19 ޑިސެމްބަރ 2019
ހައްދުފަހަނާޅާފައިވާ ފިކުރަށް ތަބާނުވާ ނަމަ ކަރު ބުރިކޮށްލުމާއި ބޮން ގޮއްވައިގެން އަމިއްލަ އަށް މަރުވުމާއި ވައްކަންކުރުމާއި މުދާ ފޭރުމާއި ޅަ އަންހެން ކުދިން ރޭޕްކުރުމާއި އަންހެނުން ބަންދުކޮށްގެން ގެންގުޅުން ފަދަ އަމަލުތަކުން ރ. މަޑުއްވަރި މުޅިން ބިރުވެރިކޮށްލައިފި އެވެ. މަޑުއްވަރީގައި މަޑުމަޑުން ފެތުރެމުން އައި ހައްދުފަހަނައެޅުމުގެ މޫތައް، މުޅި ރަށުގެ މައްޗަށް ގަދަވެގެންފި އެވެ.
ހައްދުފަހަނާޅާފައިވާ ފިކުރަށް ތަބާނުވާ ނަމަ ކަރު ބުރިކޮށްލުމާއި ބޮން ގޮއްވައިގެން އަމިއްލަ އަށް މަރުވުމާއި ވައްކަންކުރުމާއި މުދާ ފޭރުމާއި ޅަ އަންހެން ކުދިން ރޭޕްކުރުމާއި އަންހެނުން ބަންދުކޮށްގެން ގެންގުޅުން ފަދަ އަމަލުތަކުން ރ. މަޑުއްވަރި މުޅިން ބިރުވެރިކޮށްލައިފި އެވެ. މަޑުއްވަރީގައި މަޑުމަޑުން ފެތުރެމުން އައި ހައްދުފަހަނައެޅުމުގެ މޫތައް، މުޅި ރަށުގެ މައްޗަށް ގަދަވެގެންފި އެވެ.
ރ. އަތޮޅުގެ އެންމެ ކުޑަ ރަށް، މަޑުއްވަރީ މިހާ ނުރައްކާތެރި ހާލަތަކަށް ވެއްޓުނީ ކިހިނެއް ހެއްޔެވެ؟
ރާއްޖޭގެ ގިނަ ރަށްތަކެކޭ އެއްގޮތަށް، ދެހާހުގެ އަހަރުތަކުގެ ކުރީކޮޅާ ހަމައަށް މަޑުއްވަރީގެ ހުރިހާ ރައްޔިތުންނަކީ ވެސް އެއް އާއިލާ އެކެވެ. އަޚުވަންތަކަމުގެ ގުޅުން ވަރުގަދަވެފައި އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެކެވެ. އާބާދީގައި ގާތްގަނޑަކަށް 2،400 އެއްހާ މީހުން ހިމެނޭ މަޑުއްވަރީގައި ދިރިއުޅުނު އެންމެން ވެސް ހަމަޖެހުމަށް ލޯބިކުރި އެވެ. މި ގުޅުން ހީނަރުކޮށްލައި ރަށުގެ އަމާންކަން ނިގުޅައިގަތީ އަނިޔާވެރި އަމަލުތައް ހިންގާ ހަރުކަށި ފިކުރެވެ. އެއީ އައިއެސްގެ ވެސް ފިކުރެވެ.
ރ. މަޑުއްވަރީ: އެ ރަށުގައި ހައްދުފަހަނާޅައި ދިއުމުގެ ފިކުރު ފެތުރޭތާ އަހަރުތަކެއް ވެއްޖެ.
