Roadha Mihaaru
ރިޔާޒަށް ވެސް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު

ރިޔާޒަށް ކުރާ ތުހުމަތަކީ ރާވައިގެން ސަރުކާރު ވައްޓާލަން އުޅުން

13 މާޗް 2018

އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރުކުރި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ވެސް ކުރަނީ ދުރާލައި ރާވައިގެން ސަރުކާރު ވައްޓާލުމުގެ ތުހުމަތު ކަމަށް އޭނާގެ ވަކީލު ނޫރުއްސަލާމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދިކޮޅު އެއްވުމުގެ ތެރެއިން ހައްޔަރުކުރި ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ވެސް ކުރަނީ ދުރާލައި ރާވައިގެން ސަރުކާރު ވައްޓާލުމުގެ ތުހުމަތު ކަމަށް އޭނާގެ ވަކީލު ނޫރުއްސަލާމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާޒް ހައްޔަރުކުރީ، އިދިކޮޅު ލީޑަރުން ދޫކޮށްލަން ގޮވާލައި މާލޭގައި ކުރި މުޒާހަރާއެއްްގެ ތެރެއިންނެވެ. އެ މުޒާހަރާ އަށް މީހުން މަގުތަކަށް ނެރުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ ރިޔާޒު ކަމަށް ފުލުހުން ތުހުމަތުކުރާ ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.

ނޫރުއްސަލާމް ވިދާޅުވީ ރިޔާޒް ހައްޔަރުކުރިތާ 12 ދުވަސް ފަހުން، އޭނާގެ މައްޗަށް ކުރާ ތުހުމަތު ކިޔައިދީ، ތަހުގީގަށް ފުލުހުން ސުވާލު ކޮށްފައިވާ ކަމަށެވެ.

"ފުލުހުން ކުރާ ތުހުމަތުތަކަށް ރިޔާޒް ވަނީ އިންކާރު ކުރައްވާފައި. އެ ދުވަހު ބައިވެރިވެވަޑައިގަތީ ސުލްހަވެރި އެއްވުމެއްގައި ކަމަށް،" ނޫރުއްސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދުވަހުގެ އެއްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ޣައިރު ގާނޫނީ އަމަލުތަކާ ދެކޮޅަށް ބޭއްވި އެއްވުމެކެވެ. އެ އެއްވުމުގައި ބައިވެރިވުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ވެސް ރިޔާޒް ވިދާޅުވި ކަމަށް އޭނާގެ ވަކީލު ވިދާޅުވި އެވެ.

ރިޔާޒްއާ އެކު، އެ އެއްވުމުގެ ތެރެއިން، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވެސް ހައްޔަރުކުރި އެވެ. އެކަމަކު އެ ދެ މެމްބަރުން ވަނީ ދޫކޮށްލައިފަ އެވެ.

އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހު އެކެއްގައި ކުރި ހުކުމާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތެވެ.

މި ތުހުމަތަށް ހައްޔަރުކުރި މީހުންގެ ތެރޭގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއްގެ އިތުރުން ފުލުހުންނާއި ސިފައިންގެ ބަޔަކު ވެސް ހިމެނެ އެވެ.