Roadha Mihaaru
"ފުރުސަތުގެ ބޭނުންހިފީ ދިވެހި ކީޕަރުންނަށް އެހީވާން"

ފުރުސަތުގެ ބޭނުންހިފީ ދިވެހި ކީޕަރުންނަށް އެހީވާން: އިމްރާން

10 ފެބުރުއަރީ 2020

އެފްއޭއެމްގެ ހުށަހެޅުން ގަބޫލުކޮށް އެ އެސޯސިއޭޝަނާ ގުޅުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ގޯލްކީޕަރުންނަށް އެހީތެރިވުން ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އެފްއޭއެމްގެ ހުށަހެޅުން ގަބޫލުކޮށް އެ އެސޯސިއޭޝަނާ ގުޅުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ގޯލްކީޕަރުންނަށް އެހީތެރިވުން ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.

ގައުމީ ޓީމަށް 17 އަހަރު ވަންދެން ކުޅުނު އިމްރާން ރަސްމީކޮށް ފުޓްބޯޅަ ކުޅުން ހުއްޓާލީ މިދިޔަ ނޮވެމްބަރު މަހު އެވެ. އުމުރުން 38 އަހަރުގެ އިމްރާން ކުޅުން ހުއްޓާލިއިރު އޭނާ ހުރީ މި ސީޒަނުގައި އޭނާ ކުޅުނު ޓީސީ ސްޕޯޓްސް ކްލަބުން މުސާރަ ނުދޭތީ ރިލީޒް ހޯދައިގެންނެވެ.

އިމްރާން، 2018 ވަނަ އަހަރު ކުޅުނު ނިއު ރޭޑިއަންޓުން އޭނާ އަށް ނުދީ އޮތް މުސާރަ ހޯދަން އެފްއޭއެމަށް މައްސަލަ ހުށަހަޅައިގެން އެކަން ކާމިޔާބުވުން ލަސްވާތީ އިމްރާން ވަނީ ސޯޝަލް މީޑިއާގައި ވަރަށް ފަހަކާ ޖެހެންދެން ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އިމްރާން އޭރު ބުނަމުންދިޔައީ އޭނާއާ އެކު މުސާރަ ހޯދަން ހުށަހެޅި އެހެން ކުޅުންތެރިންނަށް މުސާރަދީފައި އޭނާ އަށް ނުދީ އޮތުމަކީ އިންސާފުން ކުރާ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ދާދި ފަހުން އިމްރާނަށް އެ މުސާރަ ހަމަޖައްސައިދިނުމުން އޭނާ ވަނީ އެފްއޭއެމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ހުރިހާ ކުޅުންތެރިންނަށް ހަމަހަމަކޮށް ކަންތައްތައް ކޮށްދިނުމަށް އެދުނެވެ.

އެފްއޭއެމުން ވަނީ އިމްރާން ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި ހަމަޖެއްސުމުގެ އިތުރުން ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސައިފަ އެވެ. އިމްރާން އާއި ސުޒޭން ވަނީ ސޯޝަލް މީޑިއާގައި އެފްއޭއެމްގެ ކަންތައްތަކާ މެދު ފާޑުކިޔައިފަ އެވެ. އެހެން އެކަން އޮއްވައި އެފްއޭއެމުން ގައުމީ ޓީމުގެ މަގާމަކަށް ސުޒޭން އާއި އިމްރާން ގެނައީ ފާޑުކިޔުންތައް ހުއްޓުވުމުގެ ގޮތުން ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެ އެވެ.

ގައުމީ ކީޕަރުގެ ގޯލްކީޕަރުގެ ކޯޗު އިމްރާން (ކ)އާ އެފްއޭއެމްގެ ރައީސް ބައްސާމް ޖޯޒީ ހަވާލުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގައުމީ ކީޕަރުގެ ގޯލްކީޕަރުގެ ކޯޗު އިމްރާން (ކ)އާ އެފްއޭއެމްގެ ރައީސް ބައްސާމް ޖޯޒީ ހަވާލުކުރަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިމްރާން ބުނީ އެފްއޭއެމްގެ ޑައިރެކްޓަރަކަށް އިހުސާން އަބްދުލް ގަނީ (ސާންތީ) ހުރިއިރު ވެސް އެފްއޭއެމަށް އަންނަން ފުރުސަތު ލިބުނު ކަމަށާއި އެކަމަކު އޭރު ކުޅެމުން އަންނާތީ އެކަން ކުރެވެން ނެތް ކަމަށެވެ. އެކަމަކު ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު ކޯޗިން އިން ކުރިއަށްދާން ވިސްނައިގެން ހުއްޓައި މި ފަދަ ގައުމަށް ހިދުމަތެއް ކޮށްދިނުމުގެ ފުރުސަތެއް ލިބުމުން ބޭނުން ހިފީ ކަމަށެވެ.

