Roadha Mihaaru
32 މީހަކު އަދިވެސް ތިބީ ބަންދުގައި: ހިސާން

އެސްއޯއީގެ ދަށުން ހައްޔަރުކުރި 32 މީހަކު އަދިވެސް ބަންދުގައި އެބަތިބި: ހިސާން

28 މާޗް 2018

ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއީ) ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި 32 މީހަކު އަދިވެސް ބަންދުގައި އެބަ ތިބިކަން ވަކީލުންގެ ރެކޯޑުތަކުން ދައްކާ ކަމަށް ގާނޫނީ ވަކީލް ހިސާން ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސްޓޭޓް އޮފް އިމަޖެންސީ (އެސްއޯއީ) ނުވަތަ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި 32 މީހަކު އަދިވެސް ބަންދުގައި އެބަ ތިބިކަން ވަކީލުންގެ ރެކޯޑުތަކުން ދައްކާ ކަމަށް ގާނޫނީ ވަކީލް ހިސާން ހުސެއިން ރޭ ވިދާޅުވެއްޖެ އެވެ.

އެސްއޯއީގެ ދަށުން ހައްޔަރުކުރި ބަޔަކު އަދިވެސް ބަންދުކޮށްފައި ތިބުމުން ކަންބޮޑުވުން ފާޅުކުރައްވައި ހިސާން ކުރެއްވި ޓުވީޓެއްގައި އެ އެންމެން ދޫކޮށްލަން ވަނީ ގޮވާލައްވައިފަ އެވެ.

އޭނާ ވިދާޅުވީ އެސްއޯއީގައި ހައްޔަރުކުރި ގިނަ ބަޔަކު ދޫކޮށްލި ގޮތަށް، ބަންދުގައި ދެން ތިބި މީހުން ވެސް ސަރުކާރުން މިނިވަންކުރަން ޖެހޭ ކަމަށެވެ.

ހިސާން ކުރެއްވި ޓުވީޓް،

ހުކުމުގައި ތިއްބެވި އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި މައްޗަށްގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ހެންވޭރު މެދު ދާއިރާގެ އަލީ އާޒިމްގެ އިތުރުން ބައެއް ސިފައިންނާއި ފުލުހުންތަކަކާއި އާއްމުން ވެސް ހިމެނެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، މީގެ ތެރެއިން ގިނަ ބަޔަކު ވަނީ ދޫކޮށްލައިފަ އެވެ.

އެކަމަކު މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދާއި އަރީފާއި ރިޔާޒާއި ސިނާނާއި އިލްހާމް އަދި ފާރިސްގެ އިތުރުން އާއްމުންގެ ބަޔަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. މައުމޫން ފިޔަވައި ދެން ތިއްބެވި ބޭފުޅުން ވަނީ ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ.