Roadha Mihaaru
މާމިގިލީ ބަނދަރުގެ އޮޕަރޭޝަން ބުދަ ދުވަހު ފަށަނީ

މާމިގިލީ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ބުދަ ދުވަހު ފަށަނީ

29 އެޕްރީލް 2018

އދ. މާމިގިލި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން އަންނަ ބުދަ ދުވަހު ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އދ. މާމިގިލި ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން އަންނަ ބުދަ ދުވަހު ފަށާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިއަދު ބުނެފި އެވެ.

މާމިގިލީ އެއާޕޯޓާ އެކު، ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށުގައި އެ ބަނދަރު ހެދީ އެ ކުންފުނިންނެވެ. ޖުމްލަ 1،300 މީޓަރު ދިގުމިނުގެ އެ ބަނދަރަކީ ރާއްޖެ އަށް އާއްމުކޮށް ހިލަ އާއި ހިލަވެލި އުފުލާ ސައިޒުގެ ބޯޓު ފަހަރަށް ކައިރި ކުރެވޭ ގޮތަށް ހަދާފައިވާ ބަނދަރެކެވެ.

އެމްޕީއެލްގެ ސީއީއޯ އިބްރާހިމް ހަލީމް މިއަދު ވިދާޅުވީ، މާމިގިލި ބަނދަރުގެ އޮޕަރޭޝަން ބުދަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެކަމަށްޓަކައި ބޭނުންވާ ސާމާނާއި މުވައްޒަފުން ވެސް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރުގެ ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަން ފަށާއިރު، އެމްޕީއެލް އިން ބުނީ އެ ބަނދަރުގެ ބައިނަލްއަގްވާމީ އޮޕަރޭޝަނަށް ބޭނުން ކުރާނީ 600 މީޓަރުގެ ސަރަހައްދެއް ކަމަށެވެ. އަދި ބަނދަރު ހިންގާނީ "މާމިގިލި ކޮމާޝަލް ހާބަރު"ގެ ނަމުގަ އެވެ.

އެމްޕީއެލް އިން މާލޭގެ އިތުރުން ހުޅުމާލެ އާއި ސ. ހިތަދު އާއި ހދ. ކުޅުދުއްފުށީގައި ވެސް ވިޔަފާރި ބަނދަރެއް ހިންގަ އެވެ.