Roadha Mihaaru
މާމިގިލީ ބަނދަރުގެ އޮޕަރޭޝަން އަންނަ މަހު ފަށަނީ

މާމިގިލީ ބަނދަރުގެ އޮޕަރޭޝަން އެމްޕީއެލް އިން އަންނަ މަހު ފަށަނީ

12 އެޕްރީލް 2018

އދ. މާމިގިލި ކޮމާޝަލް ބަނދަރުގެ އޮޕަރޭޝަން އަންނަ މަހުގެ ކުރީކޮޅު ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އދ. މާމިގިލި ކޮމާޝަލް ބަނދަރުގެ އޮޕަރޭޝަން އަންނަ މަހުގެ ކުރީކޮޅު ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

މާމިގިލި ބަނދަރުގެ އޮޕަރޭޝަން ފެށުމުގެ ކުރިން އެ ތަން ބައްލަވާލެއްވުމަށް ވަޑައިގެންނެވުމަށް ފަހު "މިހާރު" އާ ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ އެ ބަނދަރުގެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ތަނުގެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ ކްރޭނާއި ފޯކްލިފްޓް ފަދަ ވެހިކަލްތައް ވެސް އެ ރަށަށް ވަރަށް އަވަހަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެތަން އޮޕަރޭޓް ކުރުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން އަޅުގަނޑުމެންނަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ ދީފައި. ނަމަވެސް އެ ރަށު ކައުންސިލުން ނިންމަން ޖެހޭ ނިންމުންތައް ނުނިމިގެން ލަސްވީ. އެކަމަކު އަޅުގަނޑުމެންނަށް ސަރުކާރުގެ އެހީތެރިކަމާ އެކު މިހާރު ހުރިހާ ކަމެއް މިވަނީ ހަމަޖެހިފައި،" ހަލީމް ވިދާޅުވި އެވެ.

މާމިގިލި ބަނދަރުގެ އޮޕަރޭޝަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެމްޕީއެލްގެ ސީއީއޯ ހަލީމް އާއި އެ ކުންފުނީގެ އިސްބޭފުޅުން މިއަދު އެ ބަނދަރު ބައްލަވާލައްވަނީ. އެތަނުގެ އޮޕަރޭޝަން އަންނަ މަހުގެ ކުރީކޮޅު ފަށާނެ. ފޮޓޯ: އެމްޕީއެލް

މާމިގިލި ބަނދަރުގެ އޮޕަރޭޝަން ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެމްޕީއެލްގެ ސީއީއޯ ހަލީމް އާއި އެ ކުންފުނީގެ އިސްބޭފުޅުން މިއަދު އެ ބަނދަރު ބައްލަވާލައްވަނީ. އެތަނުގެ އޮޕަރޭޝަން އަންނަ މަހުގެ ކުރީކޮޅު ފަށާނެ. ފޮޓޯ: އެމްޕީއެލް

އޭނާ ވިދާޅުވީ މާމިގިލީ ބައިނަލްއަގްވާމީ ބަނދަރު ސަރަހައްދުގައި މިހާރު ފެންސް ޖަހައި ނިންމާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ދެ ތަނެއް ހުސްކުރަން މިހާރު ނޯޓިސް ދީފައިވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.

"އެ ތަނަށް ފަށައިގަންނައިރު، އަޅުގަނޑުމެން ދޭނީ ބްރޭކަބްލް ކާގޯގެ ހިދުމަތް. އަދި އިތުރު ހިދުމަތްތައް ދިނުމަށް ވެސް ޝިޕިން ލައިންތަކާ މިދަނީ ވާހަކަ ދައްކަމުން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރުގެ ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަން ފަށަން އެމްޕީއެލް އިން ތައްޔާރުވެފައި ވާއިރު އެ ބަނދަރުގެ ބާކީ އޮތްބައި އާއްމުންނަށް ބޭނުން ކުރެވެ އެވެ.

މާމިގިލީ އެއާޕޯޓާ އެކު ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށުގައި އެ ބަނދަރު ހެދީ އެ ކުންފުނިންނެވެ. ޖުމްލަ 1،300 މީޓަރު ދިގު މިނުގެ އެ ބަނދަރަކީ ރާއްޖެ އަށް އާއްމުކޮށް ހިލަ އާއި ހިލަވެލި އުފުލާ ސައިޒުގެ ބޯޓު ފަހަރަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ބަނދަރެކެވެ.

އެމްޕީއެލް އިން ބުނީ ބަނދަރުގެ ބައިނަލްއަގުވާމީ އޮޕަރޭޝަނަށް ބޭނުން ކުރާނީ 600 މީޓަރުގެ ސަރަހައްދެއް ކަމަށެވެ. އަދި އެ ބަނދަރު ހިންގާމީ "މާމިގިލި ކޮމާޝަލް ހާބަރު"ގެ ނަމުގަ އެވެ.

އެ ކުންފުނިން މިހާރު އަންނަނީ މާލޭގެ ކޮމާޝަލް ހާބަރުގެ އިތުރުން ހުޅުމާލެ އާއި ސ. ހިތަދު އާއި ހދ. ކުޅުދުއްފުށީގައި ވެސް ކޮމާޝަލް ހާބަރެއް ހިންގަމުންނެވެ.