Roadha Mihaaru
ހައްޔަރު ކުރި އަށް ފުލުހަކު ވަޒީފާ އިން ވަކިކޮށްފި

ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އަށް ފުލުހަކު ވަޒީފާ އިން ވަކިކޮށްފި: ވަކީލް

01 އެޕްރީލް 2018

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އަށް ފުލުހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އެ ފުލުހުންގެ ދިފާއީ ވަކީލު މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި އަށް ފުލުހަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އެ ފުލުހުންގެ ދިފާއީ ވަކީލު މިރޭ ވިދާޅުވެއްޖެ އެވެ.

އެ އަށް ފުލުހުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ދެ ވަނަ ފަހަރަށް ވަނީ އިތުރުކޮށްފަ އެވެ.

ވަކީލް ނާޒިމް ސައްތާރު ވިދާޅުވީ މީގެ ތެރެއިން އެކެއްގެ ބަންދަށް 10 ދުވަސް އިއްޔެ އިތުރުކޮށްފައިވާއިރު، ހަތް މީހެއްގެ ބަންދަށް ފަސް ދުވަސް އިތުރުކުރީ މިއަދު ކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން، ވެރިކަން ވައްޓާލަން އުޅުމުގެ އިތުރުން ވެސް ގިނަ ތުހުމަތުތަކެއް އެ ފުލުހުންގެ މައްޗަށް ކުރެ އެވެ. އޭގެ ތެރޭގައި، ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެ ޣައިރު ގާނޫނީ އެއްވުންތަކެއްގެ ތެރެއިން، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައި ސަލާމަތީބާރުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ހިމެނެ އެވެ.

އެ ފުލުހުންގެ އިތުރުން، ވެރިކަން ވައްޓާލުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން އަރީފް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަށް ކުރަނީ، އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ސަރުކާރުން ގޮތެއް ނުނިންމަނީސް، އެ އަމުރު ތަންފީޒުކުރަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި، އެއީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ދީގެން ނެރެފައިވާ ޣައިރު ގާނޫނީ އަމުރެކެވެ.

އެ އަމުރުން ދައުލަތް ހިންގުން އޮޅުންބޮޅުން ވެ، ގާނޫނުއަސާސީގެ ބާރުކެނޑިދާނެ ކަމަށް ބުނެ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ހިމެނިވަޑައިގަންނަވަ އެވެ. މީގެ އިތުރުން، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަށްގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ހެންވޭރު މެދު ދާއިރާގެ އަލީ އާޒިމް އަދި ބައެއް ސިފައިންނާއި ފުލުހުންތަކަކާއި އާއްމުން ވެސް ހިމެނެ އެވެ.