Roadha Mihaaru
ދީނީ މައްސަލަތަކުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅަނީ

މުރުތައްދުވާ މީހުުންނާއި ހަނގުރާމައަށްދާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް

11 އެޕްރީލް 2018

އިސްލާމްދީން ދޫކޮށް މުރުުތައްދުވާ މީހުންނާއި ދީނުގެ ނަމުގައި ހަނގުރާމަކޮށް މީހުންނަށް ގެއްލުން ދޭ މީހުންނާއި "ހޭޓް ސްޕީޗް" ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައި އުސޫލެއް އާއްމުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިސްލާމްދީން ދޫކޮށް މުރުުތައްދުވާ މީހުންނާއި ދީނުގެ ނަމުގައި ހަނގުރާމަކޮށް މީހުންނަށް ގެއްލުން ދޭ މީހުންނާއި "ހޭޓް ސްޕީޗް" ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމައި އުސޫލެއް އާއްމުކޮށްފި އެވެ.

ގެޒެޓްގައި އިއްޔެ އާއްމު ކުރި އެ އުސޫލުގައި ބުނެފައިވާ ގޮތުގައި މި ފަދަ މީހުންނަށް، ދައުލަތުން ދޭ މަދަނީ އެހީތެރިކަން ހުއްޓާލަން ޖެހެ އެވެ. އެގޮތުން މަދަނީ ފަރާތްތަކުގެ ޕެންޝަނާއި އެހެނިހެން އަސާސީ ހިދުމަތްތައް ފިޔަވައި، ސަރުކާރުން ދޭ އެކިއެކި އެހީތަކާއި އާސަންދަ އާއި ބިމުގެ ހައްގުތަކާއި ގޯތިގެދޮރުގެ ސްކީމްތަކާއި ލޯނު ސްކީމް ފަދަ ކަންކަމުން މަހުރޫމް ކުރެވޭ ގޮތަށް ގާނޫނުތައް ބަދަލުކުރަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައި ވެ އެވެ.

މިފަދަ މީހުންނަށް ދޭނެ އަދަބުތައް، އުސޫލުގައި ކަނޑައަޅާފައިވަނީ ވަކިވަކިންނެވެ.

ފާޅުގައި އިސްލާމް ދީން ދޫކޮށްލުން ނުވަތަ މުރުތައްދުވުން

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މުރުތައްދުވުމަކީ ރާއްޖޭގެ އެއްވެސް ގާނޫނެއްގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ޖިނާއީ ކުށެއް ނޫނެވެ. އެކަމަކު ރާއްޖެއަކީ 100 ޕަސެންްޓް މުސްލިމް ގައުމަކަށް ވާތީ މީހަކު މުރުތައްދުވެއްޖެ ނަމަ ކަންކުރާނެ ގޮތުގެ ސިޔާސަތެއް ނުވަތަ އިޖުރާއަތްތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ބުނެފައި ވެ އެވެ.

އެގޮތުން މި އުސޫލުގައި ފުރަތަމަ ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މީހަކު މުރުތައްދުވެއްޖެ ނަމަ، އިސްލާމްދީނުގެ އުސޫލުތައް އޮޅުންފިލުވައިދީ އެ މީހާ ދީނަށް ރުޖޫއުވުމަށް ފުރުސަތު ދިނުމެވެ. އަދި އެކަން އޭނާ ކޮށްފިނަމަ އެ މީހަކަށް ބޭނުންވާ ދީނީ އަދި ނަފްސާނީ އެހީތެރިކަން ދައުލަތުން ފޯރުކޮށްދިނުމަށް އުސޫލުގައި ކަނޑައަޅާފައިވެ އެވެ.

އިސްލާމް ދީން ދޫކޮށްލައި، އެ ގޮތުގައި އޭނާ ދެމިހުރެއްޖެ ނަމަ އެއީ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައަޅާނީ ޝަރުއީ ކޯޓަކުން ކަމަށް ވެސް އުސޫލުގައި ކަނޑައަޅާފައި ވެ އެވެ. އަދި ކޯޓަކުން އެގޮތަށް ކަނޑައަޅައިފިނަމަ، އެމީހަކު ވަކި މުއްދަތަކަށް މުޖުތަމައުން އެކަހެރިކުރުމަށް ގަވައިދަކުން ކަނޑައެޅުމާއި ޕެރޯލާއި ކްލެމެންސީ އާއި އެ ނޫން ވެސް ހުކުމްގެ ލުޔެއް ނުލިބޭނެ ފަދަ ގޮތަކަށް ހަމަޖެއްސުމަށް ވެސް އުސޫލުގައި ކަަނޑައަޅާފައި ވެ އެވެ.

