Roadha Mihaaru
ފުލުހުން އޮތީ ތައްޔާރަށް، ހަމަނުޖެހުން ނުހިންގާތި: ޝިފާން

ފުލުހުން އޮތީ ތައްޔާރަށް، ހަމަނުޖެހުން ނުހިންގާތި: ޝިފާން

23 ސެޕްޓެމްބަރ 2018

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމާ ދިމާކޮށް އެއްވެސް ހަމަނުޖެހުމެއް ހިންގަން މަސައްކަތް ނުކުރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމާ ދިމާކޮށް އެއްވެސް ހަމަނުޖެހުމެއް ހިންގަން މަސައްކަތް ނުކުރުމަށް ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ އިންތިޚާބާ ގުޅިގެން ހިނގާފާނެ ކޮންމެ ކަމަކަށް ކުރިމަތިލުމަށް "ފުލުހުންގެ ފޯސް" އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުން ހަރަކާތްތެރިވާނެ ކަމަށެވެ.

އެހެންވެ، ސުލްހަވެރިކަމާއި އަމާންކަމާ އެކީގައި ވޯޓުލުމުގެ ކަންކަން ކުރިއަށް ދިއުމަށާއި ހަމަޖެހުން ގެއްލޭ ފަދަ ކަމެއް ނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވި އެވެ. އަދި ގައުމުގެ ދާހިލީ ހަމަޖެހުމަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއް ވެސް ނުކުރެއްވުމަށް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ހިރިޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް މީހަކު މިއަދު ވޯޓު ލަނީ.-- ފޮޓޯ: ނިޝާތު /މިހާރު

ހިރިޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް މީހަކު މިއަދު ވޯޓު ލަނީ.-- ފޮޓޯ: ނިޝާތު /މިހާރު

"އިންތިހާބާ އަޅުވާފައި ނުވަތަ އިންތިހާބުގެ ސަބަބުން ކަމެއް ދިމާވިޔަސް، ރާއްޖޭގެ ދާހިލީ ހަމަޖެހުމަށް ބުރޫ އަރާ ފަދަ ނުވަތަ އަސަރެއް ކުރާ ފަދަ އެއްވެސް ކަމެއް ނުކުރަން އިލްތިމާސް ކުރަން،" ޝިފާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުތަކަށް ބަލާފައި ފޯސް އޮންނާނީ އަބަދުވެސް ތައްޔާރަށް."

ޝިފާން ވަނީ ކޮންމެ ފަސް އަހަރުން އެއް އަހަރަކު، ލިބޭ ފުރުސަތުގެ ބޭނުން ކޮންމެ ރައްޔިތަކު ވެސް ހިފުމަށް އެދިވަޑައިގެންފަ އެވެ. އަދި ވޯޓުލާން އަންނަ ކޮންމެ މީހަކަށް ފުލުހުންގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

ފުލުހުން އިއްޔެ އިސްކަންދަރު ކޮށީގައި އަޒުމް އާ ކުރަނީ. - ފޮޓޯ: ޕޮލިސް

ފުލުހުން އިއްޔެ އިސްކަންދަރު ކޮށީގައި އަޒުމް އާ ކުރަނީ. - ފޮޓޯ: ޕޮލިސް

ޝިފާން އެގޮތަށް ވިދާޅުވީ، ރާއްޖޭގެ އެކި ރަށްރަށުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ބަޔަކު އެކަމުގެ ޝަކުވާ ކުރަމުން ދަނިކޮށެވެ. ބައެއް މީހުން ތުހުމަތު ކުރި ގޮތުގައި، ރިޔާސީ އިންތިޚާބާ ދިމާކޮށް ބައެއް މީހުން ފުލުހުންނަށް ހަމަލަ ދިނުމަށް ވެސް ރާވާފައިވެ އެވެ. ނަމަވެސް، ޝިފާން ވިދާޅުވީ ހަމަނުޖެހުން ހިންގާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން، "އޮޕަރޭޝަން ބްލޫވޭވް" އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އާދަމް ނަވާޒް އިއްޔެ ވަނީ ފައްޓަވައި ދެއްވައިފަ އެވެ.

އިސްކަންދަރު ކޮށީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ނަވާޒް ވިދާޅުވީ މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަމާއި ރައްޔިތުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށް ހިމަޔާތްކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ފުލުހުން ކަމަށެވެ. އަދި މިހާރު ކުރިއަށްދާ އިންތިޚާބުގައި އެހެން ފަހަރުތަކެކޭ ވެސް އެއްފަދައިން އެންމެ މުހިންމު މަސްއޫލިއްޔަތެއް އަދާކުރާ އެއް ބަޔަކީ ފުލުހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބު އަމާންކަމާއި ސުލްޙަވެރިކަމާއެކު ނިންމާލުމަށް ހުރިހާ ފުލުހުން ވެސް އަތުގުޅާލައިގެން މަސައްކަތް ކުރުމަށް ހުރިހާ ފުލުހުންގެ ކިބައިން ނަވާޒް އެދިވަޑައިގެންނެވި އެވެ.

މި އިންތިޚާބުގައި ވޯޓު ލުމަށް ޓަކައި ޖުމްލަ 472 ވޯޓު ފޮށި ބަހައްޓާއިރު 262,135 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. އިންތިޚާބުގައި ވޯޓުލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކިޔޫ ހަދައިފަ އެވެ.