Roadha Mihaaru
ރެއާލާ ދެކޮޅަށް ޔުވެންޓަސްގެ ހަތިޔާރަކީ ޑީބަލާ

ރެއާލާ ދެކޮޅަށް ޔުވެންޓަސްގެ ހަތިޔާރަކީ ޑީބަލާ

03 އެޕްރީލް 2018

ޓިއުރިން، އިޓަލީ (އޭޕްރީލް 3) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ޔުވެންޓަސް އިން ނުކުންނައިރު އެ ޓީމުގެ ހަތިޔާރަކީ އާޖެންޓީނާގެ މިޑްފީލްޑަރު ޕައޮލޯ ޑީބަލާ ކަމަށް ކޯޗު މަސިމޯ އެލެގްރީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޓިއުރިން، އިޓަލީ (އޭޕްރީލް 3) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި މިރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ޔުވެންޓަސް އިން ނުކުންނައިރު އެ ޓީމުގެ ހަތިޔާރަކީ އާޖެންޓީނާގެ މިޑްފީލްޑަރު ޕައޮލޯ ޑީބަލާ ކަމަށް ކޯޗު މަސިމޯ އެލެގްރީ ބުނެފި އެވެ.

މި ސީޒަން ފަށައިގެން އިޓަލިއަން ލީގުގެ ފުރަތަމަ ހަ މެޗުން ޑީބަލާ ވަނީ 10 ގޯލު ޖަހައިފަ އެވެ. އެހެން ނަމަވެސް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން އުމުރުން 24 އަހަރުގެ ޑީބަލާގެ ފޯމު ވަރަށް ބޮޑަށް ދަށްވި އެވެ. އެކަމަކު މި އަހަރު ފެށުނު ފަހުން ޑީބަލާ ވަނީ ރަނގަޅު ފޯމަކަށް އެޅިފަ އެވެ.

ސީޒަނުގައި މިހާތަނަށް ހުރިހާ މުބާރާތެއްގައި ޑީބަލާ ވަނީ 22 ލަނޑު ޖަހައިފަ އެވެ. ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޓޮޓެންހަމް އަތުން ޔުވެންޓަސް މޮޅުވި ލަނޑު ޖެހީ ވެސް ޑީބަލާ އެވެ. މިރޭ އަމިއްލަ ދަނޑުގައި ރެއާލާ ދެކޮޅަށް ނުކުންނައިރު ޔުވެންޓަސްގެ ކޯޗު އެލެގްރީ އަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ޑީބަލާ ރަނގަޅު ފޯމެއްގައި ހުރުމެވެ.

"ޑީބަލާ ހުރީ ރަނގަޅު ފޯމެއްގައި. އޭނާ އަށް ބޮޑެތި މެޗުތަކުގައި މިހާރު ކުޅެވޭ. ފިޒިކަލީ ވެސް ނަފްސާނީ ގޮތުން ވެސް އޭނާ ވަރަށް ކުރިއެރުން ހޯދައިފި. ކޮންމެ ޓީމެއްގައި ވެސް ސްޓާ ޕްލޭޔަރުން ތިބޭނެ. ރެއާލާ ދެކޮޅަށް އަހަރެމެންގެ ހަތިޔާރަކީ ޑީބަލާ،" އެލެގްރީ ބުންޏެވެ.

މިދިޔަ އަހަރުގެ ފައިނަލުގައި ޔުވެންޓަސްގެ މައްޗަށް ރެއާލުން ކުރިހޯދީ 4-1 އިންނެވެ. އެކަމަކު ރެއާލް މީގެ ކުރިން މުބާރާތުގެ ފައިނަލުގެ ކުރިން ކުޅުނު ނޮކައުޓް ހުރިހާ ފަހަރެއްގައި ވަނީ ޔުވެންޓަސް އަތުން ކަޓައިފަ އެވެ.

އެލެގްރީ ބުނީ މިދިޔަ އަހަރުގެ ފައިނަލުގައި ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޔުވެންޓަސް އިން މާ އަވަހަށް ބަލި ގަބޫލުކުރުން ކަމަށެވެ.

"ސައިކޮލޮޖިކަލީ ވެސް މި ކަހަލަ މެޗެއްގައި ރަނގަޅު ވިސްނުމެއްގައި ހުންނަން ޖެހޭ. މިދިޔަ އަހަރު ފައިނަލުގައި އަހަރެމެން 2-1 ވި ހިސާބުން މެޗުގެ އުއްމީދު ދޫކޮށްލިތަން ފެނުނީ. ވެދާނެ އެއީ އެއް މެޗު ކަމަށްވީމަ ވެސް. މި ފަހަރު އެ ހުރިހާ ކަމަކަށް ވިސްނާނަން،" އެލެގްރީ ބުންޏެވެ.

އޭނާ ބުނީ ފުރަތަމަ މެޗު އަމިއްލަ ދަނޑުގައި ކުޅެން ޖެހުނަސް އެޑްވާންޓޭޖެއް އޮތް ކަމަށް ނުދެކޭ ކަމަށާއި ސަބަބަކީ ނަތީޖާ ނެރެވޭނީ ދެ ލެގުން ކަމަށްވުމެވެ. އެގޮތުން އަމާޒަކީ ފެށުން ރަނގަޅުކުރުން ކަމަށް އޭނާ ބުންޏެވެ.

ރެއާލާއި ޔުވެންޓަސް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 23:45 ގަ އެވެ.