Roadha Mihaaru
ރާއްޖޭގައި ފުރަތަމަ ހެދި ޕީއެޗްޑީ: އާ އުންމީދެއް!

ރާއްޖޭގައި ފުރަތަމަ ހެދި ޕީއެޗްޑީ: އާ އުންމީދެއް!

27 މާޗް 2018

ރާއްޖޭގައި ފުރަތަމަ ފެށި ޕީއެޗްޑީ ކޯސް ފުރިހަމަކުރައްވައި ދިވެހި ފަސްގަނޑުގައި ޕީއެޗްޑީ ހާސިލް ކުރެއްވުމުގެ ޝަރަފު އަންހެން ދެ ބޭފުޅަކު މިވަނީ ހޯދަވާފަ އެވެ. ގައުމީ ޔުނިވާސިޓީން ހިންގި އެ ކޯސް ފުރިހަމަކުރައްވައި ސުނީނާ ރަޝީދާއި އާއިޝަތު އަލީ މިވަނީ ތާރީހުން ފުރުސަތު ހޯއްދަވާފަ އެވެ. އެ ދެ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ގައުމަށް ހޯދައިދެވުނު ރީތި ނަމެކެވެ. ތައުލީމީ ދާއިރާ އަށް ގެނެވުނު އާ އުންމީދެކެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރާއްޖޭގައި ފުރަތަމަ ފެށި ޕީއެޗްޑީ ކޯސް ފުރިހަމަކުރައްވައި ދިވެހި ފަސްގަނޑުގައި ޕީއެޗްޑީ ހާސިލް ކުރެއްވުމުގެ ޝަރަފު އަންހެން ދެ ބޭފުޅަކު މިވަނީ ހޯދަވާފަ އެވެ. ގައުމީ ޔުނިވާސިޓީން ހިންގި އެ ކޯސް ފުރިހަމަކުރައްވައި ސުނީނާ ރަޝީދާއި އާއިޝަތު އަލީ މިވަނީ ތާރީހުން ފުރުސަތު ހޯއްދަވާފަ އެވެ. އެ ދެ ބޭފުޅުން ވިދާޅުވާ ގޮތުގައި މިއީ ގައުމަށް ހޯދައިދެވުނު ރީތި ނަމެކެވެ. ތައުލީމީ ދާއިރާ އަށް ގެނެވުނު އާ އުންމީދެކެވެ.

ތައުލީމީ އެންމެ މަތީ ހަރުފަތަށް ވަޑައިގަތުމުގެ ހުވަފެން އަބަދުވެސް ދެކެވަޑައިގެންނެވި ސުނީނާ ތައުލީމީ ދާއިރާއާ ގުޅިވަޑައިގަތީ އެ ދާއިރާއިން 2006 ވަނަ އަހަރު ޑިގްރީ ހެއްދެވުމަށް ފަހު އެވެ. ސީއެޗްއެސްސީގެ ކެމިސްޓްރީ ޓީޗަރެއްގެ ވަޒީފާގައި މަސައްކަތް ކުރައްވަމުން ގެންދެވި އިރު ވެސް އޭނާ އެންމެ ބޭނުންވެ ވަޑައިގަތީ ރާއްޖޭގައި ހުންނަވައިގެން މާސްޓާސް އަށް ކިޔަވާ ވިދާޅުވުމެވެ. ނަމަވެސް އެ ފުރުސަތު އޭރު ރާއްޖޭގައި ނެތުމުން 2007 ވަނަ އަހަރު އިންޑިއާގެ މައިސޫރު ޔުނިވާސިޓީއާ ގުޅިވަޑައިގެން ދޮޅު އަހަރުގެ ތެރޭގައި މާސްޓާ އޮފް އެޑިއުކޭޝަން އެންޑް ސުކޫލް މެނޭމަންޓް ހާސިލް ކުރެއްވި އެވެ.

