Roadha Mihaaru
ސިޔާދުގެ މައްސަލަ ބަލާ ގާޒީ ބަދަލުވިގޮތް ސާފުކޮށްދެނީ

ސިޔާދުގެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރި ސަބަބު ސާފު ކޮށްދެނީ

15 އެޕްރީލް 2018

ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކޮށްފައިވާތީ، އެކަމާ މެދު ދިފާއީ ވަކީލުން ސުވާލު އުފެއްދުމުން، ގާޒީ ބަދަލުކުރި ސަބަބު ސާފުކޮށްދިނުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ މައްސަލަ ބައްލަވާ ގާޒީ ބަދަލު ކޮށްފައިވާތީ، އެކަމާ މެދު ދިފާއީ ވަކީލުން ސުވާލު އުފެއްދުމުން، ގާޒީ ބަދަލުކުރި ސަބަބު ސާފުކޮށްދިނުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް ރިޝްވަތު ދިން ކަމަށް ބުނެ ސިޔާދަށް ކުރާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފެށިއިރު މައްސަލަ ބައްލަވަން އިންނެވީ ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް އެ މައްސަލަ ކުރިން ހަވާލު ކޮށްފައި އޮތީ ގާޒީ ހުސެއިން ޝަހީދާއި އެވެ.

މިއަދުގެ އަޑުއެހުން ފަށައި، ދައުލަތުން ދައުވާ އިއްވުމާ އެކު ސިޔާދްގެ ވަކީލުން ވަނީ އެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްފައިވާ ކަމަށް ބުނެ، އެކަމާ މެދު ސުވާލު ކޮށްފަ އެވެ. އަދި ގާޒީ ބަދަލުކުރަން ދައުލަތުން އެދިފައިވޭތޯ ވެސް ވަކީލުން ސުވާލު ކުރި އެވެ. ޖަވާބުގައި ދައުލަތުން ބުނީ ގާޒީ ބަދަލު ކޮށްދޭން އެ މައްސަލާގައި އެދިފައި ނުވާނެ ކަމަށެވެ.

ދައުލަތުން އެގޮތަށް ބުނުމުން، ސިޔާދުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، މައްސަލަ ހަވާލު ކުރުމާއި ގާޒީ ބަދަލު ކުރުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުން ހަދާފައިވާ އުސޫލުގެ ދަށުން، ގާޒީ ބަދަލު ކުރެވޭނީ މައްސަލާގައި ހިމެނޭ ފަރާތަކުން އެގޮތަށް އެދިގެން ނުވަތަ ޝަރީއަތް ހިންގުމުގެ އިޖްރާއާތެއް ނެގެހެއްޓުމުގެ ގޮތުން ކަމަށެވެ. އެ މައްސަލާގައި އެއްވެސް ފަރާތަކުން އެ ކަމަށް އެދިފައި ނުވާ ކަން ފާހަގަ ކުރައްވައި، ނޫރު ވަނީ ގާޒީ ބަދަލުކުރި ސަބަބާ މެދު ސުވާލު އުފައްދަވައިފަ އެވެ.

ޖަވާބުގައި ގާޒީ ހައިލަމް ވިދާޅުވީ، އެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކުރީ ކްރިމިނަލް ކޯޓު މިވަގުތު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ ކަމަށާއި ޖިނާއީ އިޖްރާއާތުގެ ގާނޫނު އޮތްގޮތުން އެކަން އެގޮތަށް ކުރުމުގެ ބާރު ކޯޓު ހިންގަވާ ގާޒީ އަކަށް ލިބިގެންވާ ކަމަށެވެ.

ގާޒީ ހައިލަމް އެގޮތަށް ވިދާޅުވުމުން، ވަކީލް ނޫރު ވިދާޅުވީ ގާޒީ ބަދަލު ކުރާ ނަމަ، އެކަން ސަބަބާ އެކު އެ މައްސަލާގައި ހިމެނޭ ދެ ފަރާތަށް އަންގަން ޖެހޭނެ ކަމަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ކަމަށާއި އެހެންވެ، އެ ސަބަބު ސާފުކޮށް ދޭން އެދޭ ކަމަށެވެ. އަދި އެ ސަބަބު ސާފުކޮށް ނުދީ ޝަރީއަތް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެކަމާ މެދު ވަކީލުން ސުވާލު އުފައްދަން ފެށުމުން ގާޒީ ހައިލަމް ވަނީ އެ ނުކުތާ ބަލައިގަތުމަށް ނިންމަވައިފަ އެވެ. އެ މައްސަލާގައި ގާޒީ ބަދަލުކުރި ސަބަބު ދެ ފަރާތަށް ސާފުކޮށް ދެއްވާނެ ކަމަށް ވިދާޅުވެ، މިއަދުގެ އަޑުއެހުން އެ ހިސާބުން ގާޒީ ނިންމަވާލެއްވި އެވެ.

ސިޔާދުގެ މައްޗަށް ދައުވާކުރަނީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އާއިލީ ބޭފުޅުންތަކެއް މެލޭޝިއާ އިން ބައްލަވައިގަތް އަގު ބޮޑު އެޕާޓްމެންޓްތަކަކަށް ވިލާ ކުންފުނިން 2.4 މިލިއަން ޑޮލަރު ދެއްކި ކަމަށް ބުނެ އެވެ.

އެ ތަންތަނަށް ފައިސާ ދެއްކި ކަމުގެ ލިޔުމުގައި ވިލާ ކުންފުނީގެ ފަރާތުން ސޮއި ކުރައްވާފައި އޮތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ހައިސިއްޔަތުން ސިޔާދު ކަމަށާއި އެ ލިޔުން ފެނުނީ އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ ގެއިން ހޯދި ކަޅު ދަބަހަކުން ކަމަށް ދައުލަތުގެ ދައުވާގައި ވެ އެވެ. އަދި އެއީ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އިދިކޮޅު ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން އަމުރު ކުރިއިރު، ސިޔާދުގެ ބައްޕަ އަދި ވިލާގެ ޗެއާމަން ގާސިމް ދޫކޮށްލަން އަމުރު ކުރުމުން އޭގެ ބަދަލުގައި ދިން ފައިސާ ކަމަށް ވެސް ދައުވާގައި ވެ އެވެ.

ސިޔާދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ރިޝްވަތު ހިފުމުގެ ދައުވާ އާއި އިތުރު ދައުވާތަކެއް ވެސް ދައުލަތުން ވަނީ އުފުލައިފަ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ.