އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގައި ޚިދުމަތް ދޭން ފަށައިފި އެވެ.
08 އެޕްރީލް 2019
އައިޖީއެމްއެޗުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތް ކުރި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލްގައި ޚިދުމަތް ދޭން ފަށައިފި އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަށް އެންމެ ފުރަތަމަ ބަދަލުކުރީ އައިޖީއެމްއެޗުގެ ފިޒިއޮތެރަޕީ ޑިޕާޓްމެންޓެވެ. މިދިޔަ މަހުގެ 30 އިން ފެށިގެން ފިޒިއޮތެރަޕީގެ ޚިދުމަތް ދެމުން އަންނަނީ އާ އިމާރާތުގެ ހަތަރު ވަނަ ފްލޯގަ އެވެ.
"އެހެން ބައެއް ޚިދުމަތްތައް ވެސް ބަދަލުކުރާނެ،" އައިޖީއެމްއެޗުގެ ތަރުޖަމާން، މުހައްމަދު މުފީދު ވިދާޅުވި އެވެ.
މި މަހުގެ ތެރޭގައި ރަސްމީކޮށް ހުޅުވަން ނިންމާފައިވާ އެތަނަށް ފުރަތަމަ ބަދަލުކުރާ ގޮތަށް އޮތީ، ފިޒިއޮތެރަޕީ ޑިޕާޓްމެންޓުގެ އިތުރުން އޯޕީޑީ އާއި އެކްސްރޭ އާއި ސްޕޯޓްސް ތެރަޕީ އާއި އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓެވެ. އެއީ، އާއްމުންނަށް އެންމެ ބޭނުންވާ ޚިދުމަތްތަކެވެ.
އެހެންކަމުން، ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާ އެކު ޑޮކްޓަރަށް ދެއްކުމާއި އެކްސްރޭ ނެގުން ފަދަ ހުރިހާ ޚިދުމަތެއް ކުރިއަށް ގެންދާނީ އެ އިމާރާތުގަ އެވެ.
ހިނގާ މަގަކުން، ދެ އިމާރާތް ގުޅުވާލާފައިވާއިރު، ދެ ތަނުން ވެސް ޚިދުމަތް ހޯދަން އުނދަގުލެއް ނުވާނެ އެވެ. އާ، އިމާރާތް ޑިޒައިން ކޮށްފައި ވަނީ، އައިޖީއެމްއެޗުގައި އިމަޖެންސީ ފަރުވާދޭ ޑިޕާމްޓްމަންޓުން ނުކުމެގެން ގޮސް ދަރުމަވަންތަ ހޮސްޕިޓަލަށް ވަދެވޭ ގޮތަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލް: މިތަން ޝެންހުއާ އަށް ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭތޯ އޭސީސީން ދެ ވަނަ ފަހަރަށް އަންނަނީ ބަލަމުން. --ފޮޓޯ: ނިޝާން އަލީ/މިހާރު
ގްރައުންޑް ފްލޯ: ކޮފީ ޝޮޕަކާ އެކު ބޮޑު ހުސް ޖާގައެއް އާއްމުންނަށް ޚާއްސަކޮށްފައި.
ފުރަތަމަ ފްލޯ: ތަހުލީލް ކުރުމުގެ ހުރިހާ ޚިދުމަތެއް (އެކްސްރޭ، ސިޓީ ސްކޭން، އެމްއާރުއައި)
2 -3 ވަނަ ފްލޯ: އޯޕީޑީ، ބަލި މީހުން ބެލުމާއި ހަމުގެ ބަލިތަކުގެ ފަރުވާ.
4 ވަނަ ފްލޯ: ހައިޑްރޯ ޕޫލާ އެކު ފިޒިއޮތެރަޕީ އާއި ސްޕޯޓްސް ތެރަޕީ.
5 ވަނަ ފްލޯ: ހަމުގެ ޑިޕާޓްމެންޓެއްގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ސަރަހައްދަކާއި އަންހެން/ފިރިހެން ނަމާދުކުރުމުގެ ޖާގަ.
6 ވަނަ ފްލޯ: އީއެންޓީ (ކަރުންމަތީގެ ބަލިތައް)، އޮފްތަމޮލޮޖީ (ލޮލުގެ ބަލިތައް) އަދި ޑެންޓަލް ޑިޕާޓްމެންޓް.
7 ވަނަ ފްލޯ: އެންޑޮސްކޯޕީ އާއި ކްލޮނޮސްކޯޕީ އަށް ބްރޮންކޮސްކޯޕީ އާއި އޮޕަރޭޝަން ތިއޭޓަރެއް.
8 ވަނަ ފްލޯ އާއި 14 ވަނަ ފްލޯ: މެޑިކަލް ސްކޫލް. ވަކިވަކިން ދެ ފްލޯ ދޭން ޖެހުނީ، މެޑިކަލް ސްކޫލް ހިންގާނެ ޖާގައަށް އެދުނުއިރު، އެހެން ތަނެއް ހުސްކޮށް ނެތުމުން.
