Roadha Mihaaru
މައުމޫންގެ ބަންދާ މެދު މިއަދު ގޮތެއް ނިންމަނީ

މައުމޫންގެ ބަންދާ މެދު މިއަދު ގޮތެއް ނިންމަނީ

20 މާޗް 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ހަމަޖައްސައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަންދާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ހަމަޖައްސައިފި އެވެ.

މައުމޫންގެ ވަކީލުންގެ ޓީމުން "މިހާރު" އަށް މިއަދު ބުނީ އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމަން އެންމެ ފުރަތަމަ ހާޒިރު ކުރަން އޮތީ އިއްޔެ ކަމަށެވެ. އެކަމަކު އެހެން އެންގިތާ މާ ގިނަ އިރުތަކެއް ނުވެ، މައުމޫން ކޯޓަށް ހާޒިރު ނުކުރާނެ ކަން ފުލުހުން އެންގި ކަމަށް އެ ޓީމުން ބުންޏެވެ.

ވަކީލުންގެ ޓީމުން ބުނި ގޮތުގައި މިއަދު މައުމޫން ކޯޓަށް ހާޒިރުކުރާ ގަޑިއެއް އަދި ނާންގަ އެވެ.

ކްރިމިނަލް ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފަށް، މައުމޫން އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ މިދިޔަ ފެބްރުއަރީ 5 އިން ފެށިގެން ފުލުހުންގެ ބަންދަށް އެމަނިކުފާނު ގެންދިޔައީ ކޯޓު އަމުރެއް ނެތި ކަމަށެވެ. އަދި އެމަނިކުފާނު ހައްޔަރުކޮށްގެން 24 ގަޑިއިރުވީ އިރު ވެސް، ގާނޫނު އަސާސީގައިވާ ގޮތަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައި ނުވާކަން މައުމޫން ވިދާޅުވި އެވެ. އެހެންކަމުން އެމަނިކުފާނު ހުންނެވީ ގާނޫނާ ހިލާފު ބަންދެއްގައި ކަން އެ ސިޓީގައި ބަޔާންކުރެއްވި އެވެ.

މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރަނީ އެމަނިކުފާނުގެ ވަކީލު ކަމަށްވާ މައުމޫން ހަމީދު މާދަމާ ރާއްޖެ ވަޑައިގަންނަވާނެތީ، އަންނަ ބުރާސްފަތި ދުވަހަށް އެކަން ފަސްކޮށްދެއްވަން އެދިވަޑައިގެންފައި ވަނިކޮށެވެ.

"މިހާތަނަށް ވެސް އަޅުގަނޑު 40 އަށް ވުރެ ގިނަ ދުވަހު ހުރިއިރު ވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައި ނުވާތީ އާއި އިތުރު ވިއްސަކަށް ގަޑިއިރަށް މި ޝަރީއަތުގެ މަޖިލިސް ލަސްކޮށް ދެއްވުމަކުން، މިހާތަނަށް އަޅުގަނޑާ މެދު ގާނޫނާ ހިލާފަށް ހިނގާފައިވާ ކަންކަން އެ ނޫން ގޮތަކަށް ހިނގާފައިވާނެ ކަމަށް ގަބޫލުކުރެވޭނެ ހަމައެއް ވެސް އޮންނާނެ ކަމަށް އަޅުގަނޑަށް ނުފެންނާނެތީ އެވެ،" ބަންދާ މެދު ގޮތެއް ނިންމާ ޝަރީއަތް ފަސްކޮށްދެއްވަން އެދިވަޑައިގެންނެވި ސަބަބު މައުމޫން ލިއުއްވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހަމަވާނީ ވެސް ބުރާސްފަތިދުވަހު އެވެ. އެ ހާލަތު އިތުރުކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މައުމޫން ހައްޔަރުކުރީ ސަރުކާރު ވައްޓާލަން ރޭވުމާއި ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ހައްޔަރުކޮށް، ދައުވާ އުފުލައިފަ އެވެ.

މައުމޫންގެ މައްޗަށް ދައުވާކުރަން ކްރިމިނަލް ކޯޓަށް ޕީޖީގެ ފަރާތުން މިހާރު ވަނީ މައްސަލަ ހުށައަޅައިފަ އެވެ. އެކަމަކު މައުމޫންގެ މައްޗަށް ކުރަނީ ކޮން ދައުވާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.