ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަމަށް އދ.ގެ ކޮމެޓީއަކުން ނިންމި ނަމަވެސް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް އެމަނިކުފާނަށް ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
16 އެޕްރީލް 2018
ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަމަށް އދ.ގެ ކޮމެޓީއަކުން ނިންމި ނަމަވެސް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް އެމަނިކުފާނަށް ނޯންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ މަދަނީ އަދި އިންސާނީ ހައްގުތައް ގެއްލިފައިވާ ކަމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ހުށަހެޅި މައްސަލައިގައި އެ ކޮމެޓީންގެ ނިންމުން ވެސް އައީ އެމަނިކުފާނާ އެއްކޮޅަށެވެ. މީގެކުރިން، އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން، ނަޝީދު މިނިވަންކުރަން ވެސް ގޮވާލާފައިވެ އެވެ. ފަހުގެ ނިންމުމުގައި ވަނީ، ނަޝީދުގެ ނިގުޅައިގެންފައިވާ ހައްގުތައް އަލުން އިޔާދަކޮށްދީ، އިންތިހާބުގައި ވާދަކުރަން އެމަނިކުފާނަށް ފުރުސަތު ދިނުމަށް އެ ކޮމެޓީން ވަނީ ދިވެހި ސަރުކާރަށް ހުށަހަޅައިފަ އެވެ.
ސިޔާސީ މައްސަލަތަކުގައި ސަރުކާރު ތަމްސީލްކުރައްވާ އިސް މަންދޫބު، މިނިސްޓަރު ޝައިނީ "މިހާރު" އަށް ވިދާޅުވީ އިންތިހާބުގައި ނަޝީދަށް ފުރުސަތު އޮންނަންވާނެ ކަމަށް އދ.ގެ ކޮމެޓީ އަކުން ބުނި ނަމަވެސް ރާއްޖޭގެ ގާނޫނުއަސާސީ އަށް ބަދަލު ނުގެނެސް ނަޝީދަށް އިންތިހާބަށް ކުރިމަތި ނުލެއްވޭނެ ކަމަށެވެ. އެއީ، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމާ ގުޅިގެންކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
"ރާއްޖޭގައި މި ހިނގަނީ ރާއްޖޭގެ ގާނޫނުއަސާސީ. އެހެންވީމަ އަޅުގަނޑުމެން މި ދަންނަވަނީ، ނަޝީދަށް ކުރިމަތި ނުލެއްވޭނެއޭ. އެމަނިކުފާނުގެ ނަން ވޯޓު ކަރުދާސްކޮޅުގައި ނޯންނާނެއޭ،" ޝައިނީ ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވާފައި. --ފޮޓޯ: އަހްމަދު އާޒިމް (އަންޖު)
ޝައިނީ ވިދާޅުވި ގޮތުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި 13 އަހަރުގެ ހުކުމެއް ނަޝީދުގެ މައްޗަށް އިއްވާފައި ވަނީ ރާއްޖޭގެ ކޯޓުތަކުން ކަމަށްވާއިރު، އެ ކުށަކީ އެމަނިކުފާނު ކުރެއްވި ކަމެއް ކަމަށް އެތައް ފަހަރަކު ވަނީ އިއުތިރާފްވެ ވަޑައިގެންފަ އެވެ.
ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ހުރިހާ އިޖުރާއަތުތަކެއް ވެސް ގެންގޮސްފައި ވަނީ ގާނޫނާ ޚިލާފަށް ކަމަށް އދ.ގެ ކޮމެޓީން ވަނީ ބުނެފަ އެވެ. ސިޔާސީ މަގްސަދެއްގައި ކުރިއަށް ގެންދިޔަ ޝަރީއަތަކުން، އެމަނިކުފާނު އިންތިހާބުގައި ވާދަކުރުމުގެ ހައްގުން މަހްރޫމްކުރުން ކަމަށް ވެސް އެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.
މިކަމާ ގުޅިގެން ޝައިނީ ވިދާޅުވީ ނަޝީދުގެ މައްސަލަ ފުރަތަމަ ބަލަން ފެށީ މި ސަރުކާރަކުން ނޫން ކަމަށެވެ. ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ވެސް އެއީ ހިނގަމުން ދިޔަ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
"އަނެއްކާ މި ކޭސް ހިނގަމުން ދަނިކޮށް ނޫންތޯ [2013]ގެ އިލެކްޝަނުގައި ނަޝީދު ބައިވެރިވެވަޑައިގެން ކުރިއަށް ދިޔައީ ވެސް. އެހެންވީމާ، ސިޔާސީ ގޮތުން މި ސަރުކާރަށް މަންފާއެއް ހޯދަން ކުރި ކަމެއް ނަމަ، އެ އިންތިހާބުގައި ވެސް ވާދަނުކުރެވުނީސް،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު ޝައިނީ ވިދާޅުވި ގޮތުގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމަކީ ނަޝީދު ނުކުރައްވާ ކުށަކަށް ވާނެ ހަމަ އެއްގޮތެއް ވެސް ނޯންނާނެ އެވެ. ގާޒީއަކު ގާނޫނާ ޚިލާފަށް ހައްޔަރުކުރުމަކީ ކުށެއް ކަމަށް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް، އެކަން އެ ނޫން ގޮތަކަށް ބަދަލު ކުރެވޭނެ ގޮތެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީ އަށް ނަޝީދުގެ ވަކީލުން މައްސަލަ ހުށަހެޅީ، ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެ މަނިކުފާނު މިނިވަންކުރަން ގޮވައިލި ގޮވައިލުމަށް ދިވެހި ސަރުކާރުން އަމަލު ނުކުރުމުންނެވެ. އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީގެ ނިންމުން މި އައީ، ސަރުކާރުން އަމަލުނުކުރި މައްސަލަ އަށް ވެސް ރިއާޔަތްކުރުމަށް ފަހު އެވެ.
މަރުހަބާ ނަޝީދު، އެކަމަކު ފުރުސަތެއް ނެތް؟!
އދ. ގެ ނިންމުން ތަންފީޒު ކުރަން ބާރު އަޅަން ޖެހޭ
އދ. އާއި އީޔޫ ނާންނަނީ ސުވާލު އުފެދޭތީއެއް ނޫން!
އދ.ގެ ނިންމުން ސަރުކާރުން ބަލައެއްނުގަތް
އިންތިޚާބުގައި ނަޝީދަށް ވާދަކުރެވެން ޖެހޭނެ: އދ.
ސަރުކާރުގެ އިސް ވަފުދެއް އދ. އަށް
ކަންބޮޑުވުންތައް އިސްލާހުކުރަން އެމްޑީޕީން ގޮވާލައިފި
ވާހަކަތައް ދައްކަން ފަށަން އެމްޑީޕީން ގޮވާލައިފި
ސާބިތު ކޮށްދިނީ ރާއްޖެ ބާކީ ނުވާކަން: ޝާހިދު
އދ. ގެ ހިއުމަންރައިޓްސް ކައުންސިލަށް ރާއްޖެ ހޮވިއްޖެ