Roadha Mihaaru
އާ ޓާމިނަލް އަޅަން މިހާރުގެ ޓާމިނަލްގެ ބައެއް ނަގައިފި

އާ ޓާމިނަލް އަޅަން ވެލާނާ އެއާޕޯޓުގެ ކުރީގެ ޓާމިނަލްގެ ބައެއް ތަޅާލައިފި

03 ސެޕްޓެމްބަރ 2018

އާ ޓާމިނަލް އަޅަން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ބައެއް ގޭޓްތަކާއި އެއާލައިން އޮފީސް ހުރި ބައި ތަޅާލައިފި އެވެ.

އާ ޓާމިނަލް އަޅަން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލްގެ ބައެއް ގޭޓްތަކާއި އެއާލައިން އޮފީސް ހުރި ބައި ތަޅާލައިފި އެވެ.

އެއާޕޯޓް ހިންގާ އެމްއޭސީއެލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އާ ޓާމިނަލް އަޅަން ބޭނުންވާ ޖާގަ ހުސްކުރުމުގެ ގޮތުން މިހާރުގެ ޓާމިނަލްގައި ކުރިން ބޭނުންކުރި ގޭޓް 4،5،6 އާއި އެއާލައިން އޮފީސް ހުރި ބައި ތަޅާލާފައިވާ ކަމަށެވެ.

"އެތަން ތަޅާލުމުގެ ކުރިން މިދިޔަ އަހަރު ވާނީ އެ ތިން ގޭޓް ޓާމިނަލް ތިރިއަށް އިތުރުކޮށްފައި. އަދި އެއާލައިން އޮފީސްތައް ވެސް ވާނީ އެހެން އިމާރާތަކަށް ބަދަލުކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ކުރިން ތިން ގޭޓް ހުރި ތަނާ ޖެހިގެން ޖުމްލަ ހަ ގޭޓް ހިމެނޭ ގޮތަށް އަލަށް ހެދި އިމާރާތުގެ މަސައްކަތްކުރީ ސްރީ ލަންކާގެ ސެންކަން އޯވާސީސް ކިޔާ ކުންފުނިންނެވެ.

ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލް އަޅަނީ ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ސަރަހައްދެއްގަ އެވެ. އެ ޓާމިނަލް އަޅަން މިހާރު ގެންދަނީ ޕައިލް ޖެހުމުގެ މަސައްކަތްކުރަމުންނެވެ.

ގާތްގަނޑަކަށް 350 މިލިއަން ޑޮލަރު ހަރަދުކޮށް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ހަދާ ޓާމިނަލް ޕްރޮޖެކްޓްގެ މަސައްކަތް ސައުދީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި، ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކުރީ މެއި، 2016 ގަ އެވެ. އޭރު އެމްއޭސީއެލް އިން ބުނެފައި ވަނީ އަލަށް ހަދާ ޓާމިނަލްގެ މަސައްކަތް ނިންމަން ތިން އަހަރެއްހާ ދުވަސް ނަގާނެ ކަމަށާއި އެ ތަން ބޭނުން ކުރަން ފެށޭނީ 2019 ވަނަ އަހަރު ކަމަށެވެ.

ނަމަވެސް މަސައްކަތަށް ކުރިމަތިވި ބައެއް ހުރަސްތަކާ އެކު އެ ތާރީހަށް އާ ޓާމިނަލް ނުނިމޭނެ އެވެ.