މި ފިކުރު ފުޅާކޮށް، ވޭތުވެދިޔަ 15 އަހަރުގެ ތެރޭގައި ޒުވާން ސިކުނޑިތަކެއް ތަޣައްޔަރުކޮށްފި އެވެ. މުޅި ރަށުގެ ހަމަޖެހުމާއި އެއްބައިވަންތަކަން ނަގާލައިފި އެވެ. އެއް ބަޔަކު އަނެއް ބަޔަކާ މެދު ނަފްރަތު އުފައްދައިފި އެވެ. މަޑުއްވަރީގައި ދިރިއުޅޭ ހަރުކަށި ފިކުރުގެ މީހުން ވެސް ގަބޫލުކުރާ ގޮތުގައި، އެ ނޫން އެންމެންނަކީ ކާފަރުންނެވެ. މުސްލިމެއްގެ ގޮތުގައި އެ މީހުން ބަލައިގަންނަނީ، އެ މީހުންގެ ފިކުރު ގަބޫލުކޮށް، އަނިޔާވެރި އަމަލުތައް ހިންގުމާއި އެ ކަންކަމަށް ވާގިވެރިވާ މީހުން އެކަންޏެވެ.
މަޑުއްވަރީގައި މި ފިކުރު ފެތުރުނު ގޮތް އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން ނަން ހާމަނުކުރަން އެދިވަޑައިގެން "މިހާރު" އަށް ވިދާޅުވީ ހައްދުފަހަނައަަޅައިދިއުމުގެ ވިސްނުން އެ ރަށުގައި ފެތުރެން ފެށީ، 1996-1997 ހިސާބުގައި އެ އަތޮޅު ކިނޮޅަހަށް ދޭތެރެއަކުން އައިސް އުޅުނު މީހެއްގެ ފަރާތުން ކަމަށެވެ. ޕާކިސްތާނުން ކިޔަވައިގެން ހުރި އެ މީހާ ކިނޮޅަހުގައި ހުރެފައ ދޭތެރެ ދޭތެރެއިން މަޑުއްވަރީ އަށް ގޮސް ބައެއް މީހުންނާ އެކު ޖަމާއަތް ހަދައިގެން އުޅުނެވެ. އެކަމަކު އޭނާގެ ބަހާއި އަމަލުތަކަށް ހެއްލެނު، މީހުން ވެސް ހިމަންދޫގެ ކުރިމަތިލުމާ ހަމައަށް، ބޮން ހެދުމާއި ހަނގުރާމައިގެ ތަމްރީނު ހެދުން ފަދަ ކަންކަމުގެ ތެރެއަކަށް ނުވަދެ އެވެ.
ކިނޮޅަހުގެ ބައެއް މީހުން މި ވާހަކަ ދޮގުކުރެ އެވެ. އެ މީހުން ބުނާގޮތުގައި، ކިނޮޅަހުގައި އެއްވެސް މީހަކު އެ ފިކުރަކަށް ތަބާވާނަމަ، އެކަމާ ގުޅުން އޮތީ މަޑުއްވަރީއާ އެވެ.
މަޑުއްވަރީގައި ތިބި އެ ވިސްނުމުގެ މީހުން އޭރު ގަބޫލުކުރީ، އުނގެނެން ޖެހެނީ ހަމައެކަނި އަރަބި ތައުލީމް ކަމަށެވެ. އިމާމުގެ ފަހަތުގައި، ސަފު ހަދައިގެން ނަމާދުކުރުމާ ވެސް ދެކޮޅު ހެދި އެވެ. ދޭތެރެ ދުރުކުރުން ފަދަ ވަސީލަތްތަކާއި ސިއްހީ ބައެއް ފަރުވާ ދީނުގައި ހުއްދަ ނޫން ކަމަށް ގަބޫލުކުރި އެވެ.
ރ. މަޑުއްވަރީގައި ފުލުހުން ހިންގާ އޮޕަރޭޝަންގައި އެ ރަށުގެ ދޯންޏެއް ބަލައި ފާސްކުރަނީ. --- ފޮޓޯ: މަޑުއްވަރީ އޮންލައިން
އެ މީހުންގެ ތެރޭގައި އޮތް ގަބޫލުކުރުންތަކުގައި ހައްދުފަހަނައަޅައި ގޮސް، ކަންކަން ރާވައި ހިންގުމުގެ ވިސްނުން ކުރިއަށް ނެރުނީ އއ. ހިމަންދޫގައި ކުރިމަތިލުމާ ހަމައިން ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.
