Roadha Mihaaru
ގިނަ މެންބަރުން ވާހަކަ ދެއްކެވީ ނަޝީދުގެ ދިފާއުގައި

ގިނަ މެންބަރުން ވާހަކަ ދެއްކެވީ ނަޝީދުގެ ދިފާއުގައި

28 އޮކްޓޯބަރ 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޓެރަރިސްޓެއް ނޫން ކަމަށާއި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ ބޭއިންސާފުން ކުރި ހުކުމެއް ކަމަށް އިދިކޮޅު ގިނަ މެމްބަރުން މިރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ޓެރަރިސްޓެއް ނޫން ކަމަށާއި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ ބޭއިންސާފުން ކުރި ހުކުމެއް ކަމަށް އިދިކޮޅު ގިނަ މެމްބަރުން މިރޭ ވިދާޅުވެއްޖެ އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އިއްވި 13 އަހަރުގެ ޖަލު ހުކުމް ބާތިލްކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމް، ސުޕްރީމް ކޯޓުގައި އެދިވަޑައިގަތުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބަލައިގަނެ، މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

ނަޝީދާ ގުޅޭ ގަރާރު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ ތެރެއިން 48 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް ހަތަރު މެމްބަރަކު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެމްބަރަކު އިންނެވި އެވެ.

ސާޅީސް ނުވަ މެމްބަރުން ސޮއިކުރައްވައި، ނަޝީދު މިނިވަން ކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅި ފަހުން، ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ސުޕްރީމް ކޯޓުގައި މިއަދު ވަނީ އެދިވަޑައިގެންފަ އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ވިދާޅުވީ ނަޝީދަކީ ޓެރަރިސްޓެއް ނޫން ކަމަށެވެ. އެމަނިކުފާނަކީ ގައުމަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވި ލީޑަރެއް ކަމަށާއި ނަޝީދާ މެދު އަމަލު ކުރީ އިންސާފުން ނޫން ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގެ ބައެއް މެމްބަރުން މިއަދު މަޖިލީހުގެ އިދާރާގެ ގޯތިތެރޭގައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މަޖިލީހުގެ ބައެއް މެމްބަރުން މިއަދު މަޖިލީހުގެ އިދާރާގެ ގޯތިތެރޭގައި. --- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ނަޝީދު ގައުމަށް ކޮށްދެއްވި ހިދުމަތްތަކުގެ ސަބަބުން އެކަން ތަހަންމަލު ނުކުރެއްވުނީ ބައެއް ސިޔާސީ ލީޑަރުންނަށް ކަމަށް ވެސް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ. އެހެންވެ، އެބޭފުޅުންގެ ފަރާތުން ނަޝީދަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވި ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ. މެމްބަރުން ވަނީ ނަޝީދު މިނިވަނެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވޭ ގޮތް ހެއްދެވުމަށް އެދިވަޑައިގެންފަ އެވެ.

އިންތިޚާބީ ނައިބު ރައީސް، ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ އެދުމަކީ ނަޝީދު ވަގުތުން މިނިވަންވުމެވެ. އަދި ނަޝީދު މިނިވަންކޮށް ދިނުމަށް މަޖިލީހަށް ހުށަހެޅި ގަރާރަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ބުނޭ.-- މިހާރު ފައިލް ފޮޓޯ

ކުރީގެ ރައީސް މުހައްމަދު ނަޝީދު. އެމަނިކުފާނު އަންނަ މަހުގެ އެއްވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ބުނޭ.-- މިހާރު ފައިލް ފޮޓޯ

"ނަޝީދު ރާއްޖޭގައި ކުރެއްވި މަސައްކަތްތަކަކީ ޒަމާނީ ޑިމޮކްރަސީ ގާއިމް ކުރުމާއި އިންސާނީ އެތައް ހައްގުތަކެއް ކަށަވަރުކޮށްދިނުމާއި ހެޔޮ ވެރިކަން ކުރެއްވުމަށް ކުރި މަސައްކަތް،" ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ޖަލުތަކުގައި ނުހައްގުން އަނިޔާ ލިބެމުންދާ ހުރިހާ އެންމެންނަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އަދި ވަކި މީހަކަށްވީތީ އިންސާފު ނުލިބި އޮވެގެން ނުވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. ފައިސަލް ވަނީ ރައްޔިތުން ކުރި މަސައްކަތުގެ ފޮނި ނަތީޖާ ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވީ ނަޝީދަށް ކުރި ޓެރަރިޒަމްގެ ހުކުމަކީ ސިޔާސީ ބޭނުމެއްގައި، ސިޔާސީ ހަސަދަވެރިކަމެއް އޮވެގެން ކުރި ކަމެއް ކަމަށެވެ. ރާއްޖޭގެ މުޅި ނިޒާމު ހަރާބުކޮށްލީ ސިޔާސީ ވާދަވެރިން ނައްތާލަން ކަމަށް ޝާހިދު ވިދާޅުވި އެވެ.

"އެކަން ރާއްޖެ އާއި ބޭރުގެ އެއްވެސް ފަރާތަކުން ގަބޫލެއް ނުކުރޭ،" ޝާހިދު ވިދާޅުވި އެވެ.

ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވީ ނަޝީދުގެ މައްޗަށް ހުކުމް ކޮށްފައިވަނީ ބޭއިންސާފުން ކަމަށްވާ ނަމަ، ނަޝީދަށް އިންސާފު ލިބެން ޖެހޭނެ ކަމަށެވެ. ހަމަ އެގޮތަށް، ޣައިރު ގާނޫނީ ގޮތެއްގައި ހުކުމްކޮށްފައިވާ ކަމަށް ބުނާނަމަ، އެމީހުންނަށް އިންސާފު ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް) އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވެސް މިނިވަން ކުރަން ޖެހޭ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ. އަދި މިކަމުގައި "ވަކި މީހެއް އިސްތިސްނާ ވެގެން ނުވާނެ" ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ވިދާޅުވީ އަނިޔާވެރިކަން ހައްދުފަހަނަ އެޅި، މިދިޔަ ފަސް އަހަރުގައި އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އެގޮތުން ހަތަރު ލީޑަރުން އަނިޔާކޮށް ޖަލަށްލައި އެތައް އަނިޔާއެއް ކުރި ކަމަށް ވައްޑެ ވިދާޅުވި އެވެ. ނައިބު ރައީސުންނާއި މަޖިލީހުގެ މެމްބަރުންނަށް އަނިޔާ ކުރި ކަމަށް ވެސް ވިދާޅުވި އެވެ.

ވައްޑެ ވަނީ ނަޝީދުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް ބިޝާމް، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާތީ އެކަން ފާހަގަ ކުރައްވައި، ބިޝާމަށް ޝުކުރު ދަންނަވައިފަ އެވެ.

ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައްޔިތުންގެ ފަރާތުން އެންމެ ބޮޑަށް އެދުނީ ރާއްޖޭގައި އިންސާފު ގާއިމުކޮށްދިނުމަށް ކަމަށެވެ. އެމީހުން ތިބީ، ރަށްރަށުގައި ބަނދަރާއި ނަރުދަމާގެ ނިޒާމު ނޭޅިޔަސް ހެޔޮ ކަމަށް ނިންމައިގެން ކަމަށް އަލީ ވިދާޅުވި އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރަކީ ސިޔާސީ ބޭފުޅުންނާއި އާންމު ރައްޔިތުންނަށް ވެސް އިންސާފު ނުލިބުނު ފަސް އަހަރެއް ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

"އެހެންވީމަ، މިފަހަރުގެ އިންތިޚާބުގައި އިންސާފަށްޓަކައި ރައްޔިތުން ވޯޓު ދިނީ،" އަލީ ވިދާޅުވި އެވެ.

ނަޝީދަށް ކުރީ ސިޔާސީ ހުކުމެއް ކަމަށް އަލީ ވެސް ވިދާޅުވި އެވެ. އޭނާ ވަނީ ނަޝީދަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައްވައިފަ އެވެ. އަދި ނަޝީދުގެ މައްޗަށް ކުރި ހުކުމް ބަދަލުކޮށް، އެމަނިކުފާނު މިނިވަންވެގެން، ރާއްޖެ ވަޑައިގެންނެވޭނެ ގޮތް ހަމަޖައްސައި ދެއްވުމަށް އަލީ އެދިވަޑައިގެންނެވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް

ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ ރާއްޖޭގެ އެއްވެސް މީހަކަށް ގާނޫނުއަސާސީ އާއި ގާނޫން ބޭރުން ކަމެއް ވާން އެދިވަޑައިނުގަންނަވާ ކަމަށެވެ. އާމިރު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި މައްސަލަތަކެއް ހުރި ކަމަށް ވިދާޅުވެ، އެކަންކަމުގެ ތަފްސީލަށް ވަޑައިގެންފަ އެވެ.

އާމިރު ވިދާޅުވި ގޮތުގައި، ބައެއް މީހުންގެ މައްސަލަތައް ވީހާވެސް އަވަހަކަށް ނިންމާ އިރު، އެހެން މީހުންގެ މައްސަލަތައް ކޯޓުތަކުގައި އޮތީ "ތޮއްޖެހިފަ" އެވެ. މިއީ ރާއްޖޭގެ ރައްޔިތުން ދަންނަ ހަގީގަތެއް ކަމަށް ވެސް އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ކަން ވެސް ކުރައްވާ އާމިރު ވިދާޅުވި އެވެ. އާމިރު ވިދާޅުވީ އަދުލު އިންސާފުގެ ދާއިރާ ރަނގަޅު ކުރުމަށް މަޖިލީހުން ތެދުވާން ޖެހޭ ކަމަށެވެ.

"ސިޔާސީ ބޭނުމަށް އަބަދު ލިބިގެން ވާނެ ކަމަކަށް ގަބޫލެއް ނުކުރަން،" ނުހައްގުން އަނިޔާ ލިބިފައި ތިބި މީހުންނަށް އިންސާފު ލިބެން ޖެހޭނެ ކަން ފާހަގަ ކުރައްވައި އާމިރު ވިދާޅުވި އެވެ.

ނަޝީދުގެ ހުކުމް ބާތިލް ކުރުމުގެ ގަރާރު މިދިޔަ ބުދަ ދުވަހު މަޖިލީހަށް ފޮނުވުމާ އެކު ރައީސް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު މައްސަލައިގައި ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއެއް ކްރިމިނަލް ކޯޓުން ބަނީ ބޭރުކޮށްފަ އެވެ.

ނަޝީދުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައި ވަނީ އެ މަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ފެބްރުއަރީ، 2015ގަ، އެވެ. އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް އދ. ގެ ވޯކިން ގްރޫޕުން ވެސް ވަނީ ނިންމައިފަ އެވެ.