ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ލޭންޑިން ކްރާފްޓެއް ގަތުމުގައި އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިން ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
11 އެޕްރީލް 2018
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަށް ލޭންޑިން ކްރާފްޓެއް ގަތުމުގައި އެހެން ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިން ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފުއާދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ވެމްކޯގެ ކުރީގެ އެމްޑީގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، ލޭންޑިން ކްރާފްޓްގެ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި، އޭގެ އަގުގެ 30 ޕަސެންޓަށްވާ 3.9 މިލިއަން ރުފިޔާ ދޫކުރުމުގައި އެ ކުންފުނީގެ ޕޮލިސީއާ ޚިލާފަށް ކަމަށް އަމަލު ކޮށްފައި ވާތީ ކަމަށެވެ. އެޑްވާންސް ޕޭމަންޓްގެ ފައިސާ ހޯދަން ލޭންޑިން ކްރާފްޓް ވިއްކި ކުންފުނިން ހުށަހެޅި އިންވޮއިސް އެޕްރޫވް ކުރުމަށް އަތު ލިޔުމުން ލިޔެ، ސޮއިކުރީ ވެސް ވެމްކޯގެ އޭރުގެ އެމްޑީ ކަން ތަހުގީގަށް އެނގޭ ކަމަށް އޭސީސީގެ ބަޔާނުގައި ވެ އެވެ. އެނގިފައިވާ ގޮތުގައި އޭރު އެ ކުންފުނީގެ އެމްޑީއަކީ ފުއާދެވެ.
އޭސީސީން ބުނީ އަމިއްލަ ކުންފުންޏަކުން ލޭންޑިން ކްރާފްޓެއް ވިއްކަން ވެމްކޯ އަށް ޕްރޮޕޯޒަލް ހުށަހެޅީ އޭރު ފުއާދު އެދިވަޑައިގެން ކަމަށާއި އެއީ އެ ކުންފުނީގެ އެއްވެސް ޑިޕާޓްމެންޓަކުން އެދިގެން ނުވަތަ އެ ކުންފުންޏަށް ލޭންޑިން ކްރާފްޓެއް ބޭނުންވާ ކަމަށް ނިންމައިގެން ހުށަހެޅި ޕްރޮޕޯޒަލެއް ނޫން ކަމަށެވެ. އަދި ލޭންޑިން ކްރާފްޓެއް ގަންނަ ނަމަ އެކަން ވެމްކޯގެ ބޯޑަށް ހުށަހަޅަން ޖެހޭނީ ކަމާބެހޭ ޑިޕާޓްމެންޓަކުން ކަމަށް ވާއިރު، އެ ލޭންޑިން ކްރާފްޓް ގަންނަން ބޯޑަށް ހުށަހެޅީ އެމްޑީ ކަމަށް ވެސް އޭސީސީން ބުންޏެވެ.
ލޭންޑިން ކްރާފްޓް ގަތުމަށް ބޯޑުން ނިންމުމުން އޭގެ ހާލަތު ދެނެގަތުމަށް ސާވޭއެއް ހެދިއިރު، ލޭންޑިން ކްރާފްޓްގެ ގިނަ މައްސަލަތަކެއް ފާހަގަ ކޮށްފައިވާ ކަމަށާއި އެކަމަކު އެކަމާ ބެހޭގޮތުން ބޯޑުގެ އެހެން މެމްބަރުންނާ އެމްޑީ އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށް އޭސީސީގެ ބަޔާނުގައި ވެ އެވެ. އަދި އެ އުޅަނދު ގަތުމުގެ އެއްބަސްވުމުގައި ފުއާދު ސޮއިކުރެއްވީ ވެސް އެ އުޅަނދުގެ ހާލަތު އެނގިވަޑައިގެން ހުންނަވައި ކަމަށް ވެސް އޭސީސީން ބުންޏެވެ.
އެހެންވެ، ވެމްކޯގެ އެ ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލާ ޚިލާފަށް އަމަލު ކޮށްފައިވާ ކަމަށާއި ފުއާދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އެހެން ފަރާތަކަށް ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދައުވާ ކުރުމަށާއި އަދި އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދީފައިވާ 3.9 މިލިއަން ރުފިޔާ އޭނާގެ އަތުން ދައުލަތަށް ހޯދުމަށް އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް އޭސީސީގެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ވެމްކޯގެ ކެޕިޓަލް އެކްސްޕެންޑިޗާ ރިކިއުޒިޝަން ފޯމަކީ ވެމްކޯގެ އެމްޑީ ވިދާޅުވެގެން، ތައްޔާރު ކޮށްފައިވާ ފޯމެއް ކަމަށާއި އެއީ ޕްރޮކިއުމަންޓް އުސޫލާ އެއްގޮތަށް ލޭންޑިން ކްރާފްޓް ގަންނަ ކަން ދެއްކުމަށް ތައްޔާރު ކޮށްފައިވާ ފޯމެއް ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވެ އެވެ.
އެ މައްސަލާގައި ބައެއް ކަންކަން އިސްލާހު ކުރަން އޭސީސީން ވަނީ ވެމްކޯ އަށް އަންގައިފަ އެވެ. އެގޮތުން އެ ކުންފުންޏަށް ލިޔުންތައް ބަލައިގަތުމުގަ އާއި ތަކެތި ހޯދުމުގައި ޕްރޮކިއުމަންޓް އުސޫލު ހަރުދަނާ ކުރަން ވެސް އޭސީސީން ވަނީ އަންގައިފަ އެވެ.
ވެމްކޯއިން ފައިސާގެ މައްސަލަތަކެއް ހުށަހަޅައިފި
ވެމްކޯގެ ކުރީގެ އެމްޑީއަށް ދައުވާކުރަން ފޮނުވައިފި
ވެމްކޯގެ ކުރީގެ އެމްޑީއަށް ދައުވާކުރަން އޭސީސީން އެދެފި
ފައިސަލަށް ތުހުމަތުވާ މައްސަލަތަކެއް އޭސީސީން ބަލަނީ
ސައީދަށް ކުރާ ދެވަނަ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓް
އޭސީސީއަށް ގިނައިން ހުށަހެޅީ ޕްރޮކިއުމެންޓް މައްސަލަތައް
އޭސީޕީ ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު ވެސް އޭސީސީއަށް
ކަސްޓަމްސްގެ ކުރީގެ އިސްވެރިއަކަށް ރިޝްވަތުގެ ދައުވާއެއް
ކުރީގެ މިނިސްޓަރު ފައްޔާޒް އޭސީސީއަށް ހާޒިރުކޮށްފި