Roadha Mihaaru
އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފަށަން ތައްޔާރުވަނީ

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

05 އެޕްރީލް 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ އަމަލީ މަސައްކަތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށަން ތައްޔާރު ވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ އަމަލީ މަސައްކަތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށަން ތައްޔާރު ވެފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް މަޝްރޫއު ފަށާނެ ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ވެސް އެކި ތާރީޚުތައް ދީފައި ވެ އެވެ.

ވެލާނާ އެއާޕޯޓް ހިންގާ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ އާ ޓާމިނަލްގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފަށާއިރު އެ މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު މިހާރު ރާއްޖެ ގެނެސްފައިވާ ކަމަށެވެ.

"ޓާމިނަލްގެ ކޮންކްރީޓް ޕައިލް ޖަހަން މިހާރު އެ ދަނީ ތައްޔާރު ވަމުން. އެކަމަށް ބޭނުންވާ ހުރިހާ ޕައިލް އެ ހުރީ ހުޅުލެ އަށް ގެނެސްފައި،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ޓާމިނަލްގެ ފައުންޑޭޝަނަށް ބޭނުންވާ 500 އަށް ވުރެ ގިނަ ކޮންކްރީޓް ޕައިލް ވަނީ ގެނެސްފަ އެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް ހަދަން ބޭނުންވާ ފައިސާ މިހާރު ހުރީ ހަމަޖެހިފައި ކަމަށާއި އަމަލީ މަސައްކަތް މާ ގިނަ ދުވަހެއް ނުވެ ފެށޭނެ ކަމަށް އެ ކުންފުނިން މިދިޔަ މަހު ވެސް ބުނެފައި ވެ އެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލްގެ މަސައްކަތް ސައޫދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ ހަވާލުކުރީ ގާތްގަނޑަކަށް 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށް މޭ 2016 ގަ އެވެ.

އާ ޓާމިނަލް އަޅަން ނިންމާފައި ވަނީ މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލާ ޖެހިގެން ދެކުނަށް އޮތް ސަރަހައްދުގަ އެވެ. މި ޓާމިނަލް އެއްކޮށް ނިންމައި ބޭނުން ކުރަން ކަނޑައަޅާފައި ވަނީ 2019 ގަ އެވެ. ނަމަވެސް މިހާރު މަސައްކަތް ނުފެށި ލަސްވެފައި ވާތީ އަންނަ އަހަރަށް މަސައްކަތް ނިމޭނެ ކަމަށް ނުބެލެވެ އެވެ.

އާ ޓާމިނަލް ބޭނުން ކުރަން ފެށުމުން، މިހާރުގެ އިންޓަނޭޝަނަލް ޓާމިނަލް ބަދަލުކުރާނީ ޑޮމެސްޓިކް ޓާމިނަލަކަށެވެ.