08 ޖޫން 2017
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެއާ މެދު 30 ގައުމަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ މެދު ސަމާލުކަންދީ އެކަންކަން އިސްލާހުކުރަން ވަގުތުން ފިޔަވަޅު އެޅުމަށް އިދިކޮޅު އެމްޑީޕީން ދިވެހި ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެއާ މެދު 30 ގައުމަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ މެދު ސަމާލުކަންދީ އެކަންކަން އިސްލާހުކުރަން ވަގުތުން ފިޔަވަޅު އެޅުމަށް އިދިކޮޅު އެމްޑީޕީން ދިވެހި ސަރުކާރަށް މިއަދު ގޮވާލައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީން ނެރުނު ނޫސް ބަޔާނުގައި ބުނީ ސަރުކާރުން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ އިންސާނީ ހައްގުތައް ފޯރުކޮށްދިނުމުގައި އިހުމާލުވެ، އެ ހައްގުތަކުން ރައްޔިތުން މަހްރޫމްކުރާތީވެ، ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލްގެ އެޖެންޑާގައި ހިމެނޭ ހާލަތަށް ރާއްޖެ ވައްޓާލާފައިވާތީ ކަންބޮޑުވާ ކަމަށެވެ. ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި އިނގިރޭސި ވިލާތުން އިއްވި ބަޔާނުގައި، ގާނޫނުއަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހައްގުތަކަށް ތަކުރާރުކޮށް އިހުމާލުވެފައިވާ ކަން ފާހަގަކޮށްފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
މިއާއެކު، ރައްޔިތުންނަށް ބިރުދެއްކުމާއި ހައްދުފަހަނާޅާފައިވާ ފިކުރަށް ރާއްޖޭގައި ޖާގަލިބިދިނުމާއި މަދަނީ އެތައް ހައްގެއް ނިގުޅައިގެންފައިވާތީ ކަންބޮޑުވުންފާޅުކޮށް އެކަންކަން އިސްލާހުކުރުމަށް ގައުމުތަކުން ގޮވާލާފައިވާ ކަމަށް އެމްޑީޕީން ބުންޏެވެ.
"ކައުންސިލްގެ އެޖެންޑާގައި ހިމެނުމާއެކު ދިވެހިރާއްޖޭގެ ހާލަތު ބެލުމަށާއި އެކަންކަން އިސްލާހުކުރުމަށް ބާރު އަޅައި ސަރުކާރުގެ އަމަލުތައް އޮބްޒާވްކުރަން ފަށާނެ އެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
އެ ޕާޓީން ބުނިގޮތުގައި ބްލޮގާ ޔާމީން ރަޝީދު މަރާލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާ ގުޅޭގޮތުން އާއިލާ އާއި ރައްޔިތުން ސުވާލުކުރުމަކީ މައްސަލަ ސިޔާސީ ކުރުން ކަމުގައި ބުނެ ޖަވާބު ނުދިނުމަކީ މަސްއޫލިއްޔަތު އަދާކުރަން ދައުލަތުގެ މުއައްސަސާތަކުން ރެކުމެވެ.
ރައްޔިތުން މެރުމާއި ގެއްލުވާލުން ފަދަ އަނިޔާވެރިކަމެއް ރާއްޖޭގައި ބަޔަކު ރާވައިގެން ކުރާއިރު އެ ބަޔަކު ދިވެހި ފުލުހުންނަށާއި ސިފައިންނަށް ނުހޯދޭނެ ކަމަކަށް އެ ޕާޓީން ނުދެކޭ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެކަން ކުރި ބަޔަކާއި ރޭވި އަދި ފައިސާ ޚަރަދުކުރި ބަޔަކު ހޯދައި އެކަމާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރަންޖެހޭނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ. "ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅުނު ބަޔާނުގައި ދިވެހިރާއްޖޭގައި މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމަށް އޮތް ޖާގަ ހަނިވަމުން އަންނަކަން ވަނީ ފާހަގަކޮށްފަ އެވެ. ފާއިތުވީ އަހަރުތަކުގެ ތެރޭ ސިޔާސީ ޕާޓީތަކުގެ ބާރު ކަނޑުވާލައި މިނިވަންކަމާއެކު ޕާޓީ ހިންގުމުގެ ބާރުތައް ނެތިކޮށް، ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގާނޫނު އަސާސީގެ ރޫހާ ޚިލާފް އެތައް ބަދަލުތަކެއް ގެނެސް މުޅި ޑިމޮކްރަޓިކް ނިޒާމް މިވަނީ ހައިޖެކްކޮށްފަ އެވެ،" އެމްޑީޕީން ބުންޏެވެ.
"ދިވެހި ސަރުކާރުގެ އަމަލުތައް މިއަދު ބޮއްސުންލާފަައިވާއިރު އެ ކަންކަން އިސްލާހުކުރުމުގެ ޒިންމާ ގާނޫނުއަސާސީން މަތިކޮށްފައި ވަނީ ދައުލަތުގެ މުއައްސަސާތަކާ އެވެ. އެހެންނަމަވެސް މުއައްސަސާތައް މިއަދު އިންތިހާއަށް ސިޔާސީވެ ތިން ބާރު ވަކިވެފައިވާ ސިޔާސީ ނިޒާމު ވަނީ ގަޑުބަޑުކޮށްފަ އެވެ."
އެމްޑީޕީގެ ބަޔާނުގައި ވަނީ، ބިރު ދެއްކުމާއި ހަރުކަށި ފިކުރަކީ މިއަދު ދިވެހިންނަށް ކުރިމަތިވެފައިވާ ބޮޑު ބިރެއް ކަމަށް ބުނެ އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ. އަދި މިނިވަންކަމާއެކު ސިޔާސީ ޕާޓީތައް ހިންގުމުގެ ޖާގަދީ ސިޔާސީ ލީޑަރުން މިނިވަންކޮށް ފުރިހަމަ ޑިމޮކްރަޓިކް ނިޒާމެއް ބިނާކުރުމަށް ދައުލަތުގެ މުވައްސަސާތަކަށް ގޮވާާލާފައިވެ އެވެ.
އދ. ގެ ނިންމުން ތަންފީޒު ކުރަން ބާރު އަޅަން ޖެހޭ
ވޯޓުގައި ބައިވެރިނުވުމުން ފާޑުކިޔުންތައް ކުރިމަތިވެއްޖެ
އިންތިޚާބުގައި ނަޝީދަށް ވާދަކުރެވެން ޖެހޭނެ: އދ.
ހައްލެއް ފެނޭތޯ ޔޫއެންގެ ވަފުދެއް ރާއްޖޭގައި
ސާބިތު ކޮށްދިނީ ރާއްޖެ ބާކީ ނުވާކަން: ޝާހިދު
އދ. އާއި އީޔޫ ނާންނަނީ ސުވާލު އުފެދޭތީއެއް ނޫން!
ހާލަތު ދެނެގަތުމަށް އދ. ގެ ޓީމެއް ރާއްޖެ އަތުވެއްޖެ
ދުނިޔޭގެ ކުރިމަތީގައި ބޮޑު ބައްޔެއް، އަދި ފިލާވަޅެއް!
މަރުހަބާ ނަޝީދު، އެކަމަކު ފުރުސަތެއް ނެތް؟!
"ނަޝީދަށް ފުރުސަތެއް ނެތް، އެކަން ބަދަލެއް ނުވާނެ"