"އެއަށްފަހު އައިސް އަނެއްކާ ވެސް މަސައްކަތް ކުރީ ސީއެޗްއެސްއީގައި ސުޕަވައިޒަރަކަށް. އޭރު ވެސް ބަލަމުން ދިޔައީ ޕީއެޗްޑީ ހެދޭނެ ގޮތަކަށް. އަބަދު ވެސް ބޭނުންވީ ރާއްޖޭގައި ހުރެ ޕީއެޗްޑީ ހަދަން،" އޭރުގެ އުންމީދުތައް ހިއްސާ ކުރައްވަމުން ސުނީނާ ވިދާޅުވި އެވެ.

ސުނީނާ ދަސްވެނިވުމުގެ ސެޓްފިކެޓާއި ހަވާލުވަނީ-- ފޮޓޯ: ޔުނިވާސިޓީ

ސުނީނާ ދަސްވެނިވުމުގެ ސެޓްފިކެޓާއި ހަވާލުވަނީ-- ފޮޓޯ: ޔުނިވާސިޓީ

ކުޑަ ދެކުދިންގެ މަންމަ ރާއްޖެ ދޫކުރައްވައި ވަޑައިގަތުމަށް ބޭނުމެއް ނުވި އެވެ. ރާއްޖޭގެ މާހައުލުން އެހެން މާހައުލަކަށް ކުދިން ބަދަލުކުރެއްވުމުގެ ވިސްނުމެއް ނުގެންގުޅުއްވި އެވެ. އެ އިންތިޒާރުގައި ހުންނެވި ސުނީނާ އަށް އުފާވެރިކަން ލިބިވަޑައިގަތީ 2013 ވަނަ އަހަރު ގައުމީ ޔުނިވާސިޓީން ޕީއެޗްޑީ އަށް ކިޔަވާ ވިދާޅުވުމުގެ ފުރުސަތު ހުޅުވާލުމުންނެވެ. އެއާއެކު ސަރުކާރުން ހުޅުވާލި ރިސާޗް ފެލޯޝިޕް ވެސް ލިބިވަޑައިގަތެވެ.

އޮސްޓްރޭލިޔާއިން މާސްޓާސްއާ ހަމައަށް ކިޔަވާ ވިދާޅުވުމަށްފަހު، ގައުމީ ޔުނިވާސިޓީގެ ރަޖިސްޓާގެ މަގާމާ ހަވާލުވެވަޑައިގެންނެވި އައިޝަތު އަލީ މުޅިންހެން އުޅުއްވީ ކޯސްތައް އެކުލަވާލެއްވުމާއި ދަރިވަރުންނާ ގުޅުންހުރި ކަންކަމުގެ ތެރޭގަ އެވެ. އައިޝަތު ވިދާޅުވާގޮތުގައި ރާއްޖެއިން ޕީއެޗްޑީ ހެއްދެވުމުގެ ވިސްނުން އޭނާ އަށް އައީ އެ ކޯސް ތައްޔާރު ކުރެއްވުމުގެ ތެރެއިންނެވެ. ކޯސް އެކުލަވާލިއިރު އެއީ ފެންވަރު ރަނގަޅު ކޯހެއްކަން ޔަގީންވުމުންނެވެ.

މިއީ ރާއްޖޭގައި އަލަށް ފެށި ކޯހަކަށްވާތީ ދެ ބޭފުޅުންނަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވި އެވެ.

ސުނީނާ ވިދާޅުވި ގޮތުގައި އޭނާ އަށް އެންމެ ބޮޑަށް ކުރިމަތިވެ ވަޑައިގަތް ގޮންޖެހުމަކީ ދިރާސާ ކުރުމަށް ބޭނުންވާ ޖާނަލްތައް ޔުނިވާސިޓީގެ ޑޭޓާ ބޭސްއިން ލިބެން ނެތުމެވެ. ނަމަވެސް އެކަން ފަހުންވީ ރަނގަޅަކަށެވެ. އެ ޖާނަލްތައް ހޯދުމަށް ދުނިޔޭގެ އެކި ގައުމުތަކުގައި ތިއްބެވި ޕްރޮފެސަރުންނަށް އޭނާ މެއިލް ކުރެއްވުމުން އެ ބޭފުޅުންނާ އެކު ރަނގަޅު ނެޓްވޯކެއް ބިނާކުރެއްވުނެވެ.