"އަޅުގަނޑުގެ ކެރިއަރުގައި މި ކުރި ހުރިހާ ކަމެއް ވެސް މި ކުރަނީ ހަމަ ޕްލޭން ކޮށްގެން. ހަމަ ގައުމީ ޓީމުގައި ވެސް އަޅުގަނޑަށް ކުޅެވޭ ފެންވަރު ހުރެގެން އެކަމަކު ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ހުއްޓާލީ. މި އަހަރަކީ އަޅުގަނޑު ފުޓްބޯޅަ ކުޅެން ހުރި އަހަރެއް. އެކަމަކު އެ ދިމާވި ކަންތައްތަކާ އެކު ހުއްޓާލީ. ހުއްޓާލާފައި ވިސްނުން ހުރީ ގޯލްކީޕިން ތެރެއަށް ވަންނަން. އެއްގޮތަކަށް ވެސް ހުއްޓާލި ގޮތަށް ދުރަށްދާކަށް ނޫން ބޭނުންވީ. މީގެ ތެރެއިން ދެވޭނެ ގޮތަށް ކުރިއަށްދާން މި މަސައްކަތްކުރަނީ،" ހޮނިހިރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ބުންޏެވެ.

އިމްރާން ބުނީ އެފްއޭއެމްގެ މި ހުށަހެޅުން ގަބޫލުކުރީ ހާއްސަ އަމާޒުތަކެއް ވެސް އޮވެގެން ކަމަށާއި އެ ގޮތުން ރާއްޖޭގެ ޓީމުތަކަށް ގިނަ ބިދޭސީ ގޯލްކީޕަރުން ގެނައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ބަދަލުކުރުމަށް ގިނަ ކީޕަރުންތަކެއް އުފެއްދުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. އެ ގޮތުން ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލް ރަހީމްއާ ވާހަކަ ދެކެވި ކަންތައްތައް ރަނގަޅުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އިމްރާން ބުންޏެވެ.

"މި ފަހަރު މި އައީ ގޯލްކީޕިން ހުރިހާ ދާއިރާ އަކަށް. އޭޖް ގްރޫޕާއި އެކެޑަމީއާ ނެޝަނަލް ޓީމާ އެއްކޮށް ހަމައެކަނި ގައުމީ ޓީމުގެ ޓްރެއިނަރަކަށް ވެސް ނޫން. ދިިވެހިރާއްޖޭގެ އެންމެ އުނދަގޫ އެއްކަމަކީ ގޯލްކީޕަރުންގެ ކަންތައް ކަން ތި ހުރިހާ ބޭފުޅުންނަށް އެނގޭނެ އެހެންވީމަ ރާއްޖޭން ބޭރުން ކީޕަރުން ނުގެނެސް ފުޓްބޯޅަ ކުރިއަށްގެންދެވޭނެ ގޮތަކަށް މަސައްކަތް މި ފަށައިގަތީ،" އިމްރާން ބުންޏެވެ.

ވިހި އަހަރު އެންމެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅުމަށް ފަހު އިމްރާން ކުޅުން ހުއްޓާލިއިރު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އަދި ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކޮށް ކްލަބް ލެވަލްގައި ގިނަ ޓީމުތަކަށް ކުޅުނެވެ. އަދި އިމްރާނަށް ވަނީ ކުޅިވަރުގެ ރޮނގުންކޮށްފައިވާ ހިދުމަތުގެ އަގުވަޒަންކޮށް ސަރުކާރުން ގައުމީ އިނާމް ދީފަ އެވެ.