ދުވާލު ވަގުތު މާލެތެރޭގައި މުދާ އުފުލުން މަނާކުރުމާ ގުޅިގެން މުދަލުގެ އަގު ބޮޑުކުރާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދެއްވައިފި އެވެ.
03 އެޕްރީލް 2018
ދުވާލު ވަގުތު މާލެތެރޭގައި މުދާ އުފުލުން މަނާކުރުމާ ގުޅިގެން މުދަލުގެ އަގު ބޮޑުކުރާ ނަމަ، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ދެއްވައިފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އާ އުސޫލުގެ ދަށުން، މުދާ އުފުލޭނީ ރޭގަނޑު ކަމަށް ހަމަޖެއްސުމުން ބައެއް ވިޔަފާރިވެރިން ވަނީ އެކަމުގެ ސަބަބުން ޚަރަދުތައް ބޮޑުވެ މުދާ އަގު ބޮޑުވާނެ ކަމަށް ބުނެފަ އެވެ. އަދި ބަނދަރުން މުދާ ނެރެ އުފުލުގައި އުޅޭ މަޖޫރީން ވަނީ އާ އުސޫލާ ގުޅިގެން މަސައްކަތުގެ އަގު ދެ ގުނަ ބޮޑުކޮށްފަ އެވެ.
މާލޭގެ ބާޒާރުމަތީގައި މީހަކު އެއްޗެއް އުފުލަނީ: ދުވާލު ގަޑީގައި ވެހިކަލްގައި މުދާ އުފުލުން މިހާރު މަނާ - .--- މިހާރު ފޮޓޯ: ނިޝާން އަލީ
"މިހާރު" އާ ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މާލޭގެ މަގުތަކުގައި މުދާ އުފުލަން އެންމެ ފަހުން ގެނައި ބަދަލާ ގުޅިގެން މުދަލުގެ އަގު ބޮޑުކުރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. އަދި މުދާ އުފުލާ ވަގުތަށް ގެނައި ބަދަލަކީ މުދަލުގެ އަގު ބޮޑުކުރަން އެއްވެސް ބަޔަކަށް ދެއްކޭނެ އުޒުރެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"މި ގެނައި ބަދަލާ ގުޅިގެން އެއްގޮތަކަށް ވެސް މުދަލުގެ އަގު ބޮޑުކޮށް ނުހެދޭނެ. މި ކަމާ ގުޅިގެން އަގު ބޮޑު ކުރާ ނަމަ، ފިޔަވަޅު އަޅާނަން،" ސައީދު ވިދާޅުވި އެވެ.
މަޖޫރީން ކުރިން މަސައްކަތް ކުރަމުން އަންނަ އަގަށް ވުރެ، ބޮޑުކޮށް މަސައްކަތް ކުރަމުން އަންނަ މައްސަލާގައި ސައީދު ވިދާޅުވީ އެމީހުންނަށް ވެސް އަގުބޮޑުކޮށް މަސައްކަތް ކުރުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި މަޖޫރީން އަގުބޮޑުކޮށް މަސައްކަތް ކުރާ ނަމަ އެ މީހުންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
މަޖޫރީން މަސައްކަތްކުރާ އަގަށް ބަދަލު ގެނައިކަން އެނގިވަޑައިގެންފައި ވޭތޯ ސުވާލު ކުރުމުން ސައީދު ވިދާޅުވީ މީޑިއާ އިން އެކަން އެނގިވަޑައިގެންނެވި ކަމަށާއި ނަމަވެސް ރަސްމީ ސިފައެއްގައި އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
ސައީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އެމްޕީއެލް ސަރަހައްދުގައި މުދާ ކްލިއާ ކުރުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށް ދެ އެވެ. އަދި ވިޔަފާރިކުރާ މީހުންނާއި މުދާ އުފުލާ މީހުން އާ ގަވައިދަށް އަމަލުކުރަން ދޭ އެއްބާރުލުމަށް އޭނާ ޝުކުރު ވެސް އަދާކުރެއްވި އެވެ.