ހިމަންދޫގައި އުޅުނު ހަރުކަށި ފިކުރުގެ ބަޔަކު 2007 ގައި ފުލުހުންނާއި ސިފައިންނާ ކުރިމަތިލައި ބޮޑު ހަމަނުޖެހުމެއް ހިންގީ ސަލްޓަން ޕާކުގައި ބޮމެއް ގޮއްވާލި ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހޯދަން އެ ރަށަށް އެރުމުންނެވެ. އެ މީހުން، ސަލާމަތީ ޚިދުމަތްތަކާ ކުރިމަތިލީ ކޮޅު ތޫނުކޮށްފައި ހުރި ލަކުޑިބުރި އާއި ދަނޑިބުރި އާއި ކަނޑި ހިފައިގެން ބޮލުގައި ހެލްމެޓް އަޅައި މޫނު ނިވާކޮށްގެންނެވެ.
މި ހަމަނުޖެހުމުގައި ބަޔަކު ހައްޔަރުކުރުމުން "ސެލްތަކެއް" ހަދައި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތައް މާލެ އާއި އަތޮޅުތަކުގައި ވަރުގަދަ ކުރި އެވެ. އޭގެތެރެއިން އެއް ރަށަކީ މަޑުއްވަރި އެވެ. މާލޭގައި، ހަރުކަށި ފިކުރުގެ މީހުން ޖަމާއަތް ހަދައިގެން ނަމާދުކުރުމާއި ތައުހީދު ކްލާސްތައް ނަގައިދޭ ގެއަކަށް މަޑުއްވަރިން ވެސް މީހުން އައިސް އުޅުނެވެ. މި އެންމެންގެ ހަަރަކާތްތައް ފުޅާކުރަން ލިބުނު އެންމެ ބޮޑު ހިތްވަރަކީ، ހިމަންދޫން ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލުމެވެ. ޖަލުން ނުކުތް އިރު އެ މީހުންގެ ވިސްނުން މާބޮޑަށް ވެސް ހައްދުފަހަނަ އަޅާފައިވާ ކަމަށް ވެ އެވެ.
އެންމެ ފަސޭހަ އިން ހަރުކަށި ފިކުރު ފުޅާކުރެވޭނެ ދިމަދިމާތައް ބަލައި، ހަނގުރާމައިގެ ތަމްރީނުތައް ރާއްޖޭގައި ހިންގީ ސިއްރުންނެވެ. ކަންނެލި ދޯނިތަކުގައި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުމާ އެކު އެ ފިކުރުގެ ހަރަކާތްތައް ދަސްކޮށްދިނުމުގެ ކަންކަން ހިނގި އެވެ. ހަނގުރާމަ އަށް ހިތް ޖެއްސެވުމަށް ދޯނިފަހަރުގައި އެންމެން އެކުވެގެން ސީޑީތައް އަޑުއަހައި ހެދި އެވެ.
"އެކަމަށް [ހަރުކަށި ފިކުރު ފަތުރަން] ބޫޓް ކޭމްޕްތައް ބާއްވާފައި އެބަހުރި. އިންޓަނެޓް ނެތަސް، ދޯނިތަކުގައި ސީޑީ ޖަހައިގެން އެ ފިކުރު ސިކުނޑިތަކަށް ވައްދާދީފައި އެބަހުރި،" މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވި އެވެ.
މަޑުއްވަރީގެ ބަޔަކު ވެސް ހިމެނޭ ގޮތުން ހަނގުރާމަ އަށް ތައްޔާރުވަމުން ދިޔައިރު، ހައްދުފަހަނައަޅާފައިވާ ވިސްނުމުގައި ޖާނުންފިދާވެގެން ދިވެއްސަކު ފުރަތަމަ ހަމަލާދީފައިވާ ކަމަށް ރަސްމީ އިދާރާތަކުގެ މައުލޫމާތުގައި ވަނީ 2009 ގަ އެވެ.
