Roadha Mihaaru
ސިޔާދަށް ކުރާ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ

ސިޔާދަށް ކުރާ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަނީ

12 އެޕްރީލް 2018

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދް ގާސިމްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދް ގާސިމްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް އާދިއްތަ ދުވަހު ފަށަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރަށް ފަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ހައްޔަރުކުރި ސިޔާދްގެ މައްޗަށް ދައުވާކުރަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާ ގުޅުންހުރި ފަރާތްތަކުން ރާއްޖެއިން ބޭރުން ގަނެފައިވާ މުދާތަކަކަށް ފައިސާ ދެއްކުމުގެ ގޮތުން ވިލާ ކުންފުނިން 2.4 މިލިއަން ޑޮލަރު ދިންކަމުގެ ތުހުމަތުގަ އެވެ.

ވިލާ ކުންފުނީގެ ފަރާތުން އެކަމަށް ދީފައިވާ ލިޔުމުގައި ސޮއިކޮށްފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސިޔާދު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައިވެ އެވެ. އެ މައްސަލާގައި ޝަރީއަތް ނިމެންދެން ސިޔާދު ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރިން އޮތީ އަމުރުކޮށްފަ އެވެ.

އެ މައްސަލާގައި ސިޔާދުގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް ފަށަން ހަމަޖައްސާފައިވަނީ އާދިއްތަ ދުވަހު މެންދުރު އެވެ.

ސިޔާދުގެ ޝަރީއަތް އާދިއްތަ ދުވަހު ފަށާއިރު، އެ މައްސަލާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ވަނީ ރިޝްވަތު ހިފުމުގެ ދައުވާ އާއި އިތުރު ދައުވާތަކެއް ވެސް އުފުލައިފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތަކުގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އަހުމަދު އިލްހާމްގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. އެ ބޭފުޅުން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އޮތީ ކުރިން އަމުރުކޮށްފަ އެވެ.