Roadha Mihaaru
ޒުވާނުންގެ އުފެއްދުންތެރި ހިޔާލަށް ޔޫއެންޑީޕީން ފުރުސަތު

"ސުމާޓް ސިޓީއަކަށް" ހުޅުމާލެ ހަދަން، ޔޫއެންޑީޕީން ޒުވާނުންނަށް ފުރުސަތު ދެނީ

30 ސެޕްޓެމްބަރ 2018

"ސުމާޓް ސިޓީއަކަށް" ހުޅުމާލެ ހަދަން ޒުވާނުންގެ އުފެއްދުންތެރި ހިޔާލު ހޯދުމުގެ ގޮތުން، ޔޫއެންޑީޕީން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެއްގައި ދިވެހި ޒުވާނުން ބައިވެރިވުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

"ސުމާޓް ސިޓީއަކަށް" ހުޅުމާލެ ހަދަން ޒުވާނުންގެ އުފެއްދުންތެރި ހިޔާލު ހޯދުމުގެ ގޮތުން، ޔޫއެންޑީޕީން ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެއްގައި ދިވެހި ޒުވާނުން ބައިވެރިވުމުގެ ފުރުސަތު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.

ޔޫއެންޑީޕީ އާއި އޫރީދޫ އަދި އެޗްޑީސީ ގުޅިގެން ކުރިއަށް ގެންދާ "އާބަން އިނޮވޭޝަން ޕްރޮގްރާމް"ގައި ބައިވެރިވެވޭނީ 18 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ބޯހިޔާވެހިކަމުގެ މައްސަލަ އާއި ކުނި މަދުކުރުމާއި ނައްތާލުން އަދި އާންމު ދަތުރުފަތުރުގައި ދިމާވާ މައްސަލަތަކަށް އަމާޒުކޮށްގެންނެވެ. މި ތިން ދާއިރާ އިން ކުރެވޭނެ ކަންކަން ހޯދައިރޭވުމުގެ އިތުރުން އެކަން ކުރާނެ ޕްލޭން ވެސް ތައްޔާރުކުރަން ޖެހެ އެވެ.

މި ޕްރޮގްރާމްގައި އެކަކު އެކަނި ވެސް ނުވަތަ ތިން މީހުންނާއި ފަސް މީހުން ހިމެނޭ ޓީމުތަކަށް ވެސް ބައިވެރިވެވޭނެ އެވެ.

ރަޖިސްޓްރީވާން ފުރުސަތު ދީފައި ވަނީ މާދަމާ އިން ފެށިގެން އޮކްޓޯބަރު 15 އާ ހަމައަށެވެ. ބައިވެރިވާ މީހުން/ޓީމުތަކުގެ ތެރެއިން 40 ހޮވުމަށް ފަހު އެ މީހުންނަށް ހާއްސަ ވޯކްޝޮޕެއް އޮކްޓޯބަަރު 17 އިން 23 ކުރިއަށް ގެންދާނެ އެވެ. މި ވޯކްޝޮޕްގައި އެމްޓީސީސީ އާއި ވެމްކޯ އާއި އެޗުޑީސީގެ އިތުރުން ސައުތު ކޮރެޔާގެ ވެރިރަށް ސޯލްގެ މެޓްރޮޕޮލިޓަން ގަވާމެންޓުން، ބައިވެރިންނަށް މައުލޫމާތު ދޭނެ އެވެ.

މި ވޯކްޝޮޕްގައި ލިބޭ މައުލޫމާތާއި ބައިވެރިން އެކުލަވާލާ ޕްލޭންތައް ހިމެނޭ ޗެލެން މަރުހަލާ އޮންނާނީ 25 އިން 27 އަށެވެ.

އާބަން އިނޮވޭޝަން ޕްރޮގްރާމްގެ ޕްރޮޖެކްޓް އޮފިސަރު އައިމިނަތު ޝާލިނީ ވިދާޅުވީ މި ޕްރޮގްރާމް ރާވާފައިވަނީ ވީހާ ވެސް ގިނަ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކަމަށެވެ.

"އަޅުގަނޑުމެން މި ޕްރޮގްރާމުގައި ބައިވެރިވެވޭ އުމުރުފުޅާ ވަރަށް ފުޅާކޮށް ބައިންދާފައި ވާނީ. ޗެލެންޖް ފޭސްއަށް އެންމެ ގިނައިން 40 މީހުން އެކޮމޮޑޭޓް ކުރެވޭ ގޮތަށް ރާވައިފައި އިންނާނީ. އެ މީހުން ހޮވާނީ ކަނޑައެޅިފައިވާ ޝަރުތުތަކަށް ބަލައިގެން،" ޝާލިނީ ވިދާޅުވި އެވެ.

ޗެލެންޖް މަރުހަލާގައި ބައިވެރިން، ތިން ދާއިރާ އިން ހުށަހަޅާ ހައްލުތަކަށް އިންސާފުކޮށް، އެންމެ ރަނގަޅު ޕްލޭނެއް ހޮވާނެ އެވެ. ހަ މަސް ދުވަހުގެ ތެރޭގައި އެ ޕްލޭން ފުރިހަމަކުރަން ފައިސާގެ އެހީއެއް ވެސް ދެ އެވެ.

ޝާލިނީ ވިދާޅުވީ މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް ތަޖުރިބާކާރުންގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

"ބައިވެރިވާ ފަރާތްތަކާ އެކު މެންޓާސް މަސައްކަތް ކުރާނެ އެ މީހުންގެ ހިޔާލުތައް ފުރިހަމަކުރަން،" އޭނާ ވިދާޅުވި އެވެ.

މިއީ ސްމާޓް ސިޓީ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ އަށް އަމާޒުކޮށް އާބަން އިނޮވޭޝަން ޕްރޮގްރާމް ހިންގާ ފުރަތަމަ ފަހަރެވެ.