Roadha Mihaaru
އެމްޓީސީސީ އަށް 145 މިލިއަން ރުފިޔާގެ ފައިދާއެއް

އެމްޓީސީސީ އަށް މިދިޔަ އަހަރު 145 މިލިއަން ރުފިޔާގެ ފައިދާއެއް

12 އެޕްރީލް 2018

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 145.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 145.3 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ދަތުރުފަތުރާއި ކޮންސްޓްރަކްޝަން މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކުންފުނިން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 1.2 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އަދި ވިޔަފާރިކުރުމަށް 982 މިލިއަން ރުފިޔާ ހަރަދު ކުރި އެވެ.

އެ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން 313.9 މިލިއަން ރުފިޔާ ޖުމްލަ ފައިދާ ގޮތުގައި ލިބިފައިވެ އެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 160.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްޓީސީސީ އަށް ލިބުނު ފައިދާ އިން ހިއްސާއަކަށް ޖެހެނީ 2.40ރ. އެވެ. އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

އެ ކުންފުނިން ބުނީ މައިގަނޑު ހުރިހާ ވިޔަފާރިއަކުން މިދިޔަ އަހަރު ފައިދާ ލިބިފައިވާ ކަމަށެވެ. އަދި އެންމެ ބޮޑަށް އިންވެސްޓްކުރަން ޖެހޭ ދާއިރާތަކުގައި މިދިޔަ އަހަރު އިންވެސްޓްކޮށް ފައިދާ ވެސް އިތުރު ކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީން ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ދަތުރުފަތުރުގެ ހިދުމަތަށް ސަރުކާރުން ދެމުން އައި ސަބްސިޑީ 2016 ވަނަ އަހަރު ހުއްޓާލި ނަމަވެސް މިދިޔަ އަހަރު ހިންގުމުގެ ފައިދާ އިތުރުވެފައިވާ ކަމަށެވެ.