Roadha Mihaaru

ފުލުހުން ވަނީ އިންސާފުން އެއްކިބާވެ، ސިޔާސީ ކުލަވަރު ޖެހިފައި: އިދިކޮޅު

ފުލުހުންގެ މުއައްސަސާ ސިފަ ކުރެވެނީ އިންސާފުން އެއްކިބާވެ، ގާނޫނީ އިމުން ބޭރުން ކަންކަން ކުރާ ސިޔާސީ ކުލަވަރު ޖެހިފައިވާ މުއައްސަސާއެއްގެ ގޮތުގައި ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.

ފުލުހުން ވަނީ އިންސާފުން އެއްކިބާވެފައި: އިދިކޮޅު
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

29 މާޗް 2018

ފުލުހުންގެ މުއައްސަސާ ސިފަ ކުރެވެނީ އިންސާފުން އެއްކިބާވެ، ގާނޫނީ އިމުން ބޭރުން ކަންކަން ކުރާ ސިޔާސީ ކުލަވަރު ޖެހިފައިވާ މުއައްސަސާއެއްގެ ގޮތުގައި ކަމަށް އިދިކޮޅު ޕާޓީތަކުން މިރޭ ބުނެފި އެވެ.

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފުލުހުންގެ ހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި އިންތިހާއަށް ކަންބޮޑުވާ ކަންކަން ފެންނަމުންދާ ކަމަށެވެ. ފުލުހުންގެ މުއައްސަސާގެ ކަންކަން ބައްޓަންކުރަން ކުރީ ސަފުތަކުގައި ތިއްބެވި ފުލުހުންގެ އިސް އޮފިސަރުންގެ ސަބަބުން މުޅި މުއައްސަސާ ހަރާބުވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ގާނޫނާ ހިލާފަށް ފުލުހުން މެދުވެރިކޮށް ކަންކަން ކުރުވުމާއި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި، ހުތުރު ބަހުރުވައިން މުއާމަލާތް ކުރުމާއި، އަނިޔާ ކުރުން ފަދަ ކަންކަމުގެ ސަބަބުން މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު މިވަނީ ގެއްލިފަ އެވެ،" އިދިކޮޅު ޕާޓީތަކުގެ ބަޔާނުގައިވެ އެވެ.

މީގެއިތުރުން ދޮގު ހެކި ދިނުން ފަދަ ކަންކަމަކީ ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމްކޮށްފައިވާ ބޮޑެތި ފާފައެއް ކަމަށާއި އެފަދަ ކަންކަން ކުރާ ވަކިވަކި ފުލުހުން ފާހަގަކޮށް އެ ފުލުހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނުގައިވެ އެވެ.

އެހެންވެ، ފުލުހުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ މެދު ފުންކޮށް ވިސްނައި، ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން މަސައްކަތްތައް ބައްޓަން ކުރުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

އިދިކޮޅު ޕާޓީތަކުން ބުނި ގޮތުގައި ފުލުހުންނަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުހަނު ބޭނުންތެރި އަދި މުހިއްމު މުއައްސަސާއެކެވެ. އެހެންކަމުން އެ މުއައްސަސާގެ ނަޒާހަތްތެރިކަން ނެގެހެއްޓުމަކީ ދިވެހި ކޮންމެ ފުލުހެއްގެ މައްޗަށް އޮތް ގައުމީ ވާޖިބެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި ވަނީ ރާއްޖެ އަށް ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން ހައްލުކުރުމަށް ހުރަސް ނޭޅުމަށާއި ގާނޫނުގައިވާ ގޮތުގެ މަތިން ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ގޮވާލައިފަ އެވެ.