"ދުނިޔޭގެ ވަރަށް ގިނަ ޕްރޮފެސަރުންނަށް އީމެއިލްކުރީ، ހުރިހާ ބޭފުޅުންނަކީ ވެސް ކިތަންމެ ދުރުގައި ތިއްބެވިޔަސް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ބޭފުޅުން. ވަރަށް ގިނަ ގައުމުތަކެއްގެ ޕްރޮފެސަރުންނާއެކު ނެޓްވޯކެއް ބިނާކުރެވިއްޖެ. އޭގެ ތެރޭގައި ނިއުޒިލެންޑް. އޮސްޓްރޭލިއާ، ޔޫކޭގެ ޕްރޮފެސަރުން ހިމެނޭ،" ސުނީނާ ވިދާޅުވި އެވެ.

ކުރިމަތިވި ގޮންޖެހުންތައް ފާހަގަ ކުރައްވަމުން އައިޝަތު ވިދާޅުވީ އޭގެ ތެރޭގައި ލައިބްރަރީގެ ވަސީލަތްތައް މަދުވުން ހިމެނޭ ކަމަށެވެ. އެކަންކަން ހައްލުކުރީ ރާއްޖެއިން ބޭރުގައި ތިބި އެކުވެރިންނާއި ސުޕަވައިޒަރެއްގެ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވި ޑރ. ހަސަން ހަމީދުގެ އެހީތެރިކަމާ އެކު ކަމަށް އައިޝަތު ވިދާޅުވި އެވެ.

އައިޝަތު (މ) އޭނާގެ އެކުވެރިންނާ އެކު ޔުނިވާސިޓީގައި-- ފޮޓޯ: ފޭސްބުކް

އައިޝަތު (މ) އޭނާގެ އެކުވެރިންނާ އެކު ޔުނިވާސިޓީގައި-- ފޮޓޯ: ފޭސްބުކް

ގޮންޖެހުންތަކާ އެކު ކިޔަވާ ވިދާޅުވާން ވަގުތު ހޯއްދެވުން އެ ދެ ބޭފުޅުންނަށް ވެސް ވީ ބޮޑު ކަމަކަށެވެ. ދިރިއުޅުމަށް މަސައްކަތް ކުރުމާއި އާއިލާ އަށް ވަގުތު ދެއްވަމުން، ތައުލީމް ހާސިލް ކުރެއްވީ ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވެ.

ވޭތުވެދިޔަ ހަތަރު އަހަރު ޔުނިވާސިޓީގެ މުވައްޒަފުންނަށް ވުރެ ކުރިން ސުނީނާ ޔުނިވާސިޓީ އަށް ވަޑައިގަންނަވަ އެވެ. މުޅި ދުވަސް ކިޔެވުމަށް ފަހު އޭނާގެ ޔުނިވާސިޓީން ނުކުމެވަޑައިގަންނަވަނީ ހަވީރު އެވެ. އަނެއްކާ ރޭގަނޑުގެ ބޮޑު ބައެއް ވެސް ހޭދަ ކުރައްވަނީ ކިޔެވުމުގަ އެވެ.

"ޕީއެޗްޑީ ހެދުމަކީ ބޮޑު ގުރުބާނީއެއްވާން ޖެހޭ ބުރަ މަސައްކަތެއް. ވަކި އާދަތަކަކަށް މީހާ ބައްޓަންވާންޖެހޭ. ސުޕަވައިޒަރުން ދެއްވާ ޓާސްކްތައް ބަރާބަރަށް ނިންމަންޖެހޭނެ،" އެކަމުގެ ބުރަކަން ފާހަގަ ކުރައްވައި ސުނީނާ ވިދާޅުވި އެވެ.

ޔުނިވާސިޓީގެ ރަޖިސްޓާގެ ވަޒީފާގެ ބުރަކަމުން ކިޔެވުމަށް ވަގުތު ހޯއްދެވުން އައިޝަތަށް ވީ ދަތި ކަމަކަށެވެ. އެކަން އޭނާ ކުރެއްވީ އާއިލީ ވަގުތުތައް ކިޔެވުމަށް ހޭދަކުރައްވައިގެންނެވެ.

