Roadha Mihaaru
ދާލު އެއާޕޯޓަށް ޕްރައިވެޓް ޖެޓް ޖައްސަން ފަށައިފި

ދާލު އެއާޕޯޓަށް ޕްރައިވެޓް ޖެޓް ޖައްސަން ފަށައިފި

17 އެޕްރީލް 2018

ދ. އަތޮޅުގެ ރިސޯޓުތަކަށް ޕްރައިވެޓް ޖެޓްގައި ދާން ބޭނުންވާ ޓޫރިސްޓުންނަށް ކުޑަހުވަދޫ އެއާޕޯޓު ހުޅުވާލައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދ. އަތޮޅުގެ ރިސޯޓުތަކަށް ޕްރައިވެޓް ޖެޓްގައި ދާން ބޭނުންވާ ޓޫރިސްޓުންނަށް ކުޑަހުވަދޫ އެއާޕޯޓު ހުޅުވާލައިފި އެވެ.

ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ "ދާލު އެއާޕޯޓް" ހިންގަނީ ރިއޯލޯ ހިއްސާވާ ދާލު އެއާޕޯޓް ހޯލްޑިން ޕްރައިވެޓް ލިމިޓެޑުންނެވެ. ދާލު އެއާޕޯޓަށް ފުރަތަމަ ފްލައިޓް ޖެއްސީ ޖޫން، 1، 2017 ގަ އެވެ. ނަމަވެސް އެ އެއާޕޯޓު ރަސްމީކޮށް ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު އެވެ.

ދާލު އެއާޕޯޓް ހޯލްޑިންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދާލު އެއާޕޯޓް ތަރައްގީ ކޮށްފައި ވަނީ ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށް ކަމަށް ވާތީ، އެ އެއާޕޯޓަށް މިހާރު ޕްރައިވެޓް ޖެޓް ޖައްސަން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ހަ ޖެޓް ޖައްސާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އެއާޕޯޓަށް ޕްރައިވެޓް ޖެޓް ޖައްސާ ކަމަށް ވާ ނަމަ ކޮންމެ ޖެޓަކަށް ވަކިވަކިން ހުއްދަ ނަގަން ޖެހޭ. ނަމަވެސް އިންޓަނޭޝަނަލް ފްލައިޓް އޮޕަރޭޓް ކުރަން ފެށީއެއް ނޫން،" އެ އޮފިޝަލް ވިދާޅުވި އެވެ.

"މިއީ މި ސަރަހައްދުގެ ރިސޯޓުތަކަށް ޕްރައިވެޓް ޖެޓްތަކުގައި އަންނަން ބޭނުންވާ ޓޫރިސްޓުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް."

އޭނާ ވިދާޅުވީ އެ އެއާޕޯޓުގައި 12 ޕްރައިވެޓް ޖެޓް ޕާކުކުރުމުގެ ޖާގަ ހަދާފައިވާ ކަމަށެވެ.

ދާލު އެއާޕޯޓް ހިންގާ ދާލު އެއާޕޯޓް ހޯލްޑިންގް އިން 64.81 ހެކްޓަރުގެ ބިން ހިއްކައިގެން 1،800 މީޓަރުގެ ދިގު ރަންވޭއަކާ އެކު ހެދި އެއާޕޯޓުގައި 42 ބޯޓަށް އެއްފަހަރާ ހިދުމަތް ދެވެ އެވެ. އޭގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގައި އާއްމުކޮށް ބޭނުންކުރާ ޑޭޝް-8 އަދި އޭޓީއާރު-72 މަރުކާގެ ބޯޓުތައް ހިމެނޭއިރު، މިއީ އަމިއްލަ މީހުންގެ ޖެޓުތައް ވެސް ޖެއްސޭ ގޮތަށް ރާއްޖޭގައި ތަރައްގީކުރި ފުރަތަމަ ޑޮމެސްޓިކް އެއާޕޯޓު ވެސް މެ އެވެ.