ދީނުގެ ނަމުގައި ހަނގުރާމަ ކުރުން/ ހިޔާލުތަފާތުވާ މީހުންނަށް ހަމަލާދިނުން

ދީނުގެ ނަމުގައި ރާއްޖޭން ބޭރަށް ހަނގުރާމަ އަށް ދާ މީހުން، އެ މީހުންގެ އަނބިންނާއި ޅަދަރިން އެކުގައި ގެންދާކަން އިސްލާމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އަދި މިހެން ގޮސް އުޅެނީ ދަތި ދިރިއުޅުމެއް ކަމާއި ހަނގުރާމައިގައި ފިރިހެން މީހާ މަރުވެއްޖެ ނަމަ، އޭނާގެ އާއިލާ ހަވާލު ކުރަނީ އެހެން ކޮންމެވެސް ފިރިހެނަކާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެ އެވެ.

އެހެންވެ، މިކަންކަން ހުއްޓުވުމަށް ޓަކައި، އިސްލާމް ދީނުގެ ނަމުގައި ހަނގުުރާމަ އަށް ދިޔުމާއި ދީނުގެ ނަމުގައި މަރާމާރީ ހިންގާ މީހުންނަށް ދޭ އަދަބުތައް މިހާރަށް ވުރެ ހަރުކަށި ކުރުމަށް އެ އުސޫލުގައި ހިމަނާފައި ވެ އެވެ.

އަދި މި ފަދަ ކަންކަމަށް އެހީވެދީ ހަރަދުކުރުމުގެ ޖިނާއީ މައްސަލަތަކުގައި ހަނުހުރުމުގެ ހައްގާއި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމުގެ ހައްގާއި ޒާތީ މުވާސަލާތުތަކަށް ލިބިފައިވާ ރައްކާތެރިކަން، އެ ހާލަތަކަށް ބަލައި ހަނިކުރުމަށް އުސޫލުގައި ނިންމާފައި ވެ އެވެ. އޭގެ އިތުރުން މި ފަދަ މީހުންނަށް ޕެރޯލާއި ކްލެމެންސީ އާއި އެ ނޫން ވެސް ހުކުމްގެ ލުޔެއް ނުލިބޭނެ ގޮތަށް، ގާނޫނީ ގޮތުން ހަމަޖައްސަން ޖެހޭ ކަމަށް ވެސް ބުނެފައި ވެ އެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި "ހޭޓް ސްޕީޗް" ފެތުރުން

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި ދީނުގެ ނަމުގައި ނުބައި މައުލޫމާތު ފެތުރުމަކީ ރާއްޖޭގައި މިހާރު ފާޅުކޮށް ކުރަމުންދާ ކަންކަމެވެ.

ގާނޫނީ ގޮތުން ބަލާއިރު އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދީނީގޮތުން ނުބައި މައުލޫމާތު ފެތުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އެކަމަކު ވަކި ވިސްނުމަކަށް ނުވަތަ ފިކުރަކަށް ރައްދުވާނެ ގޮތަކަށް، "ހޭޓް ސްޕީޗް" ފެތުރުން ގާނޫނީ ގޮތުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައެއް ނުވެ އެވެ.

އެހެންވެ، މި އުސޫލުގެ ދަށުން އެންމެ ފުރަތަމަ ކަމަކަށް، "ހޭޓް ސްޕީޗް" ފެތުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ހިމަނާފައި ވެ އެވެ.

އޭގެ އިތުރުން ދީނަށް ފުރައްސާރަ ކުރާ އަދި ހޭޓް ސްޕީޗް ފަތުރާ ވެބްސައިޓްތައް ރާއްޖޭގައި ބަންދު ކުރުމާއި އެ ފަދަ ސޯޝަލް މީޑިއާ ޕޭޖުތައް ބަންދު ކުރުމަށް، ކޯޓު އަމުރެއް ހޯދައިގެން ނަމަވެސް މަސައްކަތް ކުރުމަށް އުސޫލުގައި ހިމަނާފައި ވެ އެވެ. އަދި ސޯޝަލް މީޑިއާގައި މި ފަދަ ލިޔުންތައް ލިޔާ މީހުންނާ މެދު ޖިނާއީ ފިޔަވަޅު އެޅުމަށް ވެސް އުސޫލުގައި ވެ އެވެ.

މީގެ އިތުރުން، މި ފަދަ އަމަލުތަކާ ގުޅިގެން އާއްމުކޮށް ދޭ އަދަބުތައް ކަމަށްވާ، ގޭގައި ބަންދު ކުރުމާއި ޖޫރިމަނާ ކުރުން ފަދަ ކަންކަން އުނިކޮށް، އަދަބުތައް ރިވިއު ކުރުމަށް ވެސް އުސޫލުގައި ނިންމާފައި ވެ އެވެ.