MPL sarahadhuga mudhaa clear kurumuge masakkaiy baaru speedgai kuriah. Viyafaari kuravvaa faraaiythakaai mudhaa ufulaa faraaiythakun aagavaaidhah amalukurumugai dhevvaa ebbaarulevvumah shukurudhannavan. pic.twitter.com/3nFejsHoVK
— Mohamed Saeed (@em_saeed) April 2, 2018
ސައީދު ރޭ ކުރެއްވި ޓުވީޓު.
ސައީދު ވިދާޅުވީ މަޖޫރީން މުދާ ކްލިއާ ނުކުރާ ކަމުގައިވާ ނަމަ، ވިޔަފާރި ކުންފުނިތަކުގެ މުވައްޒަފުން ބޭނުންކޮށްގެން މުދާ ކްލިއާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
އާ އުސޫލާ ގުޅިގެން ހިތްހަމަނުޖެހިފައި ތިބި މަޖޫރީން އެޕްރީލް 1 ގައި ކުރި ހަޅުތާލު ރެއާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އެކަމަކު މުދާ ހުސްކޮށް، ތަންތަނަށް ގެންގޮސްދޭ އަގު ބޮޑުކުރުމުން އެ މީހުން ވަނީ އަލުން ރޭ މަސައްކަތް ފަށައިފަ އެވެ.
ދުވާލު ވަގުތު މުދާ އުފުލުން މަނާކުރުމުން އެކަމާ ހިތްހަމަނުޖެހުނު މަޖޫރީން ގެންގުޅޭ ގްރޫޕްތަކުން ބުނި ގޮތުގައި އިއްޔެ އިން ފެށިގެން، 20 ފޫޓު ކޮންޓެއިނަރެއް ކަނޑައިދޭ އަގަކީ 6،000ރ. އެވެ. ކުރިން އެ ސައިޒްގެ ކޮންޓެއިނަރެއް ކަނޑައިދެނީ 2،500ރ. އަށެވެ. ކުރިން 5،000ރ. އަށް ކަނޑައިދޭ 40 ފޫޓު ކޮންޓެއިނަރެއް މިހާރު ކަނޑައިދޭނީ 12،000ރ. އަށް ކަމަށް އެ މީހުން ބުނެ އެވެ.
އަގު ބޮޑުކުރީ، އެ މީހުން ބުނާ ގޮތުގައި، ދުވާލު ގަޑީގައި ކުރިން ކުރަމުން އައި ގިނަ މަސައްކަތްތައް ހަމައެކަނި ރޭގަނޑަށް ބަދަލުވުމުން، ދުވާލު ހަތަރުދަމު އެކަމުގައި އުޅެން ޖެހޭނެތީ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އާ އުސޫލަށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފެށިއިރު، ވެހިކަލްތަކުގައި މުދާ އުފުލޭނީ އިރުއޮއްސި 6:00 އިން ފަތިހު 6:00 އަށެވެ. ނަމަވެސް ހެނދުނު 8:30 އިން ފެށިގެން 11:00 އަށް އަދި ހަވީރު 6:00 އިން ހެނދުނު 6:00 އާ ދެމެދުގައި، ކައްކާ ގޭސް ވެހިކަލްގައި އުފުލޭނެ އެވެ.
ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހައްލު ކުރާނެ: ސައީދު
ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލޭ ގޮތް ހަދައިފި
ހަވީރު 6 ގެ ފަހުން ވެސް ތޮއްޖެހުމެއް ނުފެނުނު
ބާޒާރުމަތީ ފިހާރައިން ގަންނަ މުދާ އޮޑިއަށް ގެންދެވޭނެ
ޓްރެފިކް މައްސަލަ ހައްލުކުރަން މިނޫން ގޮތެއް ނެތް؟
އޮޅުންބޮޅުން: މާލޭގެ މަގުމަތީ ޓުރެފިކް
ހަތަރު ފުރޮޅުލީ އުޅަނދުތަކަށް މަޖީދީމަގު ވަންވޭ ކުރަނީ
މާލޭގެ ޓްރެފިކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ
މުދާ ކްލިއާކުރުމާ އެމްޕީއެލުން ހަވާލުވާން ޖެހިދާނެ
"ސަރުކާރުން އުޅެނީ ވިޔަފާރިވެރިންނަށް ޖެއްސުންކުރަން"