Roadha Mihaaru
ކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއަށް ވަދެގެން ނުވާނެ

ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރެއަށް ވަދެގެން ނުވާނެ: ޑޯރިސް

11 އެޕްރީލް 2018

ރާއްޖޭގެ ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރެއަށް ސިޔާސީ ބޭފުޅުން ވަދެ، ކޯޓުތަކުގެ ނިންމުންތަކާ ނުބެހުމަށް އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގެ ކޯޓުތަކުގައި ހުރި މައްސަލަތަކުގެ ތެރެއަށް ސިޔާސީ ބޭފުޅުން ވަދެ، ކޯޓުތަކުގެ ނިންމުންތަކާ ނުބެހުމަށް އިނގިރޭސި ވިލާތުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސް މިއަދު ގޮވާލައްވައިފި އެވެ.

ޢިންސާފާއި ހަމަހަމަކަން ރަމްޒު ކޮށްދޭ ތިލަފަތުގެ ފޮޓޯއަކާ އެކު ޑޯރިސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ސިޔާސީ ލީޑަރުންނާއި އެހެނިހެން ބޭފުޅުން ހައްޔަރުކޮށް، ސީރިއަސް ތުހުމަތުތަކެއް ކުރަމުން ދާ ކަމަށެވެ. އެކަމަކު، އެބޭފުޅުންގެ ހައްގުތައް ހިމާޔަތް ކުރެވެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑޯރިސް މިއަދު ކުރެއްވި ޓުވީޓު.

ޑޯރިސް ވިދާޅުވި ގޮތުގައި ދިވެހިންގެ ހައްގުގައި ނަމަވެސް، ސިޔާސީ ބޭފުޅުން ކޯޓުތަކުގައި ހިނގާ ޝަރީއަތްތައް ނުވަތަ ކޯޓުން ނިންމާ ނިންމުންތަކުގެ ތެރެއަށް ވަދެގެން ނުވާނެ އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ނުކޮށް، ރައީސް އަބްދުﷲ ޔާމީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފަ އެވެ. މި ތިން ބޭފުޅުންގެ އިތުރުން އެހެން ސިޔާސީ ބައެއް ބޭފުޅުންނާއި އާންމުން ވެސް ހައްޔަރު ކުރި އެވެ.

މީގެ ތެރެއިން މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައި، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ ތިން ބޭފުޅުންގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ކުރާއިރު، ބައެއް މައްސަލަތަކުގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރާއިރު، ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން ކުރެ އެވެ. އެ ދެ ބޭފުޅުންގެ މައްޗަށް ކުރާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ ޝަރީއަތެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރުގެ އެ ބައި ފަހުން ވަނީ ތިން ފަނޑިޔާރުންގެ އިއްތިފާގުން ބާތިލްކޮށްފަ އެވެ. އެއީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު އެވެ. އެހެންވެ ފެބްރުއަރީ 1 ގެ އަމުރުގެ އެ ބައި ތަންފީޒު ކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.