ ޓީމަށް 111 މެޗު ކުޅެ ދިނުމަށް ފަހު އެވެ. އޭނާ ވަނީ ރާއްޖޭން 2008 ވަނަ އަހަރުގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖެ އެއްވަރު ވި މެޗުގަ އާއި 2014 ވަނަ އަހަރު ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ތިންވަނަ ރާއްޖެ ހޯދިއިރު ވެސް އޭނާ މުހިއްމު ދައުރެއް އަދާކޮށްފައިވެ އެވެ.

އިމްރާން ފަދަ ހުނަރުވެރި ކީޕަރެއް އަދި އޭނާ ފަދަ ލީޑަރެއް މިވަގުތު ގަލޮޅު ދަނޑުން ފެންނަން ނެތް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ސެގާޓް ވެސް ވަނީ ކުރިމަގަށް ބިނާކުރާ އާ ޖީލުގެ ކުޅުންތެރިން ގޮވައިގެން އުޅޭނެ ލީޑަރުން ބޭނުންވާ ކަމަށް ބުނެފަ އެވެ.