މި ދުވަސްކޮޅު މަޑުއްވަރީގައި ވެސް ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރަން ފަށައިފި އެވެ. އެކި ފޮތްތަކާއި އިންޓަނެޓުންނާއި މައުލޫމާތު ހޯދައިގެން ފަތުރައި، އެ ފިކުރުގެ އެޖެންޓުންނަށްޓަކައި ޖާނުން ފިދާވާނެ ބަޔަކު ތިބީ އުފައްދައިފަ އެވެ. ބޭރު ރަށްރަށުގެ މީހުން ގެނެސް އެ މީހުން ގަބޫލުކުރާ ދީނީ މިންގަނޑުތައް އުނގަންނައިދިނުން ވެސް ފުޅާ ދައިރާއެއްގައި މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސީރިއާ ހަނގުރާމަ އަށް ވެސް ބައެއް މީހުން ދިޔަ އެވެ. އަނެއް ބަޔަކު އެއާޕޯޓުން ހުއްޓުވާފައި ވެސް ވެ އެވެ.
މަޑުއްވަރިން ވާހަކަ ދެއްކި ބައެއް މީހުން ބުނިގޮތުގައި، ހަރުކަށި ފިކުރު ފަތުރައި ހަނގުރާމަ އަށް މީހުން ފޮނުވަން އެ ރަށުގައި އިސްކޮށް އުޅެނީ ދެތިން ހަތަރު މީހެކެވެ. އެ މީހުންނަށް ތަބާވާ މީހުންނާ އެކު އެ ފިކުރުގައި އުޅެނީ އެ ރަށުގެ ގާތްގަނޑަކަށް 30 މީހުންނެވެ. އޭގެތެރޭގައި ރަށުން ބޭރު މީހުން ވެސް ހިމެނެ އެވެ.
މަޑުއްވަރީގެ މީހަކު ބުނީ އެ ފިކުރުގައި އެ ރަށުގައި ތިބި ގިނަ އަންހެނުންނަކީ ރަށުން ބޭރު މީހުންނެވެ. މޫނު ބުރުގާ އަޅައިގެން ތިބި އެ މީހުން ރަށަށް ގެންގޮސް ބައެއް މީހުން ކޯޓުން ބޭރުގައި ގާނޫނާ ޚިލާފަށް ކައިވެނިކޮށްގެން އުޅެނީ އެހީވުމުގެ ނަމުގައި ކަމަށް އެ މީހުން ބުނާ ކަމަށެވެ.
މަޑުއްވަރީގައި ފުލުހުންނާއި ސިފައިން މިހާރު ހިންގާ އޮޕަރޭޝަންގައި ވެސް ބަލައި ފާސްކުރަނީ ބޮޑުން ނުވަތަ ހަރުކަށި ފިކުރުގެ އެޖެންޓުންގެ ގެތަކެވެ.
މި މީހުންގެ ތެރެއިން ވެސް ލީޑަރަކީ އެ ރަށު ވިލުދޮޅި، އިސްހާގު އަލީ އެވެ. އައިއެސްގެ އިސް ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް، ރާއްޖޭގައި ބޮމެއް ގޮއްވާލަން ރޭވި ކަމުގެ ތުހުމަތުގައި 2017 ގައި އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.
އިސްހާގު (ވ) އާއި އަފީފް ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރަނީ. --ފޮޓޯ/ޕީއެސްއެމް
މަޑުއްވަރީގެ ބައެއް މީހުން ވެސް އިސްހާގަށް ކުރަނީ މީހުން ރެކްރޫޓްކޮށް ހަނގުރާމަ އަށް ފޮނުވާ ކަމުގެ ތުހުމަތެވެ.
