Roadha Mihaaru
އދ. ގެ ނިންމުން ތަންފީޒު ކުރަން ބާރު އަޅަން ޖެހޭ

އދ. ގެ ނިންމުން ތަންފީޒު ކުރަން ބާރު އަޅަން ޖެހޭ: އެމްޑީޕީ

17 އެޕްރީލް 2018

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަމަށް އދ. ގެ ކޮމެޓީއަކުން ނިންމި ނިންމުން ތަންފީޒު ކުރަން އިންޑިއާ އާއި އދ. ގެ މެމްބަރު ގައުމުތަކުން ދިވެހި ސަރުކާރަށް ބާރު އަޅައި ދިނުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަމަށް އދ. ގެ ކޮމެޓީއަކުން ނިންމި ނިންމުން ތަންފީޒު ކުރަން އިންޑިއާ އާއި އދ. ގެ މެމްބަރު ގައުމުތަކުން ދިވެހި ސަރުކާރަށް ބާރު އަޅައި ދިނުމަށް އިދިކޮޅު އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަކުރެވެން ޖެހޭނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމެޓީން ނިންމި ނަމަވެސް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތެއް އެމަނިކުފާނަށް ނޯންނާނެ ކަމަށާއި ކޮމެޓީން ނިންމި ނިންމުން ބަލައިނުގަންނާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީގެ ނިންމުމަށް މަރުހަބާ ކިޔައި އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ނަޝީދާ ދެކޮޅަށް ސިޔާސީ ކުލަވަރު ޖެހިފައިވާ ޝަރީއަތެއް ހިންގައި، ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް އެ މަނިކުފާނު ޖަލަށް ލުމަށް ހުކުމް ކުރީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމުގެ ފުރުސަތު ގެއްލުވައިލަން ކަމަށެވެ. އަދި ނަޝީދާ ދެކޮޅަށް ހިންގި ޝަރީއަތަކީ ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާ ޚިލާފަށް ހިންގާފައިވާ ކަންކަން ކަމަށް އދ. ގެ ކޮމެޓީން ފާހަގަ ކުރި ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެހެންވެ، އދ. ގެ ކޮމެޓީން ނިންމި ނިންމުމާ އެއްގޮތަށް އަމަލު ކުރުމަށް ސަރުކާރަށާއި ފުލުހުންނާއި ސިފައިންނަށް އެ ޕާޓީން ވަނީ ގޮވާލައިފަ އެވެ. އަދި އެމަނިކުފާނުގެ ސިިޔާސީ، މަދަނީ ހައްގުތައް އޭގެ އެންމެ ފުރިހަަމަ ގޮތުގައި ކަށަވަރުކޮށް ދިނުމަށް ވެސް އެމްޑީޕީން ގޮވާލި އެވެ.

"...އެހެންކަމުން ރާއްޖޭގެ އަދުލު އިންސާފު ހިންގުމުގެ އެންމެ މަތީ ބާރު، ސުޕްރީމް ކޯޓުގެ ހުކުމުގައިވާ ގޮތަށާއި، އދ.ގެ ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމެވުމުގައިވާ ގޮތުގެ މަތީން ރައީސް ނަޝީދުގެ ސިިޔާސީ އަދި މަދަނީ ހައްގުތައް އޭގެ އެންމެ ފުރިހަަމަ ގޮތުގައި ކަށަވަރުކޮށް ދިނުމަށް ސަރުކާރުގެ ހުރިހާ ފަރާތްތަކަށް ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.

އެމްޑީޕީން އެގޮތަށް ބުނި ކަމުގައިވިޔަސް، މިދިޔަ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތިން ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.

އެމްޑީޕީން ބުނިގޮތުގައި އދ. ގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތްއިރު، އދ. ގެ ޗާޓާގައިވާ ކަންކަމަށާއި އެ ޖަމާއަތުގެ ނިންމުންތަކަށް ފުރިހަމަ ގޮތުގައި ބޯލެނބުމަށް ގާނޫނުއަސާސީން ދައުލަތުގެ މައްޗަށް ލާޒިމް ކުރެ އެވެ.