"ގިނަ ދުވަސްދުވަހު ހަތަރު ގަޑިއިރު ނިދައިގެން ވެސް ކިޔަވައިފިން. ވަޒީފާ އަށް ފަރުވާ ކުޑަކުރެވޭކަށް ނޯންނާނެ. އެހެންވެ ފިރިމީހާ އާއި މަންމަމެންގެ އެހީތެރިކަމާ އެކު ކިޔެވުނީ،" އައިޝަތު ވިދާޅުވި އެވެ.

ޕީއެޗްޑީ ހެދުމަށް ގިނަބަޔަކު ރާއްޖެއިން ބޭރު އިހުތިޔާރު ކުރާއިރު މިކަމުގައި މި ބޭފުޅުންގެ ވިސްނުން ތަފާތެވެ.

ސުނީނާ ވިދާޅުވާގޮތުގައި ރާއްޖޭގައި ތިބެގެން ޕީއެޗްޑީ ހެދުމުން އެ ދިރާސާކުރާ ދާއިރާއެއްގެ ތެރޭގައި ހުރި މައްސަލަތަކާއި ދުވަހުން ދުވަހަށް އަންނަމުންދާ ބަދަލުތައް ކައިރިން ފެނިގެން ދާނެ އެވެ. އެހެން ގައުމެއްގައި ހުރެ ކިޔެވުމުގެ ބަދަލުގައި ރާއްޖޭގައި ހުރުމުން އެ މައްސަލަތައް ކައިރިން ފެނުމަކީ އެކަންކަމުގެ ހައްލު ދެނެގަތުމަށް ފަސޭހަ ވެގެން ދިޔަ ކަމެއް ކަމަށް ސުނީނާ ވިދާޅުވި އެވެ.

އައިޝަތު ވިދާޅުވާގޮތުގައި ޕީއެޗްޑީ ހަދާއިރު ކުރާ ދިރާސާއަކީ ރާއްޖެއާ ގުޅުންހުރި ދިރާސާއެއް ނަމަ ރާއްޖެއިން ކިޔެވުން ވަރަށް މުހިންމެވެ. ބޭނުންވާ މައުލޫމާތު ހޯދުމުގެ ފަސޭހައަށާއި ރަނގަޅު ސުޕަވައިޒާއެއް ލިބިއްޖެ ނަމަ ކިޔަވަން ރަނގަޅީ ރާއްޖެ ކަމަށް ރާއްޖެއިން ބޭރުން މަތީ ތައުލީމުގެ ބޮޑުބައެއް ހާސިލް ކުރެއްވި އައިޝަތު ވިދާޅުވި އެވެ.

ގައުމީ ޔުނިވާސިޓީން ޕީއެޗްޑީ ހެދިއިރު ސުޕަވައިޒަރުންގެ ގޮތުގައި މަސައްކަތް ކުރެއްވި ދިވެހިންނާއި ބޭރުން ވަޑައިގެންނެވި ޕްރޮފެސަރުންގެ އެހީތެރިކަމާއެކު ފެންވަރު ރަނގަޅު ތައުލީމެއް ހާސިލް ކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް އެ ދެ ބޭފުޅުން ވެސް ވިދާޅުވެ އެވެ.

މިހާރު ވަކި ވަޒީފާއެއްގައި ނޫޅޭ ސުނީނާ ވިދާޅުވީ އޭނާ ބޭނުންވަނީ ގައުމީ ޔުނިވާސިޓީގައި ދިރާސާ ކުރުމާ ގުޅުންހުރި ދާއިރާއެއްގައި މަސައްކަތް ކުރައްވަން ކަމަށެވެ.

ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާ އަކަށް މިހާރު ހުންނެވި އައިޝަތު ބޭނުންވަނީ މިހާރެކޭ ވެސް އެއްގޮތަށް ކިޔަވައިދިނުމުގައި އުޅުމާއެކު ދިރާސީ ލިޔުންތައް ލިޔުއްވުމެވެ.