Roadha Mihaaru
ސައިން-ޓެކް ކިޑްސް ފެސްޓިވަލް ފަށައިފި

ކުޑަކުދިންނަށް ޚާއްސަ ސައިންސާއި ޓެކްނޮލޮޖީ ފެސްޓިވަލެއް ފަށައިފި

30 މާޗް 2018

ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ގުޅޭ ގޮތުން މައުލޫމާތުދީ، މިފަދަ ކުރިއެރުންތަކުގެ ބޭނުން ހިފާނެ ގޮތްތަކާ ގޫޅޭގޮތުން މައުލޫމާތު ދިނުމަށް، ކުޑަކުދިންނަށް ޚާއްސަ ފެސްޓިވަލެއް ފަށައިފި އެވެ.

ސައިންސާއި ޓެކްނޮލޮޖީގެ ކުރިއެރުންތަކާ ގުޅޭ ގޮތުން މައުލޫމާތުދީ، މިފަދަ ކުރިއެރުންތަކުގެ ބޭނުން ހިފާނެ ގޮތްތަކާ ގޫޅޭގޮތުން މައުލޫމާތު ދިނުމަށް، ކުޑަކުދިންނަށް ޚާއްސަ ފެސްޓިވަލެއް ފަށައިފި އެވެ.

"ސައިން-ޓެކް ކިޑްސް ފެސްޓިވަލް"ގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފެސްޓިވަލަކީ އުރީދޫ އާއި ޔޫއެންޑީޕީން އަދި އެޗްޑީސީން ގުޅިގެން ބާއްވާ ހަރަކާތެކެވެ. މިއަދު ހަވީރު 4:30 ގައި ފެށި ފެސްޓިވަލް ކުރިއަށް ދާނީ މިރޭ 10:00 އަށެވެ.

"ދުނިޔެ މި ވަނީ ވަރަށް ބޮޑަށް ޑިޖިޓަލް ވެފައި. މިހާ ޑިޖިޓަލް ދުނިޔެ އެއްގައި އުޅޭއިރު، ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމަކީ ކުރިމަގުގައި އެތައް ފަސޭހަކަތެއް ލިބިގެން ދާނެ ކަމެއް. އެހެންކަަމުން ދެން އަންނަ އޮތް ޖެނަރޭޝަން މިކަމަށް ތައްޔާރުރުމަކީ މުހިންމު ކަމެއް،" ފެސްޓިވަލާ ގުޅޭގޮތުން، އުރީދޫގެ އެސިސްޓެންޓް މެނޭޖާ ޕީއާރު ނޫރާ އިބްރާހިމް ވިދާޅުވި އެވެ.

ސައިން-ޓެކް ފެސްޓިވަލްގެ ތެރެއިން.-- ފޮޓޯ: މިހާރު

ސައިން-ޓެކް ފެސްޓިވަލްގެ ތެރެއިން.-- ފޮޓޯ: މިހާރު

ޔޫއެން ރެޒިޑެންޓް ކޯޑިނޭޓާ ޝޯކޯ ނޯޑާ ވިދާޅުވީ، މި ފެސްޓިވަލްގެ އަމާޒަކީ ވީހާ ވެސް ގިނަ ކުދިން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާ އިން ކުރިއެރުވުން ކަމަށެވެ. އަދި ކުދިންގެ އާންމު ދިރިއުޅުމުގައި ވެސް ފަހުގެ ޓެކްނޮލޮޖީތަކުގެ ބޭނުން ވީހާ ވެސް ބޮޑަކަށް ހިފާތަން ފެނިގެން ދިއުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ބޮޑުވެގެން އައީ ސައިންސްގެ މުހިންމުކަން ނޭގި... މިހާރުގެ ކުދިންނަށް ސައިންސާއި ޓެކްނޮލޮޖީގެ މުހިންމުކަން އެނގި، އެ ކުދިންގެ އާންމު ދިރިއުޅުމުގައި ތަފާތު ކަންކަމަށް ފަހުގެ ޓެކްނޮލޮޖީގެ ބޭނުން ކުރާތަން ފެނުމުން އަޅުގަނޑު ވަރަށް އުފާވޭ،" ޝޯކޯ ވިދާޅުވި އެވެ.

ލައިވް މިއުޒިކާއި އެކު ކުރިއަށްދާ ފެސްޓިވަލްގައި ތަފާތު ސްޓޯލްތައް އެބަހުއްޓެވެ. ކޮންމެ ސްޓޯލަކުން ވެސް ފެނިގެން ދަނީ ސައިންސާއި، ޓެކްނޮލޮޖީއާ ގުޅިފައިވާ ތަފާތު ކަންކަމެވެ.

ފެސްޓިވަލް ކުރިއަށް ދަނީ ލައިވް މިއުޒިކާއި އެކު.-- ފޮޓޯ: މިހާރު

ފެސްޓިވަލް ކުރިއަށް ދަނީ ލައިވް މިއުޒިކާއި އެކު.-- ފޮޓޯ: މިހާރު

"މިތަނުން ސައިންސާ ޓެކްނޮލޮޖީގެ ތަފާތު ކަންކަން ފެނިގެން ދާނެ. ތަފާތު އެކްސްޕްރިމަންޓްތައް ވެސް އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން،" އުރީދޫގެ ސްޓޯލްގައި ހުރި އޮފިޝަލަކު ކިޔައިދިނެވެ.

މި ފެސްޓިވަލް ބަލާލުމަށް ކުޑަކުދިންގެ އިތުރުން ގިނަ އަދަދަކަށް ބޮޑެތި މީހުން ވެސް ޒިޔާރަތް ކުރެ އެވެ.

"އަޅުގަނޑުމެން ކުޑައިރު އަސްލު ނޯވޭ މިފަދަ ކަންކަމެއް. އެހެންވީމަ މިހާރުތާ އަޅުގަނޑުމެންނަށް މިފަދަ ކަންކަން ބަލާލަން އާދެވޭނީ،" އެ ފެސްޓިވަލް ބަލާލަން ގޮސް ހުރި މީހަކު ބުންޏެވެ.

ސައިން-ޓެކް ފެސްޓިވަލްގެ ތެރެއިން.-- ފޮޓޯ: މިހާރު

ސައިން-ޓެކް ފެސްޓިވަލްގެ ތެރެއިން.-- ފޮޓޯ: މިހާރު

ކުޑަކުދިންނަށް ކޯޑް ކުރަން ދަސްކޮށްދޭ ސްޓޯލްތަކާއި، ތިމާވެށި ހިމާޔަތް ކުރަން ސައިންސާއި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ކުރިވިދާނެ ތަފާތު ކަންކަމުގެ މައުލޫމާތުދޭ ސްޓޯލްތައް ވެސް މި ފެސްޓިވަލުގައި އެބަހުއްޓެވެ.

މި ފެސްޓިވަލަކީ އުރީދޫ އާއި އެޗްޑީސީ އަދި ޔޫއެންޑީޕީން ގުޅިގެން ކުރިއަށް ގެންދާ "ސްމާޓް ސިޓީސް" ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. ސްމާާޓް ސިޓީސް ޕްރޮޖެކްޓަކީ، އުމްރާނީ ތަރައްގީގައި ދިމާވާ މައްސަލަތަކަށް ސައިންސާއި ޓެކްނޮލޮޖީގެ އެހީފައި "ސްމާޓް" ހައްލުތައް ގެނެސްދިނުމުގެ އަމާޒުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.