Roadha Mihaaru
ދުވާލު ޑެލިވަރީކުރާ ކާޑު ބަސްތާއަކަށް 10ރ. ނަގަނީ

ހަނީ ކޯނަރުން ދުވާލު ގަޑީގައި ޑެލިވަރީކުރާ ކާޑު ބަސްތާއަކުން 10ރ. ނަގަން ފަށައިފި

02 އެޕްރީލް 2018

ދުވާލު ގަޑީގައި މުދާ އުފުލުން ސަރުކާރުން މަނާކުރުމުން، ހަނީ ކޯނަރުން ދުވާލު ގަޑީގައި ޑެލިވަރީކުރާ ނަމަ ކާޑު ބަސްތާއަކުން 10ރ. ނަގަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދުވާލު ގަޑީގައި މުދާ އުފުލުން ސަރުކާރުން މަނާކުރުމުން، ހަނީ ކޯނަރުން ދުވާލު ގަޑީގައި ޑެލިވަރީކުރާ ނަމަ ކާޑު ބަސްތާއަކުން 10ރ. ނަގަން ފަށައިފި އެވެ.

މާލޭގެ ގިނަ ފިހާރަތަކަށާއި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓް ބައެއް ގެތަކަށް ވެސް ކާޑުގެ ބާވަތްތައް ޕިކަޕްގައި ޑެލިވަރީކޮށްދެނީ ފަހަރަކު ތިން ބަސްތާ ލައިގެންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރެފައިވާ އިއުލާންގައި އޮޅުންތައް ބޮޑުކަމުން ބައެއް ވިޔަފާރިވެރިންނަށް ވާނުވާއެއް ނޭނގެ އެވެ. އެކަމަކު "ދެތިން ބަސްތާ" ނުވަތަ "ދެތިން ފޮށިގަނޑު" ހިފައިގެން ޕިކަޕްތަކުގައި ދެވިދާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވެ އެވެ. އެހެންކަމުން ކާޑުގެ ބާވަތްތައް ހަނީ ކޯނާ އިިން ޑެލިވަރީކޮށްދެނީ ގިނަ ވެގެން ތިން ބަސްތާ އަރުވައިގެންނެވެ.

ދުވާލު ގަޑީގައި ޑެލިވަކުރާ ކާޑުގެ ބާވަތްތަކުން އަގެއް ނެގި ނަމަވެސް، ހަނީ ކޯނާގެ ބޭފުޅަކު ވިދާޅުވީ ރޭގަނޑު އެކަން ކޮށްދޭނީ ހިލޭ ކަމަށެވެ.

"ތިން ބަސްތާ ޕިކަޕަށް އަރުވައިގެން ފަހަރަކު ފިހާރައަކަށް ދަތުރެއް ކުރާ ނަމަ މިކޮޅުގެ ހަރަދު ދެކޮޅެއް ނުޖެހޭނެ. އެހެންވެ ގެއްލުމުގައި މިކަން ނުކުރަންވެގެން ދުވާލު ޑެލިވަރީކުރާ ނަމަ ބަސްތާއަކަށް ދިހަ ރުފިޔާ ނަގަން ނިންމީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން މިހާރު ހަމަޖައްސާފައިވާ އުސޫލާ ގުޅިގެން އެސްޓީއޯގެ ކާޑު ގުދަން ވެސް ހުޅުވަނީ ހަވީރު ހައެއް ޖެހުމުންނެވެ. އަދި ޕިކަޕަށް ލޯޑުކޮށްގެން ޑެލިވަރީކުރަން ފެށެނީ ރޭގަނޑު ހަތެއް ޖަހާކަންހާއިރު ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ގަޑީގައި މަސައްކަތް ފަށައިގެން މާފަންނުން ފެށިގެން ހޭންވޭރާ ހަމަޔަށް ހުންނަ ހުރިހާ ފިހާރައަކަށް ދިހައެއްގެ ކުރިން ޑެލިވަރީއެއް ނުކުރެވޭނެ. އަޅުގަނޑުމެން ރަށްރަށަށް ދަތުރުކުރާ ބޯޓުތަކަށް ވެސް ޑެލިވަރީކުރަން،" އޭނާ ވިދާޅުވި އެވެ.

ހަނީ ކޯނަރުން ދުވާލު ގަޑީގައި ކާޑު ޑެލިވަރީކުރަން ފީއެއް ނަގަން ފެށުމުން ބައެއް ފިހާރަތަކުން ބުނީ ކާޑު ވިއްކާ އަގު ބޮޑުކުރަން ޖެހިދާނެ ކަމަށެވެ. އަދި ގެއްލުމުގައި ކާޑު ވިއްކަން ބޭނުންނުވާ ކަމަށް ވެސް ކުދި ބައެއް ވިޔަފާރިވެރިން ބުނެ އެވެ.

"އަޅުގަނޑުމެން ކާޑުގެ ބާވަތްތައް މި ވިއްކަނީ ފައިދާއެއް ލައިގެންނެއް ނޫން. އެހެންކަމުން ބަސްތާއަކުން ދިހަ ރުފިޔާ ބޮޑުވުމުން މިހާރު ވިއްކަން ކަނޑައަޅާފައިވާ އަގެއްގައި ކާޑެއް ނުވިއްކޭނެ. ނޫނީ ޖެހޭނީ ކާޑު ވިއްކުން ހުއްޓާލަން،" އޯކިޑްމަގުގައި ހުންނަ ފިހާރައަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ސަރުކާރުން އިއްޔެއިން ފެށިގެން ހަމަޖައްސާފައި ވަނީ މާލެ ތެރޭގައި ގަނޑުކޮށް މުދާ އުފުލޭނީ ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް ކަމަށެވެ.