Roadha Mihaaru
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހަދައިފި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހަދައިފި

27 މާޗް 2018

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ފުރަތަމަ ފަހަރަށް ދެ ދަރިވަރަކު ޕީއެޗްޑީ ހާސިލް ކޮށްފި އެވެ. މިއީ ރާއްޖޭގައި ފުރަތަމަ ހެދި ޕީއެޗްޑީ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ފުރަތަމަ ފަހަރަށް ދެ ދަރިވަރަކު ޕީއެޗްޑީ ހާސިލް ކޮށްފި އެވެ. މިއީ ރާއްޖޭގައި ފުރަތަމަ ހެދި ޕީއެޗްޑީ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ދިވެހި ގައުމީ ޔުނިވަސިޓީގެ ދަސްވެނިވުމުގެ ހަފުލާގައި، އެތަނުން ފުރަތަމަ ޕީއެޗްޑީ ފުރިހަމަ ކުރި ކަމުގެ ސެޓްފިކެޓް ހާސިލް ކުރީ ސުނެއިނާ ރަޝީދާއި އާއިޝަތު އަލީ އެވެ. އެ ދެ ދަރިވަރުން ވެސް ޕީއެޗްޑީ ހެދީ ތައުލީމީ ދާއިރާ އިންނެވެ.

ސުނީނާ ޕީއެޗްޑީގެ ތީސިސް ލިޔުނީ މިހާރު ޓީޗަރުން ތަމްރީން ކުރަމުން އަންނަ ގޮތާއި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށެވެ. އަދި ކުރިމަގުގައި އެ ތަމްރީނުތައް ރާވައި ހިންގިދާނެ ގޮތްތަކާ ބެހޭ ގޮތުން ވެސް ވަނީ އޭނާގެ ތީސީސްގައި އަލިއަޅުވާލައިފަ އެވެ.

ތައުލީމީ ދާއިރާއިން ރާއްޖެ އިން ޕީއެޗްޑީ ހާސިލްކުރި ދެ ދަރިވަރުންގެ ތެރެއިން އާއިޝަތު އަލީއަށް، ހޯމް މިނިސްޓަރު އަޒްލީން މިރޭ ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.--ފޮޓޯ: އެމްއެންޔޫ

ތައުލީމީ ދާއިރާއިން ރާއްޖެ އިން ޕީއެޗްޑީ ހާސިލްކުރި ދެ ދަރިވަރުންގެ ތެރެއިން އާއިޝަތު އަލީއަށް، ހޯމް މިނިސްޓަރު އަޒްލީން މިރޭ ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.--ފޮޓޯ: އެމްއެންޔޫ

އާއިޝަތު އަލީގެ ތީސިސް ހާއްސަ ކުރީ އިހުޒަމާނުގައި ރާއްޖޭގައި އޮތް ތައުލީމީ ސިޔާސަތުތަކާ ބެހޭގޮތުންނެވެ.

މިރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވީ، ރާއްޖޭގައި ތިބެގެން ޕީއެޗްޑީ ހާސިލް ކުރުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ ކުރިއްސުރެ ވެސް އޭނާ ދެކެވަޑައިގަނަވަމުން އައި ހުވަފެނެއް ކަމަށެވެ. އެހެންވެ އެކަން ހާސިލްވެ، ޕީއެޗްޑީ ނިންމި ދެ ދަރިވަރުންގެ ދަސްވެނިވުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވުމަކީ ލިބިވަޑައިގެންނެވި ފަޚުރެއް ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހުން މަދު ގައުމެއްގައި އެމްއެންޔޫ ފަދަ ޔުނިވާސިޓީއެއް ތަރައްގީ ކުރުމަކީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވައިދޭން ފަށާ ފުރަތަމަ މަރުކަޒަކީ ވެސް އެމްއެންޔޫ ކަން އަޒްލީން ފާހަގަކުރެއްވި އެވެ.

އެމްއެންޔޫއިން މިރޭ ބޭއްވި ގްރެޖުއޭޝަން ހަފުލާ ޝަރަފުވެރިކޮށްދެއްވައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއެންޔޫ

އެމްއެންޔޫއިން މިރޭ ބޭއްވި ގްރެޖުއޭޝަން ހަފުލާ ޝަރަފުވެރިކޮށްދެއްވައި ހޯމް މިނިސްޓަރު އަޒްލީން ވާހަކަދައްކަވަނީ.-- ފޮޓޯ: އެމްއެންޔޫ

އޭނާ ވިދާޅުވި ގޮތުގައި ތައުލީމް އުނގެނުމަކީ މީހާ ބޮޑާވެ ކިބުރުވެރިވާން ޖެހޭ ކަމެއް ނޫނެވެ. އެއީ މާތްﷲ ހަވާލު ކުރައްވާފައިވާ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި އެކަމަށް ހިޔާނަތްތެރިވުމަކީ އެއްވެސް ހާލަތެއްގައި ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"އިލްމެއް ލިބުނަސް އަދި އަޚުލާގީ ސިފަތަކުން ނަފްސު ޒީނަތްތެރި ނުކޮށްފި ނަމަ އެކަމުން ތިމާ އަށް ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ. އަދި ހިތްހަމަ ޖެހުމެެއް ވެސް ނޯންނާނެ. ތިމާގެ އިލްމީ ގާބިލްކަން ބަލާ މިންގަނޑަކީ ހަމައެކަނި އަތަށް ލިބޭ ސެޓްފިކެޓްތައް ކަން ހައްދަވައިގެން ނުވާނެ. ތަޖުރިބާ އަކީ ވެސް މުހިއްމު އެއްޗެއް ކަން ގަބޫލުކުރަން ވާނެ،" އަޒްލީން ވިދާޅުވި އެވެ.

ހައްގު ބަސް ބުނަންޖެހޭ ވަގުތުތަކުގައި އެކަން ކުރަން ޖެހޭނެ ކަމަށާއި އަނިޔާވެރި ފިތުނައިގެ އަލިފާންގަނޑުން ރާއްޖެ ސަލާމަތް ކުރުމަކީ ވެސް މިރޭ ދަސްވެނިވި ދަރިވަރުންގެ ޒިންމާއެއް ކަމަށް އަޒްލީން ވިދާޅުވި އެވެ.

އެމްއެންޔޫގެ އެކި ކޯސްތަކުން މިރޭ ވަނީ 290 ދަރިވަރަކު ދަސްވެނިވެފަ އެވެ. އެއީ ޑިގްރީން ފެށިގެން މަތީގެ ކޯސްތަކުގެ ދަރިވަރުންނެވެ. އެމްއެންޔޫގެ މި މަހު ދަސްވެނިވުމުގެ ދެ ވަނަ ހަފުލާ އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވާނެ އެވެ.