10 އެޕްރީލް 2018
އިންސާނިއްޔަތަށްޓަކައި ނަމަވެސް ޖަލުން ގެ އަށް ބަދަލުކޮށް ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކްރިމިނަލް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
އިންސާނިއްޔަތަށްޓަކައި ނަމަވެސް ޖަލުން ގެ އަށް ބަދަލުކޮށް ދިނުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކްރިމިނަލް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރާ އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ މިއަދު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އުމުރުފުޅުން ދުވަސްވެފައި ހުންނެވުމުންނާއި ސިއްހީ ހާލަތު ހުރި ގޮތުން އެމަނިކުފާނު ޖަލުގައި ގިނިކަންޏާ ހުންނަވަން ޖެހިވަޑައިގަތުމުން ސިއްހީ ނުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
އެކަން އެނގޭނެ ޑޮކްޓަރުގެ ލިޔުންތަކާ އެކު ސިޓީފުޅެއް ވެސް ކޯޓަށް ކުރިން ފޮނުއްވާފައިވާނެ ކަމަށް ވިދާޅުވެ، މައުމޫން އަސަރާ އެކު އެދިވަޑައިގަތީ ކުޑަމިނުން ގޭ ބަންދަށް ބަދަލުކޮށް ދެއްވުމަށެވެ.
"އެންމެ ފުރަތަމަ ކަމަކަށް އަޅުގަނޑު އެދެނީ އަޅުގަނޑު ބަންދުން ދޫކޮށް ދެއްވުމަށް. އެއީ އަޅުގަނޑަކީ ބަންދުގައި ހުންނަންޖެހޭ މީހެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެކަމަކު އެކަން ކޮށްދެވެން ނެތިއްޔާ އެންމެ ކުޑަމިނުން ގޭ ބަންދަށް ބަދަލުކޮށް ދެއްވާ،" މަޑުނޫކުލައިގެ ގަމީހަކާއި ނޫކުލައިގެ ޓައީއެއް ތުރުކުރައްވައިގެން ހުންނެވި މައުމޫން އަސަރާ އެކު ގާޒީ އާދަމް އާރިފްގެ ކިބައިން އެދިވަޑައިގަތެވެ.
މައުމޫން އެގޮތަށް ވިދާޅުވުމުން، އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ މައުމޫން ބަންދުގައި ހުންނެވި އެ މައްސަލައާ ގުޅިގެން ކަން ލިޔުންތަކުން އެނގެން ނެތް ކަމަށެވެ. އަދި މިއަދު ބާއްވާ އަޑުއެހުމަކީ ކޮން މައްސަލައަކާ ގުޅިގެން ބާއްވާ އަޑުއެހުމެއް ކަން ވެސް މައުމޫނަށް ގާޒީ އާދަމް އާރިފް ސާފުކޮށް ދެއްވި އެވެ.
ގާޒީ އެގޮތަށް ވިދާޅުވުމުން މައުމޫން ވިދާޅުވީ، އެމަނިކުފާނު ބަންދުގައި ހުންނެވީ ކޮންމެ މައްސަލައަކާ ގުޅިގެން ކަމަށް ވިޔަސް، ސިއްހީ ހާލަތު ހުރި ގޮތުންނާއި އުމުރުފުޅުން ދުވަސްވުމުގެ ސަބަބުން، ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ ސިއްހީ ނުރައްކަލެއް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ. އެހެންވެ އިންސާނިއްޔަތަށްޓަކައި ނަމަވެސް ގެއަށް ބަދަލު ކޮށްދިނުމަށް އުމުރުފުޅުން 80 އަހަރުން މަތީގެ ދުވަސްތައް ހޭދަކުރައްވަމުން ގެންދަވާ މައުމޫން އެދިވަޑައިގަތެވެ.
ގާޒީ އާދަމް އާރިފް ވިދާޅުވީ ލިޔުންތައް ބެއްލެވުމަށް ފަހު އެކަމާ ގުޅިގެން އިދާރީ ގޮތުން ޖަވާބެއް ދެއްވާނެ ކަމަށެވެ. އަދި މައުމޫން ބަންދުގައި ހުންނެވީ އެހެން މައްސަލައަކާ ގުޅިގެން ކަމަށްވާ ނަމަ، މައުމޫންގެ ބަންދާ މެދު ގޮތެއް ނިންމަވާނީ އެ މައްސަލައެއް މައުޟޫއީ ގޮތުން ބައްލަވާ ފަނޑިޔާރު ކަމަށް ވެސް ގާޒީ އާދަމް އާރިފް ވިދާޅުވި އެވެ.
މައުމޫންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ އާއި ފަނޑިޔާރު އަލީ ހަމީދުގެ ބައި ވެސް ކުރިއަށް ގެންދިޔައީ އެއްކޮށް، އެއް އަޑުއެހުމެއްގެ ގޮތުގަ އެވެ. އަޑުއެހުން ފެށްޓެވުމަށް ފަހު، އާންމުކޮށް ދައުވާ ލިބޭ މީހުންގެ މައުލޫމާތު ގާޒީ ސާފު ކުރައްވާ އުސޫލުން ކޮންމެ ބޭފުޅަކާއި ވަކިވަކިން ސުވާލު ކުރައްވައި، އެ ބޭފުޅުންގެ މައުލޫމާތު އެއްސެވި އެވެ.
