Roadha Mihaaru
އިބޫއާ މެދު ދެކެނީ ނުރައްކާތެރި ބޭފުޅެއްގެ ގޮތުގައި

އިބޫއާ މެދު ވެސް ދެކެނީ މުޖުތަމައަށް ނުރައްކާތެރި ބޭފުޅެއް ކަމަށް، އިސްތިއުނާފް ކުރާނަން: ވަކީލް

19 މާޗް 2018

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނުވަ ދުވަހަށް ދޫނިދޫގައި ބަންދު ކުރީ، އެއީ ވެސް މުޖުތަމައަށް ނުރައްކާތެރި ބޭފުޅެއް ކަމަށް ފުލުހުން ދެކޭތީ ކަމަށް ވަކީލް ނާޒިމް އަބްދުއްސައްތާރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނުވަ ދުވަހަށް ދޫނިދޫގައި ބަންދު ކުރީ، އެއީ ވެސް މުޖުތަމައަށް ނުރައްކާތެރި ބޭފުޅެއް ކަމަށް ފުލުހުން ދެކޭތީ ކަމަށް ވަކީލް ނާޒިމް އަބްދުއްސައްތާރު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުން އިސް ނަގައިގެން ހިންގާ ހަރަކާތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އިބޫ ހައްޔަރު ކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި ބޭއްވި އިދިކޮޅު ޕާޓީތަކުގެ މުޒާހަރާގެ ބައެއް ބައިވެރިންނާ އެކު ޖުމްހޫރީ މައިދާނަށް ވަދެވަޑައިގަތުމުންނެވެ. އިބޫ ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ވާއިރު، މަޖީދީމަގުން ޗާނދަނީމަގު ކަންމަތީގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ ފުލުހުން ރޫޅާލުމުން ޖުމްހޫރީ މައިދާނަށް ވަންނަން ދިޔަ ގުރޫޕުގައި އިސްކޮށް ހުންނެވި އެއް ބޭފުޅަކީ އެއީ އެވެ.

ޖުމްހޫރީ މައިދާނަކީ ގްރީ ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާއިރު، އެއީ އެއްވެ އުޅުން މަނާ ސަރަހައްދެކެވެ.

އިބޫގެ ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތަށް ފަހު މީޑީއާއާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އިބޫ ބަންދުގައި ބެހެއްޓި މައްސަލަ އިސްތިއުނާފް ކުރައްވާނެ ކަމަށެވެ. އޭނާ ބަންދުގައި ބެހެއްޓީ، މުޖުތަމައަށް ނުރައްކާވެދާނެތީ އާއި ހެކި ފޮރުވަފާނެ ކަމަށް ފުލުހުން ދެކޭތީ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެކަމަކު މި ދެ ސަބަބު ދައްކައި، ބަންދަށް ނުވަ ދުވަސް ޖެހިއިރު އިބޫގެ މައްޗަށް ކުރަނީ ހަމައެކަނި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތު ކަން ކޯޓުގައި ފާހަގަކުރެއްވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރަން މި ޖެހެނީ. އަޅުގަނޑުމެން މި ދަންނަވަނީ، ބޮޑުވެގެންވާ ކުށެއްގެ ތުހުމަތުގައޭ މިސާލަކަށް ޓެރަރިޒަމްގެ އަމަލެއް ހިންގަފާނެތީއޭ. އެކަމަކު އިބްރާހިމް މުހައްމަދު ސޯލިހަށް ހަމައެކަނި ތުހުމަތު ކޮށްފައި މިވަނީ، ޖުމްހޫރީ މައިދާނަށް އެރޭ ވަޑައިގެން ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތުހުމަތު ކުއްލި ނުރައްކަލުގެ ހާލަތަކަށް ނުފެތެ އެވެ.

"އެކަމަކު ފުލުހުން މި ބުނަނީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ކޮންމެ މީހަކު ވެސް ހައްޔަރު ކުރެވިދާނެ ކަމާއި ކުށުގެ ކުޑަމިނަށް ބަލަން ނުޖެހޭ ކަމަށް،" ނާޒިމް ވިދާޅުވި އެވެ.

އިބޫ ހައްޔަރުކޮށް، ދޫނިދޫގައި އޭނާއާ ދޭތެރޭގައި އަނިޔާވެރިކޮށް އަމަލުކުރަމުންދާ ކަަމަށް ބުނެ އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

އެ ޕާޓީން ބުނި ގޮތުގައި އިބޫ އަށް ދާއިމީ ގޮތެއްގައި ދޭން ޖެހޭ، ހިތުގެ ބަލީގެ ބޭހާއި އަންނައުނު މިދިޔަ ހޮނިހިރު ދުވަހު އާއިލާގެ ފަރާތުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކު، އިބޫ ދޫނިދޫގައި ބަންދުކޮށްފައި ހުންނަވާތާ 24 ގަޑިއިރަށް ވުރެ ގިނަ އިރު ވީއިރު ވެސް، އެ ތަކެތި އޭނާއާ ހަވާލު ނުކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.