Roadha Mihaaru
ސިޔާދުގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލްކޮށްފި

ސިޔާދުގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލްކޮށްފި

10 އޮކްޓޯބަރ 2018

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ގާސިމްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި، އެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ސިޔާދުގެ މައްޗަށް ރިޝްވަތުގެ ދައުވާ ދައުލަތުން ކުރީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ދިނުމުގެ ގޮތުން އެ ދެ ބޭފުޅުންނާ ގުޅުންހުރި ފަރާތްތަކުން މެލޭޝިއާ އިން ގަތް ފްލެޓްތަކަކަށް ވިލާ ކުންފުނީގެ ފަރާތުން ފައިސާ ދެއްކި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލާގައި ސިޔާދު ހައްޔަރުކޮށް، ބަންދުގައި ބެހެއްޓުމަށް ފަހު އޭނާ ދޫކޮށްލީ މިދިޔަ ޖުލައި މަހު އެވެ.

ސިޔާދުގެ މައްޗަށް ކުރި އެ ދައުވާ ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ނިންމައި، ދައުވާ ބާތިލްކުރީ ދައުވާގައި ބުނާ ކަންކަން ސާބިތު ކުރެވޭނެ ލިޔުންތައް ދައުލަތުން ހުށަހަޅާފައި ނެތުމުންނެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވީ އަަބްދުﷲ ސައީދާއި އަލީ ހަމީދާ ގުޅުން ހުރި ފަރާތްތަކުން މެލޭޝިއާ އިން ރިޒަވޭޝަން ހެދި ފްލެޓްތަކަށް ވިލާއިން ފައިސާ ދެއްކި ކަމުގެ ލިޔުމެއް ދައުލަތަށް ހުށަހަޅާފައި ނެތް ކަމަށެވެ. އަދި ވިލާއިން އަމިއްލަ އަށް ގަނެފައިވާ ފްލެޓްތަކެއް ލިޔުންތަކެއް ދައުލަތުން ހުށަހަޅާފައި އޮތަސް، އެކަމާ ދައުވާގައި ބުނާ ކަން ކަމާ ގުޅުވޭނެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށް ވެސް އިސް ގާޒީ ހައިލަމް ވިދާޅުވި އެވެ.

ސިޔާދު ރިޝްވަތު ދިނީ ސުޕްރީމް ކޯޓުގެ އަމުރު ނެރެގެން އޭނާގެ ބައްޕަ ގާސިމް މިނިވަން ކުރުމަށްޓަކައި ކަމަށް ދައުލަތުގެ ދައުވާގައި އޮތަސް، އިސް ގާޒީ ހައިލަމް ވިދާޅުވި ގޮތުގައި އެއީ ރިޝްވަތު ދީގެން ނެރެފައިވާ އަމުރެއް ކަން އެނގޭނެ ހެއްކެއް ވެސް ދައުލަތުން ހުށަހަޅައިފައެއް ނެތެވެ. އަދި ސުޕްރީމް ކޯޓުގެ އެ އަމުރަކީ ގާސިމްގެ އިތުރުން އެހެން ފަރާތްތަކެއްގެ މަސްލަހަތު ހިމެނޭ އަމުރެއް ކަން ވެސް އިސް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން، ދައުވާގައި ބުނާ އެ ކަންކަން ސާބިތު ކުރެވޭނެ ލިޔުންތައް ހުށަހެޅުމަށް ދައުލަތަށް ދިގު މުއްދަތުތަކެއް ދީފައިވާ ކަން ވެސް އިސް ގާޒީ ފާހަގަ ކުރެއްވި އެވެ.

އެ ކަންކަން ފާހަގަ ކުރައްވައި، އިސް ގާޒީ ހައިލަމް ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން އެ ދައުވާ އަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވެން ނެތް ދައުވާއެއް ކަމަށާއި އެހެންވެ، އެ ދައުވާ ބާތިލްކުރީ ކަމަށެވެ.