9 ވަނަ ފްލޯ: ގިނަ ތަހުލީލުތަކެއް ކުރެވޭ، ޒަމާނީ ފެންވަރުގެ ލެބޯޓްރީއެއް.
9 -10 ވަނަ ފްލޯ: ކާޑިއެކް ސެންޓަރު.
11 ވަނަ ފްލޯ: ކެތު ލެބު (ހިތުގެ އޮޕަރޭޝަންތަކަށް ހާއްސަ އޮޕަރޭޝަން ތިއޭޓަރާ)އި ރާއްޖޭގައި މުޅިން އާ، ހައިބްރިޑް އޮޕަރޭޝަން ތިއޭޓަރު. އޭގެ އިތުރުން ކާޑިއޯ ކެއާ ސެންޓަރުގެ 10 ކިއުބް.
މީގެއިތުރުން ދެން ހުރި ފްލޯތައް ބޭނުން ކުރާނީ ހަތަރު އޮޕަރޭޝަން ތިއޭޓަރާއި ބަލި މީހުން ޕްރައިވެޓް ރޫމްތަކާއި އެގްޒެކެޓިވް ރޫމްތަކުގެ އިތުރުން ޑޮކްޓަރުންގެ އެކޮމޮޑޭޝަން ފަދަ ޚިދުމަތްތަކަށެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފްލޯ ބޭނުން ކުރާނީ މާލޭގެ މަލަމަތި ފެންނަ ހިތްގައިމު ރެސްޓޯރެންޓަކަށެވެ.
ދަރުމަވަންތަ ހޮސްޕިޓަލް: އެތަނުގައި މިހާރު ވަނީ ޚިދުމަތް ދޭން ފަށާފައި. --ފޮޓޯ/މިހާރު
ޔާމީންގެ ސަރުކާރުން މި ހޮސްޕިޓަލް އިމާރާތް ކުރީ ސިއްހީ ޚިދުމަތް ކުރިއަރުވައި ތަރައްގީ ކުރަން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށެވެ. ރާއްޖޭގެ އެންމެ އަގު ބޮޑު އިމާރާތް، ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށް ޖޫން، 5، 2016 ގައި މަސައްކަތް ފެށީ ދެ އަހަރުން ނިންމުމަށެވެ. އެކަމަކު، އައިޖީއެމްއެޗުގެ އިމާރާތާ ގުޅުވާލާ، ދަރުމަވަންތަ ހޮސްޕިޓަލްގެ ޚިދުމަތް ލަސްވީ ވަސީލަތްތައް ހޯދަން ހަވާލުކުރި ކުންފުނިތަކަށް ދިން ތާރީޚުތަކުގައި އެކަން ނުވެގެން ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް ޔާމީންގެ ތަރައްގީގެ ރަމްޒު ކަމަށް އެމަނިކުފާނުގެ ސަޕޯޓަރުން ސިފަކުރާއިރު، ސަރުކާރު ކޯލިޝަނުން ދެކެނީ އެއީ، ކޮރަޕްޝަންގެ ބިނާއެއްގެ ގޮތުގަ އެވެ. މި މަޝްރޫއަށް 140 މިލިއަން ޑޮލަރު ހަރަދު ކުރާއިރު މިއީ، މިފަދަ ދެތިން އިމާރާތުގެ އަގު ކަމަށް އިމާރާތްކުރުމުގެ ދާއިރާގެ މީހުން ދެކެ އެވެ. އެއަށް ރައްދު ދީ، ޔާމީންގެ ސަރުކާރުން ބުނެފައި ވަނީ، މުހިއްމީ ހޮސްޕިޓަލް އަވަހަށް ނިންމައި ޚިދުމަތް ދިނުން ކަމަށެވެ.
އެންމެ އުހުން ފެނުނު ހިތްގައިމުކަމާއި ކުރިއެރުން!
ފިޒިއޮތެރަޕީގައި ދަރުމަވަންތަ އެންމެ ކުރީ ސަފަށް
25 ބުރީގެ ހޮސްޕިޓަލް: "ފަރުވާއަކީ މިއީ،"!
ހޮސްޕިޓަލުގެ ކިއު ކުޑަކުރަން ވަގުތު އިތުރުކުރަނީ
ސަރުކާރުގެ މައި ހޮސްޕިޓަލަކަށް ދަރުމަވަންތަ!
އާރުއެމްއެލްއެސްއަށް ސިއްހީ ސާމާނު ދިނީ އޮންނަ އުސޫލުން
ނުތަކާ ވަރަށް ފަރުވާދޭން ޖެހިދާނެތީ ބިރުއެބައޮތް: މޫސަ
ދަރުމަވަންތަ ހުރިހާ ފްލޯއެއް ޖުލައި މަހު ބޭނުންކުރަނީ
"ސިއްހީ ހިދުމަތުގެ ޝަކުވާތަކާ ގުޅޭ ގޮންޖެހުން ގިނަ"
އަމީންގެ ހާސްކަމެއް ނެތް، މައްސަލަތައް ހައްލުކުރެވޭނެ!