Roadha Mihaaru
އެސްއޯއީގެ ދަށުން ކުރާ ތަހުގީގުގައި ޕީޖީގެ ޓީމެއް

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުކުރެވޭ މީހުންގެ ތަހުގީގުގައި ޕީޖީގެ ޓީމެއް

21 މާޗް 2018

ސުޕްރީމް ކޯޓުން އަމުރެއް ނެރެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރަމުން އަންނަ ތަހުގީގުތަކުގައި އެހީތެރިކަން ދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުންގެ ޓީމެއް ފުލުހުންނާ އެކު މަސައްކަތްކުރަމުން އަންނަކަން އެނގިއްޖެ އެވެ.

ސުޕްރީމް ކޯޓުން އަމުރެއް ނެރެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރަމުން އަންނަ ތަހުގީގުތަކުގައި އެހީތެރިކަން ދިނުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލުންގެ ޓީމެއް ފުލުހުންނާ އެކު މަސައްކަތްކުރަމުން އަންނަކަން އެނގިއްޖެ އެވެ.

ބޮޑެތި މައްސަލަތަކުގެ ތަހުގީގުގައި މީގެ ކުރިން ވެސް ޕީޖީން ފުލުހުންނާ އެކު މަސައްކަތްކޮށްފައިވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރާ ތަހުގީގަށް ޕީޖީ އޮފީހުން ތިން ވަކީލަކު ވަނީ ކަނޑައަޅައިފަ އެވެ. މައްސަލާގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވަނީ އެ ވަކީލުންގެ އިރުޝާދުގެ ދަށުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ކަމަށް ވެސް ވަނީ އެނގިފަ އެވެ.

މީގެ ކުރިން ޕީޖީ އައިޝަތު ބިޝާމް ވަނީ، ސިޔާސީ ބަޔަކު ހިމެނޭ ގޮތަށް ނުވަ މީހަކު މިނިވަންކުރުމަށް މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު އިއުލާނުކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ރައްޔިތުންގެ މަޖިލީހުން އިތުރުކުރީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ވިދާޅުވެ ފުލުހުންނަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އެ ސިޓީގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެންމެން ދޫކޮށްލުމަށް ވިދާޅުވެފައިވެ އެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތާ މެދު މަޖިލީހުން އަމަލުކުރި ގޮތް ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން، ބިޝާމް ވަނީ ޕީޖީ އޮފީހުގެ ވަކީލުންނާ ބައްދަލުކުރައްވައި، ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް އަމަލުކުރައްވާނެ ކަމަށް ވިދާޅުވެފައި ކަމަށް ވެސް ވަނީ އެނގިފަ އެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކޮށްފައިވާ ދައުވާތަކާ ބެހޭ ގޮތުން ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިދިޔަ މަހު 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ސަރުކާރު ވައްޓާލަން ނެރުނު އަމުރެއްކަން މިހާރު އެނގޭ ކަމަށެވެ. އަދި އެއީ ދުރާލައި ރޭވިގެން، މާލީ މަންފާތަކެއްގެ ބަދަލުގައި ނެރުނު އަމުރެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެ މަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫންގެ ދަރިކަލުން ޔުމްނާގެ ފިރިކަލުން އަހްމަދު ނަދީމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި މެންބަރު އަބްދުﷲ ސިނާނާއި މެންބަރު އަބްދުﷲ ރިޔާޒް އަދި މެންބަރު އިލްހާމް އަހްމަދުގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާކުރަން ވަނީ ކޯޓަށް ފޮނުވައިފަ އެވެ. މީގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް، ރިޝްވަތު ހިފުމުގެ ދައުވާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ ވެސް ކޮށްފައިވެ އެވެ.