އެގޮތަށް އިސް ގާޒީ ނިންމެވުމުގެ ކުރިން މިއަދުގެ އަޑުއެހުމުގައި، ދައުލަތުން ހުށަހެޅި ލިޔުންތަކާ ބެހޭގޮތުން ބެހޭގޮތުން ދެ ފަރާތުން ބަހުސްތަކެއް ކުރި އެވެ. ސިޔާދުގެ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް ހިސާން ހުސައިން ވިދާޅުވީ، އެ ދައުވާގައި ބުނާ ފްލެޓްތަކާއި ދައުލަތުން ހުށަހެޅި ހެކިތަކުގައި ބުނާ ފްލެޓްތަކާ ދިމާނުވާ ކަމަށެވެ. އަދި ވިލާ ކުންފުނިން އަމިއްލައަށް ގަނެފައިވާ ފްލެޓްތަކަކާއި ދައުވާގައި ބުނާ ރިޝްވަތުގެ އަމަލާ ގުޅޭ ގޮތެއް ލިޔުންތަކުން އެނގެން ނެތް ކަމަށް ވިދާޅުވެ، އެކަމާ މެދު ހިސާން ސުވާލު އުފެއްދެވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ ދައުވާގައި ބުނެފައި އޮތީ ލިޔުންތަކުގައި ވެސް ބުނެފައިވާ ސަރަހައްދުން ފްލެޓް ގަތް ވާހަކަ ކަމަށާއި އެގޮތަށް އޭރު ބުނެފައި ވާނީ ހެކިން ތަހުގީގަށް ދިން ބަޔާންތަކަށް ރިއާޔަތްކޮށް ކަމަށެވެ. އަދި އެ ސަރަހައްދުގެ ވާހަކަ ދައުވާގެ އިބާރާތުގައި ސީދާ ލިޔެވިފައި ނެތުމުން އެކަން އިސްލާހު ކުރުމުގެ ފުރުސަތަކަށް އެދޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުވާގައި ބުނާ ފެލްޓްތަކާއި ދައުލަތުން ހުށަހެޅި ލިޔުންތަކުގައި ބުނާ ފެލްޓްތަކާ ބެހޭގޮތުން އިސް ގާޒީ ވެސް ގިނަ ދައުލަތާ ސުވާލުތަކެއް ކުރެއްވި އެވެ. އެގޮތުން އަބްދުﷲ ސައީދާއި އަލީ ހަމީދާ ގުޅުންހުރި ފަރާތްތަކުން ބުކްކުރި ފްލެޓްތަކަށް ވިލާއިން ފައިސާ ދެއްކި ކަން ލިޔުންތަކުން ސީދާ އެނގެން އެބައޮތްތޯ ގާޒީ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުން ބުނީ އަބްދުﷲ ސައީދާއި އަލީ ހަމީދާ ގުޅުންހުރި ފަރާތްތަކުން ބުކްކުރި ފްލެޓްތަކުގެ ނަމްބަރާއި ވިލާއިން ހަދާފައިވާ އެގްރިމެންޓްތަކުގައި ބުނާ ފްލެޓްތަކުގައި ނަމްބަރުތަކާއި ދިމާވާ ކަމަށެވެ. އަދި އެތަންތަނަށް ވިލާއިން ފައިސާ ދެއްކިކަން ލިޔުންތަކުން އެނގެން އެބައޮތް ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ދައުލަތުން އެގޮތަށް ބުނުމުން، އިސް ގާޒީ ވަނީ ފްލެެޓްތަކުގެ ނަމްބަރު ދިމާވުމަކީ އަބްދުﷲ ސައީދާއި އަލީ ހަމީދާ ގުޅުންހުރި ފަރާތްތަކާ އެ ފްލެޓްތައް ގުޅުވާލެވޭނެ ސަބަބެއް ތޯ ވިދާޅުވެ، ސުވާލު ކުރައްވައިފަ އެވެ. އަދި އެތަންތަނަކީ އެ ދެ ބޭފުޅުންގެ ނަމުގައި ނުވަތަ އެ ބޭޭފުޅުންނާ ގުޅުންހުރި ބައެއްގެ ނަމުގައި ރިޒާވްކުރި ތަންތަން ކަން ސީދާ އެނގޭނެ ލިޔުމެއް އެބައޮތްތޭ ވެސް އިސް ގާޒީ ސުވާލު ކުރެއްވި އެވެ.

ތަކުރާރުކޮށް ދައުލަތުން ބުނަމުން ދިޔައީ ފްލެޓްތަކުގައި ނަމްބަރާއި ވިލާއިން އެގްރިމެންޓް ހެދި ތަންތަނުގެ ނަމްބަރުތައް ދިމާވާ ކަމަށާއި އެކަން އެނގެން އެބައޮތް ކަމަށެވެ. އެކަމަކު އިސް ގާޒީ އެކަމާ ބެހޭގޮތުން ތަކުރާރުކޮށް ސުވާލު ކުރަން ފެށްޓެވުމުން ދައުލަތުން ވަނީ ފްލެޓްތަކުގެ ނަމްބަރުތައް ދިމާވުން ފިޔަވައި އިިތުރު އެހެން ހެއްކެއް އެކަމާ ބެހޭގޮތުން ނެތް ކަމަށް އެއްބަސްވެފަ އެވެ.

އެ މައްސަލާގައި ސިޔާދުގެ އިތުރުން އަބްދުﷲ ސައީދާއި އަލީ ހަމީދާއި އޭރުގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ވެސް ދައުލަތުން ރިޝްވަތުގެ ދައުވާ ކުރެ އެވެ. އެކަމަކު އެ ތިން ބޭފުޅުންގެ މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.