Roadha Mihaaru
"ސަރުކާރުން އުޅެނީ ވިޔަފާރިވެރިންނަށް ޖެއްސުންކުރަން"

ސަރުކާރުން އުޅެނީ ވިޔަފާރިވެރިންނަށް ޖެއްސުން ކުރަން: އިދިކޮޅު

03 އެޕްރީލް 2018

މާލެ ތެރޭގައި މުދާ އުފުލާ ގަޑި އަށް ސަރުކާރުން ބަދަލު ގެނައީ، ވިޔަފާރިވެރިންނާ އެއްވެސް މަޝްވަރާއެއް ކުރުމަކާ ނުލައި، ވިޔަފާރިވެރިންނަށް ޖެއްސުން ކުރަން ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލެ ތެރޭގައި މުދާ އުފުލާ ގަޑި އަށް ސަރުކާރުން ބަދަލު ގެނައީ، ވިޔަފާރިވެރިންނާ އެއްވެސް މަޝްވަރާއެއް ކުރުމަކާ ނުލައި، ވިޔަފާރިވެރިންނަށް ޖެއްސުން ކުރަން ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ އޮފީސް، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ދިރާސާއެއް ކުރުމަކާ ނުލައި، މުދާ އުފުލާ ގަޑި އަށް ބަދަލު ގެނައީ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ޖެއްސުން ކުރުމުގެ ބޭނުމުގައި ކަމަށެވެ.

"ކަމުގެ ހަގީގީ މައްސަލަ އޮއްވައި ރައްޔިތުން ބިރުގަންނަވަން މިއުޅެނީ. ވިޔަފާރިވެރިންނަށް ޖެއްސުން ކުރަން މިއުޅެނީ. އަދި ތަކެތީގެ އަގު ބޮޑުވީމަ އޭގެ ސަބަބުން ރައްޔިތުންނަށް ގެއްލުން ފޯރާނެ،" އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މާލެ ތޮއްޖެހެން ދިމާވީ ބައެއް މަގުތައް ބަންދުކުރުމާއި ގޯޅިތަކަށް ވެހިކަލް ނުވެއްދޭ ގޮތަށް ހެދުމުން ކަމަށެވެ. އަދި މި ސަރުކާރާއި ބައެއް ކުންފުނިތަކުގެ އިސް ބޭފުޅުންނަށް އާދަޔާ ހިލާފަށް ކާރުތަކެއް އެތެރެކޮށްފައިވާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

މީގެ އިތުރުން މާލެ އަށް އެކަށީގެން ނުވާ މިންވަރަށް މީހުން މާލެ ގެނައުން ނުވަތަ މާލެ އަންނަން މަޖުބޫރު ކުރުވުމަކީ ތޮއްޖެހެން ދިމާވި ސަބަބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަ އަށް ހައްލެއް ގެނައުމެއް ނެތި. ދިރިއުޅުމުގެ ހާލަތާ ހިލާފަށް، މި ދެންނެވީ އިންސާނުން އުފެދިފައި ތިބީ ދުވާލު މަސައްކަތްކޮށްފައި ރޭގަނޑު އަރާމު ކުރަން. ރޭގަނޑު ވަގުތުތަކުގައި ރައްޓެހިންނާއި ތިމާގެ މީހުންނާއި އާއިލާގެ މީހުންނާ އެކީގައި ވަގުތު ހޭދަކުރުމަކީ ދިރިއުޅުން ބައްޓަން ކުރެވިފައި އޮތް ގޮތް،" މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލަށް ފާޑު ކިޔައި އަލީ ވިދާޅުވި އެވެ.

"ނަމަވެސް ހަގީގީ މައްސަލަ އޮތް ތަނުގައި ބޭއްވުމަށްފަހު، އެއްވެސް ބެލުމެއް ނެތި، އަޅާލުމެއް ކަހާލުމެއް ނެތި ސިޔާސަތެއް ނެތި، ދިރާސާ ކުރުމެއް ނެތި އެފަހަރަކު ޖެހުނު ގޮތަކަށް ލާހޫރޭ ގޮތަށް ކަންކަން ކުރަމުން މިދަނީ މި ސަރުކާރުން. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން ކުރަމުންދާ ކަންކަމުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުންތަކަކާއި އުނދަގޫތަކެއް ކުރިމަތިވޭ،"

ޓްރާންސްޕޯޓް އޮތޯރިޓީގެ އާ އުސޫލުގެ ދަށުން، މުދާ އުފުލޭނީ ރޭގަނޑު ކަމަށް ހަމަޖެއްސުމުން ބައެއް ވިޔަފާރިވެރިން ވަނީ އެކަމުގެ ސަބަބުން ޚަރަދުތައް ބޮޑުވެ މުދާ އަގު ބޮޑުވާނެ ކަމަށް ބުނެފަ އެވެ. އަދި ބަނދަރުން މުދާ ނެރެ އުފުލުގައި އުޅޭ މަޖޫރީން ވަނީ އާ އުސޫލާ ގުޅިގެން މަސައްކަތުގެ އަގު ދެ ގުނަ ބޮޑުކޮށްފަ އެވެ. އެކަމަކު، އިކޮނޮމިކް މިނިސްޓްރީން ބުނީ މި ގެނައި ބަދަލާ ގުޅިގެން މުދަލުގެ އަގު ބޮޑުކުރާނަމަ، ފިޔަވަޅު އަޅާނެ ކަމަށެވެ.