Roadha Mihaaru
ދީނަށް ފުރައްސާރަކުރުން ހުއްޓުވާނަން: މިނިސްޓްރީ

ދީނަށް ފުރައްސާރަކޮށް އަނިޔާވެރި އަމަލުތަަކަށް ގޮވުން ހުއްޓުވާނަން: އިސްލާމިކް މިނިސްޓްރީ

20 ޖެނުއަރީ 2019

އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާއި ދީނުގެ ނަމުގައި ހަރުކަށިކަމާއި އަނިޔާވެރިކަމަށް ހިތްވަރުދޭ މީހުން ހޯދައި އެކަން ހުއްޓުވަން މަސައްކަތްކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާއި ދީނުގެ ނަމުގައި ހަރުކަށިކަމާއި އަނިޔާވެރިކަމަށް ހިތްވަރުދޭ މީހުން ހޯދައި އެކަން ހުއްޓުވަން މަސައްކަތްކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އިސްލާމްދީނާ ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ފަތުރާކަމުގެ ޝަކުވާ އާއި ދީނަށް ފުރައްސާރަކުރާ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެފަދަ ވާހަކަތައް ފެތުރުމުން، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އިސްލާމީ އެއްބައިވަންތަކަމަށް ބުރޫ އަރައި އިސްލާމީ ވަހުދަތު ގެއްލިގެންދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...ފޮރުވިގެން ތިބެ، ދީނުގެ ނަމުގައި ހަރުކަށިކަމާއި އަނިޔާވެރިކަމަށް ހިތްވަރުދީ، މީހުންގެ މުދަލާއި ފުރާނައަށް ޝަރުއީ ހަމަތަކުން ބޭރުން ގެއްލުންދޭނެ ކަމުގެ އިންޒާރުދިނުން ފަދަ އިސްލާމްދީން އެކަންކަމުން ބަރީއަވެގެންވާ ކަންކަން ކުރާ ފަރާތްތައް ހޯދައި، ކަމާ ބެހޭ މުވައްސަސާތައް ގުޅިގެން އެކަން ހުއްޓުވަން މި މިނިސްޓްރީން މަސައްކަތްކުރާނެ ވާހަކަ ދަންނަވަމެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން މި ބަޔާން ނެރުނީ ސޯޝަލް މީޑިއާ އާއި އެކި ވަސީލަތްތައް ބޭނުންކޮށްގެން ދީނަށް ފުރައްސާރަކުރާ މައްސަލަ އާއި ހަރުކަށި ވިސްނުންތައް ފަތުރައި އިންޒާރުދޭ މައްސަލަަތަކެއް ފުލުހުން ބަލަން ފެށިތާ ދުވަސްތަކެއް ފަހުންނެވެ. މި ކަންކަމުގައި ޝާމިލުވާ ކަމަށް ތުހުމަތުވާ ބައެއް މީހުން ފުލުހަށް ހާޒިރުކޮށް ސުވާލުކުރުން ފަދަ ފިޔަވަޅުތައް ފުލުހުން އަންނަނީ އަޅަމުންނެވެ.

ޝަރުއީ މައްސަލަތަކުގައި، އެކަންތައްތައް އޮންނަ ގޮތް ރަނގަޅަށް ނޭނގި ތިބެ، މީހުންނަށް އޮޅުން އަރާ ގޮތަށް ބަހުސް ނުކުރުމަށް، އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ނަސޭހަތްތެރިވެފައިވެ އެވެ. ހަމަ އެގޮތަށް އެފަދަ ވާހަކަތަކަށް ޖަވާބު ދިނުމުގައި ވެސް ދައުވަތުގެ ރީތި އުސޫލުތަކުގައި ހިފުމަށް އެދިފައިވެ އެވެ.

މިނިސްޓްރީން ބުނީ ދީނީ މައުލޫމާތު އޮޅުން ފިލުވަން ބޭނުންވާ ފަރާތްތަކަށް އެ މިނިސްޓްރީން މައުލޫމާތު ދިނުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.