ދައުލަތުން ކްރިމިނަލް ކޯޓުގައި ބުނެފައިވާ ގޮތުގައި އިސްހާގަކީ ބޮން ގޮއްވަން ރޭވި މީހާ އެވެ. އެ ރޭވުމާ އެއްގޮތަށް ޖާނުންފިދާވެގެން ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުކުރަނީ ފުވައްމުލަކު އަލުވިމާގޭ ހުސެއިން އަފީފަށެވެ. މި މީހުން ބޮން ގޮއްވާލަން އުޅުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
އެ ދެ މީހުންނާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓާއި މޮބައިލް ފޮރެންސިކް ރިޕޯޓާއި ކޮމްޕިއުޓާ ރިޕޯޓާއި ފައިނޭންޝިއަލް ޓްރާންސެކްޝަންތަކާއި އޯޑިއޯ ރިކޯޑިންއެއް ދައުލަތުން ހުށަހެޅި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވެފައިވާ ގޮތުގައި އިސްހާގު ފޮނުވި މެސެޖެއްގައި "ފިދާއީ ހަމަލާ އަށް ތައްޔާރުވުމަށް"، "މިޝަނަށް ތައްޔާރުވުމަށް" މިގޮތަށް ފޮނުވާފައިވާ މެސެޖްގެ ކޮންޓެންޓް ލިބިފައިވެ އެވެ.
މި ދައުވާގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ކްރިމިނަލް ކޯޓުން އިސްހާގާއި އަފީފް ދޫކޮށްލީ އެވެ. އެ އަމުރު މިދިޔަ އެޕްރީލް މަހުގެ ތެރޭގައިި ހައި ކޯޓުން ބާތިލްކޮށް އަލުން ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މި މުއްދަތުގައި، މަޑުއްވަރީގައި އިސްކޮށް އުޅުނީ ހުސެއިން ސިޔާދު، 30، އެވެ. މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ހިންގާ އޮޕަރޭޝަންގައި ސިޔާދު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ އިތުރުން ދެން ހައްޔަރުކުރީ، ހަސަން ރާޒީ، 29، އާއި އެ ރަށުގައި އުޅޭ ނ. މަނަދޫ މީހެކެވެ. އޭނާގެ ނަމެއް ރަށުގެ ގިނަ މީހުންނަކަށް ނޭނގެ އެވެ.
ސިޔާދުގެ ފިރިހެން ކޮއްކޮ، ހުސެއިން ޝިޔާން ވަނީ 2017 ގައި ސީރިއާގެ ހަނގުރާމައިގައި މަރުވެފަ އެވެ. އޭނާ ހަނގުރާމަ އަށް ދިޔައީ، އެ އަތޮޅުގެ މީދޫ ބަޔަކާ އެކުގަ އެވެ.
ހައްޔަރުކުރި ތިން މީހުން ދިރިއުޅޭ ގެތަކުގެ އިތުރަށް ދެން ފާސްކުރީ، ކަނޑުމަތީގައި، މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި އިސްމާއިލް އާސިފާއި އިސްމާއިލް ހައްމާދުގެ ގެ ކަމަށް ވެ އެވެ.
ހައްދުފަހަނާޅާފައިވާ ފިކުރުގެ ތެރެއިން މަޑުއްވަރީގައި ވެސް ގޭންގްތަކުން ވަދެ ދެބައިމީހުން އެއްވެއްޖެ އެވެ. އެ މީހުން މިހާރު އަރައިގަންނަމުން ދަނީ ޖިނާއީ ބޮޑެތި ކުށްތަކަށެވެ. އާމްދަނީ ހޯދަން ލަނޑާ ނަގާ ދޯނިތަކާއި ޑިންގީތަކުގައި ކައިރި ރިސޯޓްތަކަށް އަރައި ވައްކަން ކުރަނީ އެވެ. ޣަނީމާގެ މުދާ ކަމަށް ބުނެ ކައިރި ރަށްތަކުން ވެސް މުދާ ފޭރެނީ އެވެ.
