Roadha Mihaaru
އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައި ތިބީ 36 މީހުން

އެސްއޯއީގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންގެ އަދަދު 36 އަށް އަރާ: ހިސާން

05 މާޗް 2018

ފެބުރުއަރީ 5 ގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންގެ އަދަދު 36 އަށް އަރާ ކަމަށް ގާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފެބުރުއަރީ 5 ގައި ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި މީހުންގެ އަދަދު 36 އަށް އަރާ ކަމަށް ގާނޫނީ ވަކީލް ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން، ހައްޔަރުކުރީ ޖުމްލަ ކިތައް މީހުން ކަމެއް އަދި މިހާރު ބަންދުގައި ތިބީ ކިތައް މީހުން ކަމެއް ވެސް ފުލުހުން މިހާތަނަށް އާއްމުކޮށްފައެއް ނުވެ އެވެ. އިދިކޮޅު ޕާޓީތަކުން މިދިޔަ ހޮނިހިރު ދުވަހު ބުނެފައި ވަނީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި 110 މީހުންގެ ތެރެއިން ބަންދުގައި ތިބީ 31 މީހަކު ކަމަށެވެ.

އެކަމަކު، ގާނޫނީ ވަކީލް ހިސާން ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހައްޔަރުކޮށްފައި ތިބި މީހުންގެ އަދަދު 36 އަށް އަރާއިރު، އޭގެ ތެރެއިން ދޫނިދޫގައި 34 މީހަކު ބަންދުކޮށްފައި އެބަތިބި ކަމަށެވެ. ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުގައި އެކަކު ހައްޔަރުކޮށްފައިވާއިރު، ގޭބަންދުގައި ވެސް އެކަކު ހުރި ކަމަށް ހިސާން ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރަން މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ދައުލަތް ހިންގަން އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ބާރު ކެނޑިދާނެތީ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. މި ހާލަތުގެ ދަށުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ އިތުރުން ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.

ވަކީލުން ވިދާޅުވާ ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ ގާނޫނާ ޚިލާފަށެވެ. އެހެންވެ މި ހާލަތުގެ ދަށުން މީހުން ހައްޔަރުކޮށްފައި ވަނީ ވެސް ގާނޫނާ ޚިލާފަށް ކަމަށް ވަކީލުން ވިދާޅުވެ އެވެ.