އުއްތަމަ ފަނޑިޔާރުގެ ނަން ގާޒީ އާދަމް އާރިފް ވިދާޅުވުމުން، އެ އަށް ޖަވާބު ދެއްވުމުގެ ގޮތުން އުއްތަމަ ފަނޑިޔާރު ޖަވާބު ދެއްވީ ޝަރީއަތުގެ އާންމު އުސޫލާ ޚިލާފަށް، އިށީނދެ އިންނަވައިގެން ބޮލުގެ އިޝާރާތުންނެވެ. އެހެންވެ، ގާޒީ އާދަމް އާރިފް އެންގެވީ އާންމު އުސޫލު އޮންނަ ގޮތަށް ކޮޅަށް ތެދުވެ ހުންނަވައިގެން ވާހަކަ ދެއްކެވުމަށެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ކޯޓަށް ގެންދިއުމަށްޓަކައި ޕޮލިސް ލޯންޗުގައި މާލެ ގެންނައިރު، އަތްޕުޅުން ސަލާމް ކުރައްވަނީ.----ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ކޮޅަށް ތެދުވެ ވަޑައިގެން ވާހަކަ ދައްކަވާ،" ގާޒީ އާދަމް އާރިފް އެންގެވި އެވެ.
އެގޮތަށް ގާޒީ އެންގެވުމުން އުއްތަމަ ފަނޑިޔާރު އެ ގޮތަށް އަމަލު ކުރައްވައި، ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް ގާޒީ އަށް ސާފުކޮށް ދެއްވި އެވެ.
ތިން ބޭފުޅުން ވެސް ވަކީލުން އައްޔަން ނުކޮށް ތިއްބެވުމުން ގާޒީ އާދަމް އާރިފް ވަނީ ތިން ބޭފުޅުންނާ ވަކިވަކިން ސުވާލު ކުރައްވައި، އިބްތިދާއީ މަރުހަލާ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ތޯ ވިދާޅުވެ ސުވާލު ކުރައްވައިފަ އެވެ. ޖަވާބުގައި ތިން ބޭފުޅުން ވެސް ވިދާޅުވީ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިއަދު ކޯޓަށް ގެންދިއުމަށްޓަކައި ޕޮލިސް ލޯންޗުގައި މާލެ ގެންނަނީ.----ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ވަކީލަކު ހަމަޖައްސަން 15 ދުވަހުގެ މުއްދަތެއް ދެއްވުމަށް މައުމޫން އެދިވަޑައިގަތްއިރު، އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު އެދިވަޑައިގަތީ 10 ދުވަސް ދެއްވުމަށެވެ. ތިން ބޭފުޅުންނަށް ވެސް ގާޒީ ދެއްވީ 10 ދުވަހެވެ. އަދި ތިން ބޭޭފުޅުން ވެސް ބަންދުގައި ތިއްބަވާތީ، އެ ބޭފުޅުންނަށް ވަކީލުން ހަމަޖެއްސުމަށް ފޯން ކޯލްގެ ފުރުސަތާއި އާއިލީ ބައްދަލުވުންތައް ދޭން ކޯޓުން އަންގާނެ ކަމަށް ގާޒީ އާދަމް އާރިފް ވިދާޅުވި އެވެ.
ވަކީލަކު ހަމަޖެއްސުމަށް 15 ދުވަހުގެ މުއްދަތެއް ދެއްވަން މައުމޫން އެދިވަޑައިގެންފައިވާތީ، އެކަމާ ގުޅިގެން ގާޒީ އާދަމް އާރިފް ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން އެއްފަހަރާ ދެވޭނެ އެންމެ ދިގު މުއްދަތަކީ 10 ދުވަސް ކަމަށެވެ. އެކަމަކު އެ މުއްދަތުގައި މަގްބޫލު ސަބަބެއް ދިމާވެގެން ވަކީލަކު ހަމަނުޖެހިއްޖެ ނަމަ އިތުރު ފުރުސަތު ދެވިދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް އެ ތިން ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެ އެވެ. އެކަމަކު އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެ ތިން ބޭފުޅުންނާއި އިތުރު ބައެއް ބޭފުޅުން ވެސް ހައްޔަރުކޮށް، ވަނީ ދައުވާ އުފުލައިފަ އެވެ.
ދެ ފަނޑިޔާރުންގެ ވަކީލުން ވެސް މައްސަލަ ދޫކޮށްލައިފި
މައުމޫނާއި ދެ ފަނޑިޔާރުންގެ ޝަރީއަތް މާދަމާ ބާއްވަނީ
ދެ ފަނޑިޔާރުންގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ
އަބްދުﷲ ސައީދަށްޓަކައި ކޮއްކޮ އެކަނިމާއެކަނި!
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެއްޖެ
ދެފަނޑިޔާރުންނަށް އިއްވި ހުކުމް ރަނގަޅު:ސުޕްރީމް ކޯޓު
އެމްޑީޕީގެ ރިޔާސީ ކެމްޕޭން ލޯންޗުކުރުން ފަސްކޮށްފި
މައުމޫނާއި ދެ ފަނޑިޔާރުން ދޮޅު އަހަރަށް ޖަލަށް
ދެ ފަނޑިޔާރުންނަށް ކުރި ޖަލު ހުކުމް ސުޕްރީމް ކޯޓަށް