Roadha Mihaaru
ގައިދީން ދޫކޮށްލަން އުޅޭކަމަށް ބުނެ ފޯނު ހިފަހައްޓައިފި

ދޫނިދޫ ޖަލުގައި ތިބި ބަޔަކު ދޫކޮށްލަން އުޅޭ ކަމަށް ބުނެ ފުލުހެއްގެ ފޯނު ހިފަހައްޓައިފި

29 މާޗް 2018

ދޫނިދޫ ޖަލުގައި ހައްޔަރު ކޮށްފައި ތިބި ބަޔަކު ދޫކޮށްލަން އުޅޭ ކަމަށް ބުނެ، ފުލުހެއްގެ ފޯނު އެއް މަސް ދުވަހަށް ހިފަހައްޓާފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ދޫނިދޫ ޖަލުގައި ހައްޔަރު ކޮށްފައި ތިބި ބަޔަކު ދޫކޮށްލަން އުޅޭ ކަމަށް ބުނެ، ފުލުހެއްގެ ފޯނު އެއް މަސް ދުވަހަށް ހިފަހައްޓާފައިވާ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ޗީފް ސްޓޭޝަން އިންސްޕެކްޓަ އޮފް ޕޮލިސް އަކްރަމް އަބްދުލްވައްހާބުގެ ފޯނު ހިފަހައްޓާފައިވާއިރު، އޭނާ އަކީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ،މާފުށީ ޖަލުގައި މިހާޜު ބަންދު ކޮށްފައިވާ އަބްދުﷲ ރިޔާޒްގެ އާއިލީ ބޭފުޅެކެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރިޔާޒް ހުންނެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ވަނީ ފޮނުވައިފަ އެވެ.

އަކްރަމްގެ ފޯނު ހިފެހެއްޓީ ދޫނިދޫގައި ހައްޔަރުގައި ތިބި ބައެއް ގައިދީން ގަވައިދާ ޚިލާފަށް އެތަނުން ދޫކޮށްލަން އުޅޭ ކަމާއި ސިޔާސީ ބޭފުޅުންނަށް ނާޖައިޒް މަންފާ ހޯދައި ދިނުމަށް މަސައްކަތް ކުރުމާއި ސިޔާސީ ގޮތުން ވަކި ފިކުރަކަށް ތާއީދުކޮށް ވާހަކަ ދައްކާ ކަމަށް ބުނެ އެވެ.

ދޫނިދޫގައި ހައްޔަރު ކުރި ބަޔަކު ދޫކޮށްލަން އުޅޭ ކަމަށް ބުނެ، ފުލުހެއްގެ ފޯނު ހިފެހެއްޓިއިރު، ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ބައެއް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ގިނަ ފުލުހުން މަގާމުން ވަކިކޮށްފައިވެ އެވެ.

ސިޔާސީ އިދިކޮޅު ލީޑަރުން ވެސް ހިމެނޭ ގޮތަށް ބަންދުގައި ތިބި ނުވަ ގައިދީއަކު ދޫކޮށްލަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއް ވަނަ ދުވަހު ކުރި އަމުރާ މެދު ސަރުކާރުން ގޮތެއް ނުނިންމަނީސް، އެ އަމުރު ފުލުހުންގެ މުއައްސަސާ އިން ތަންފީޒު ކުރަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު އަރީފަށް ކުރެ އެވެ.

އެ އަމުރުން ދައުލަތް ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ފަހު ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.

އަމުރު ބާތިލްކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށެވެ. އެ އަމުރަކީ، ބޮޑެތި އަދަދުތަކުން ދެ ފަނޑިޔާރަކު ވެސް ހިމެނޭގޮތަށް ރިޝްވަތުގެ ފައިސާ ނަންގަވައި ވެރިކަން ވައްޓާލަން ހިންގި އަމަލުތަކެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.