Roadha Mihaaru
އައްޑޫ ސިޓީ ކައުންސިލް އުވާލަފާނެ ކަމުގެ އިންޒާރު ދީފި

އައްޑޫ ސިޓީ ކައުންސިލް އުވާލައިފާނެ ކަމުގެ އިންޒާރު ދީފި

18 މާޗް 2018

އައްޑޫ ސިޓީ ކައުންސިލް އުވާލަފާނެ ކަމުގެ އިންޒާރު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ދީފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އައްޑޫ ސިޓީ ކައުންސިލް އުވާލަފާނެ ކަމުގެ އިންޒާރު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު ދީފި އެވެ.

ސިޔާސީ އިސް ބޭފުޅުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ މަހު އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ގޮވާލައި އައްޑޫ ކައުންސިލުން ނެރުނު ގަރާރަކާ ގުޅިގެން އެ ކައުންސިލްގެ ހަތަރު މެމްބަރަކު ވަނީ އެލްޖީއޭއިން ސަސްޕެންޑް ވެސް ކޮށްފަ އެވެ.

އެ އޮތޯރިޓީން ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނީ މި ދަރަޖައިގެ ކުށެއް ދެ ވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، ކައުންސިލް ރޫޅާލުމަށް ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓު އަމުރު ތަންފީޒު ކުރަން ގަރާރު ނެރުނު އެހެން ކައުންސިލްތަކަށް ވެސް މި އިންޒާރު ދިނެވެ.

އެލްޖީއޭ އިން މިއަދު ސަސްޕެންޑް ކުރީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގާއި ޑެޕިއުޓީ މޭޔަރު މުހައްމަދު ޔަސްރިފްގެ އިތުރުން ދެ މެމްބަރުން ކަމަށްވާ ޖަމްޝީދާ މުހައްމަދާއި އަލީ ފަހުމީ މުހައްމަދެވެ.

އެނގިފައިވާ ގޮތުގައި އެ ގަރާރުގައި ދެން ތިއްބެވި ބޭފުޅުންނަށް ސޮއި ނުކުރެއްވުނީ ރަސްމީ ދަތުރެއްގައި ރަށުން ބޭރަށް ވަޑައިގެން އުޅުއްވުމުންނެވެ.

އެލްޖީއޭއިން ބުނިގޮތުގައި އެ ފަދަ ފިޔަވަޅެއް އަޅަން ޖެހުނީ ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދޭ ބާރާއި އިމްތިޔާޒުގެ ބޭރުން އެތަނުން ނޫސް ބަޔާން ނެރެފައިވާތީ އެވެ. އެހެންވެ، ކައުންސިލްގެ ގާނޫނާ އެ ބޭފުޅުން ހިލާފުވެފައިވާތީ އެއް މަސް ދުވަހުގެ މުއްދަތަށް ކައުންސިލަރުން ސަސްޕެންޑްކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.

އެލްޖީއޭއިން ވަނީ މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ އިތުރުން، ހިދުމަތެއް ހޯދުމަށް ނޫން ގޮތަށް އެ ބޭފުޅުން ކައުންސިލަށް ވަނުން ވެސް މަނާކޮށްފަ އެވެ. އެތަނުން ބުނިގޮތުގައި މި ވަގުތަށް ކައުންސިލް ހިންގާނީ ދެން ތިބި މެމްބަރުންގެ ދަށުންނެވެ.