Roadha Mihaaru
ގައިދީންނާ ބައްދަލުކުރަން ވަނީ ދަތިކޮށްފައި: ވަކީލުން

ގައިދީންނާ ބައްދަލުކުރަން ވަނީ ދަތިކޮށްފައި: ވަކީލުން

07 އެޕްރީލް 2018

ވަކީލުންގެ ބައްދަލުވުންތައް ދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަމަލުކުރަމުން އަންނަ ގޮތާ މެދު ބައެއް ވަކީލުން މިއަދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވަކީލުންގެ ބައްދަލުވުންތައް ދިނުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އަމަލުކުރަމުން އަންނަ ގޮތާ މެދު ބައެއް ވަކީލުން މިއަދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ގާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ "ގާނޫނުއަސާސީއާ ހިލާފަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް" މާފުށީ ޖަލުގައި ބަންދުކޮށްފައި ތިބި "ސިޔާސީ ހައްޔަރީންނާ" ބައްދަލުކުރުމުގެ ފުރުސަތު ދެނީ ކަރެކްޝަންސް އިން ބޭނުން އިރެއްގައި ކަމަށެވެ. އަދި ކަރެކްޝަންސް އިން އަމަލުކުރަމުން އަންނަ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ގާނޫނީ ވަކީލެއްގެ އެހީތެރިކަމުގެ ހައްގު ލިބިދިނުމަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގާނޫނުން ދީފައި އޮންނަ އިހްތިޔާރެއް ނޫނެވެ. ގާނޫނުއަސާސީން ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު އެކަށައަޅާފައިވާ ގޮތަށް ބަލާއިރު، އެކަމަކީ ތުހުމަތުގައިވާ ފަރާތުގެ ހައްގެއްގެ އިތުރުން ޖިނާއީ އަދުލުގެ ނިޒާމު ވަކިނުކުރެވޭނެހެން ގުޅިލާމެހިފައިވާ އެ ނިޒާމުގެ މުހިންމު ރުކުނެކެވެ،" ވަކީލުންގެ ބަޔާނުގައިވެ އެވެ.

ވަކީލުންގެ ބަޔާނުގައި ބުނި ގޮތުގައި ޖަލުގައި ތިބި މީހުންނާ ބައްދަލުކުރުމުގެ ފުރުސަތު ހަނިކޮށް، ފުލުހުންނާއި ކަރެކްޝަންސުން އިހްތިޔާރުކުރާ ބަޔަކަށް ގާނޫނީ ވަކީލުންނާ ބައްދަލުނުކުރެވޭނެ ކަމަށް ބުނުމާއި ވަކި އަދަދެއްގެ ގާނޫނީ ވަކީލުން އިހްތިޔާރު ކުރުމަށް އަމުރު ކުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫނެވެ.

ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އެތައް ހައްގުތަކުން ގައިދީން މަހުރޫމް ކުރުމަކީ އިސްލާމްދީނާއި ދިވެހި ގައުމަށް ވެވޭ ބޭއިންސާފެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ގާނޫނާއި މަސްއޫލިއްޔަތުގެ އަބުރާއި ޝަރަފުވެރިކަން ވަޒީފާގެ ބިރަށްޓަކައި ގުރުބާން ނުކުރަށް ގޮވާލާފައިވެ އެވެ.

ގާނޫނީ ވަކީލުން ބުނީ، ވަކީލުންނާ ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ދޮރު ބަންދުކޮށް އެއްވެސް މީހެއްގެ މައްޗަށް ޝަރީއަތް ހިންގުމަކީ ކަނޑައެޅިގެން ބޭއިންސާފެއް ކަމަށެވެ.

މި ކަންކަން މިހެން ހިނގަމުން އަންނަ ޕްރޮސިކިއުޓާ ޖެނެރަލަށް ރުދުންގެ ހައްގުތަކާއި މިނިވަންކަން ނެގެހެއްޓުމުގެ ޒިންމާ ގާނޫނުއަސާސީން މަތިކޮށްފައިވާ ކަމަށާއި އެހެންވެ ޕްރޮސިކިއުޓާ ޖެނެރަލާއި އެތަނުގެ ވަކީލުން ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް ވެސް ވަނީ ބަޔާނުގައި ގޮވާލާފައިފަ އެވެ.

އަދި، އެކަމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ވެސް އަވަސް ގޮތެއް ނިންމައިދީ ރާއްޖެ ދުސްތޫރީ ނިޒާމުގެ ތެރެއަށް ރުޖޫއަކޮށް ދިނުމަށް ގޮވައިލި އެވެ.