Roadha Mihaaru
ޝަކުވާތަކަށް ފަހު، މުދާ އުފުލާ ގަޑި ބަދަލުކޮށްފި

ވިޔަފާރިވެރިންގެ ޝަކުވާތަކަށް ފަހު، މުދާ އުފުލާ ގަޑި ބަދަލުކޮށްފި

30 މާޗް 2018

މާލެ ތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން ބޮޑެތި ވިޔަފާރިވެރިން ޝަކުވާތަކާ ހެދި، އެންމެ ފަހުން ގަޑިތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބަދަލު ގެނެސްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މާލެ ތެރޭގައި ދުވާލު ގަޑީގައި މުދާ އުފުލުން މަނާކުރުމުން ބޮޑެތި ވިޔަފާރިވެރިން ޝަކުވާތަކާ ހެދި، އެންމެ ފަހުން ގަޑިތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބަދަލު ގެނެސްފި އެވެ.

އެ އޮތޯރިޓީން ނެރުނު އިއުލާނެއްގައިވާ ގޮތުން އަންނަ އާދީއްތަ ދުވަހު މާލެ ތެރޭގެ ފިހާރަތަކާއި އާއްމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އުޅަނދު ބޭނުންކޮށްގެން މުދާ އުފުލޭނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާނުގައި ބުނެފައި ވަނީ މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެނޫން ވެސް އެފަދަ އެންމެހައި ތަކެތި އެއްތަނުން އަނެއް ތަނަށް އުފުލޭނީ މިހާރު ހަމަޖައްސާފައިވާ ގަޑީގައި އެކަނި ކަމަށެވެ. ނަމަވެސް ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް ހިފައިގެން ދަތުރުކުރާ ގަޑިއަށް ބަދަލެއް ނުގެނެ އެވެ. އެގޮތުން ގޭސް އުފުލޭނީ ކުރިން ވެސް ހަމަޖެއްސި ގޮތަށް ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދުގައި ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.

ލޮރީއަކުން، ފެންފުޅިތަކެއް ބާލަނީ: މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާ އެކު މިހާރު މާލެ ތެރޭގައި މުދާ ޑެލިވަރީކުރަން ފެށޭނީ ހަވީރު 6:00 އި ހެނދުނު 6:00 އަށް. ފޮޓޯ: މިހާރު

ލޮރީއަކުން، ފެންފުޅިތަކެއް ބާލަނީ: މުދާ އުފުލާ ގަޑިއަށް ގެނައި ބަދަލާ އެކު މިހާރު މާލެ ތެރޭގައި މުދާ ޑެލިވަރީކުރަން ފެށޭނީ ހަވީރު 6:00 އި ހެނދުނު 6:00 އަށް. ފޮޓޯ: މިހާރު

އެ އޮތޯރިޓީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ރަފީއު ވިދާޅުވީ މުދާ އުފުލާ ގަޑިއަށް ބަދަލު ގެނައީ ބޮޑެތި ހުރިހާ ވިޔަފާރިވެރިންނާ ބައްދަލުކޮށް ލިބުނު ލަފަޔާއި ކަންބޮޑުތަކަށް ބަލައި، ވިޔަފާރިވެރިންނަށް ދަތިނުވާނެ ގޮތަށް ކަމަށެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރުން މުދާ ނެެރުމަށް ކުރިން ހަމަޖައްސާފައިވާ ގަޑި ވެސް މި އުސޫލާ އެއްގޮތަށް އެމްޕީއެލް އިން ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މާލެ ތެރޭގައި މުދާ އުފުލާ ގަޑިތަކަށް ޓްރާންސްޕޯޓް އޮތޯރިޓީން ބަދަލު މި ގެނައީ، ކުރިން ހަމަޖެއްސި ގަޑީގައި މުދާ އުފުލަން ޖެހޭ ނަމަ އެކަމުގެ ސަބަބުން ވިޔަފާރިތަކަށް ދަތިވެ، އާއްމުނަށް މުދާ ވިއްކާ އަގުބޮޑުވާނެ ކަމުގެ އިންޒާރު ވެސް ވިޔަފާރިވެރިން ދީފައި ވަނިކޮށެވެ.