މަޑުއްވަރީގައި ހަރުކަށި ފިކުރުގެ މީހުން ދިރިއުޅޭ ގެތައް ހުންނަނީ ސަލާމަތީ ގޮތުން ވަރުގަދަކޮށް، ސީސީޓީވީ ކެމެރާ ހަރުކޮށްފަ އެވެ. ބައެއް ގެތަކަށް މީހުން ވަނުން މަނަލެވެ. އެ ގެތަކުގައި ދިރިއުޅޭ މީހުންނާއި ކުދިންނަކީ ކޮބައި ކަމެއް ރަށުގައި ދިރިއުޅޭ ގިނަ މީހުންނަކަށް ނޭނގެ އެވެ. ބައެއް އާއިލާތަކާ އެކު ދިރިއުޅޭ ރަށުން ބޭރު މީހުންގެ ނަމެއް ވެސް މަޑުއްވަރީ ބައެއް މީހުން ނުދަނެ އެވެ.
އާއްމުންގެ ތެރެއަށް އަންހެނުން ނުކުމެ އުޅުން ވެސް މަނަލެވެ. ކުޑަ އަންހެން ކުދިން ސްކޫލަކަށް ނުފޮނުވަ އެވެ. ދެ ޖިންސުގެ ކުދިންނަށް ވެސް ވެކްސިން ޖެހުމާ ދެކޮޅެވެ.
އަންހެން ކުދިންގެ އުމުރުން ނުވަ އަހަރުވުމުން ކައިވެނި ހުއްދަވީ ކަމަށް ބަލައި، އެ ފިކުރުގެ ފިރިހުންނާ ހަވާލުކޮށް އެ ކުދިންތައް ދަނީ ޖިންސީ ޝިކާރައަކަށް ހަދަމުންނެވެ. އެނގިފައިވާ ގޮތުގައި މަޑުއްވަރީގައި ތައުލީމުން މަހްރޫމްކޮށްފައި ގާތްގަނޑަކަށް ހަ އަންހެން ކުއްޖަކު ތިއްބެވެ.
ސަލާމަތީ ބާރުތަކުން މަޑުއްވަރީގައި ހިންގަމުން އަންނަ އޮޕަރޭޝަނާ ބެހޭ ގޮތުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ސިފަ ކުރާ ގޮތުން މި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމަށެވެ. އެ މީހުންގެ ހަރުކަށި ފިކުރު ގަބޫލު ނުކުރާ މީހުންގެ މުދަލާއި ނަފްސާއި ފުރާނައަކީ ގެއްލުން ދެވިދާނެ އެއްޗެއްގެ ގޮތުގައި ގަބޫލު ކުރަމުންދާ ކަމަށް ބަޝީރު ވިދާޅުވި އެވެ.
"އެމީހުން ގަބޫލު ކުރާ ގޮތުގައި ޝަރުއީ ކައިވެންޏަކާއި ޝަރުއީ އަދި ގާނޫނީ އިމުގެ ބޭރުން އުމުރުން 18 އަހަރު ނުވާ ކުދިން އަނބިންގެ ގޮތުގައި ގެންގުޅުމާއި އެ މީހުންނާ އެކީގައި ޖިންސީ ގުޅުން ހިންގުމަކީ ހުއްދަ ކަމެއް. ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭން ޖެހޭ ހައްގުތައް މަހްރޫމްކޮށްގެން ގެންގުޅުމަކީ އެ މީހުންގެ ތެރޭގައި ހިނގަމުންދާ ކަންތައްތަކެއް،" ބަޝީރު ވިދާޅުވި އެވެ.
ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރާ މީޙުން ދިރިއުޅޭ ކަމަށް ބެލެވޭ ގެއެއް ކައިރީގައި ދެ ފުލުހަކު ފޯރިމަރަނީ. --- ފޮޓޯ: މަޑުއްވަރީ އޮންލައިން
ބަޝީރު ވިދާޅުވީ އޮޕަރޭޝަންގައި، ހެކީގެ ގޮތުގައި ބެލެވޭ އިލެކްޓްރޯނިކް ގިނަ އާލާތްތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓެއް ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޑުއްވަރީގައި ތިބި ހަރުކަށި ފިކުރުގެ މީހުންނާ ގުޅޭ ގޮތުން އެ ރަށުގެ ގިނަ ބަޔަކާ ސުވާލުކުރުމުން ލިބުނު ޖަވާބަކީ "އެ މީހުން އުޅޭ ގޮތެއް ނުބަލަން" ކަމަށެވެ. އޭގެތެރޭގައި އުޅެނީ ކިތައް އަންހެނުން ކަމެއް، ކިތައް ކުޑަކުދިން ކަމެއް އެ ރަށުގެ ގިނަ ބަޔަކަށް ނޭނގެ އެވެ.
"މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެ މީހުންނާ ވާހަކަ ދެއްކުން ވެސް ވާނީ ބިރުވެރި ކަމަކަށެވެ. ވެކްސިން ނުދީގެން އެއްޗެކޭ ބުނާ މީހާ "ކާފަރުކުރާ" ކަމަށް އެ މީހުން ބުނެ އެވެ.
"އެ މީހުން އުޅޭ ގޮތާ މެދު ބަހެއް ބުނެލަން އެކަކަށް ވެސް ނުކުރޭ. ބުންޏަސް ގަބޫލެއް ނުވެސް ކުރާނެ،" އެހެން މީހަކު ބުންޏެވެ.
އޭނާ ބުނިގޮތުގައި ކަމަކާ ގުޅޭ ގޮތުން ސުވާލު ކޮށްފި ނަމަ ޖަވާބު ކުރުވެފައި ހަރުކައްޓެވެ.
މަޑުއްވަރީގައި ހައްދުފަހަނާޅައި ދިއުމުގެ ފިކުރު ބޮޑުވުމުން 2010 ގައި އިސްލާމިކް މިނިސްޓްރީގެ ޓީމެއް އެ ރަށަށް ގޮސް އެ މީހުންނާ ބައްދަލުކުރި އެވެ. އެ ޓީމުގެ ވާހަކަ އަޑުއަހަން ވެސް ބޭނުންވެ ދެއްކީ ނުކިޔަމަންތެރި ކަމެވެ. އޭގެފަހުން އެތައް ފަހަރަކު ސަރުކާރުގެ އެކި އިދާރާތަކަށް ކައުންސިލުން މިކަން ހުށަހެޅި ކަމަށް އެތަނުން ބުންޏެވެ. އެކަމަކު އެސެސްމެންޓްތައް ހަދައި އޮތީ އެކަށީގެންވާ ފިޔަވަޅު ނާޅަ އެވެ.
މަޑުއްވަރިން މިހާރު އެ ފެންނަނީ އޭގެ ނަތީޖާ އެވެ.
މަޑުއްވަރީން މީހަކު ހައްޔަރުކޮށްފި
ހަރުކަށި ފިކުރު ފަތުރާތީ މަޑުއްވަރީ ގެތަކެއް ފާސްކުރަނީ
މަޑުއްވަރީ އަށް އެރީ ހަރުކަށި ފިކުރުގެ ބޮޑުން ހޯދަން!
ފެނުނު ބިރުވެރި، ނުރައްކާތެރި ހާލަތު!
މަޑުއްވަރީން އިތުރު ތިން މީހަކު ހައްޔަރުކޮށްފި
ތައުލީމުން މަހްރޫމްކޮށް، ވެކްސިން ނުދޭ މައްސަލަ ގިނަ!
ރަސޫލާއަށް ފުރައްސާރަ ކުރާއިރު ފިޔަވަޅެއް ނާޅާ: ޖަމީލް
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ
މާތް ﷲ ވޮޑިގެންވޭތޯ ސުވާލު އުފެއްދި މައްސަލައެއް
ޖަލުންް އަނިޔާވީ އަމިއްލައަށް ބޯ ފަޅާލި މީހަކަށް