Roadha Mihaaru
ނިޔާމަ ރިސޯޓް 23.3 މިލިއަން ޑޮލަރަށް ވިއްކާލަނީ

ނިޔާމަ ރިސޯޓް 23.3 މިލިއަން ޑޮލަރަށް އެމްޓީޑީސީން ވިއްކާލަނީ

16 އޯގަސްޓް 2016

ނިޔާމަ މޯލްޑިވްސްގެ ނަމުގައި ދ. އެނބޫދޫފުއްޓާއި އޮޅުވެލީގައި ހިންގާ ރިސޯޓު، އެ ރަށް ހިންގާ އޯ ޕްލަސް އީ ހޮލްޑިން އަށް 23.3 މިލިއަން ޑޮލަރު (359.2 މިލިއަން ރުފިޔާ) އަށް ވިއްކާލަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން މިއަދު ނިންމައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ނިޔާމަ މޯލްޑިވްސްގެ ނަމުގައި ދ. އެނބޫދޫފުއްޓާއި އޮޅުވެލީގައި ހިންގާ ރިސޯޓު، އެ ރަށް ހިންގާ އޯ ޕްލަސް އީ ހޮލްޑިން އަށް 23.3 މިލިއަން ޑޮލަރު (359.2 މިލިއަން ރުފިޔާ) އަށް ވިއްކާލަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ން މިއަދު ނިންމައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ޓޫރިޒަމް ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެނބޫދޫފުށި އަދި އޮޅުވެލީގެ ހެޑްލީސް ރައިޓްސް އެ ރަށް ތަރައްގީކޮށް، މިހާރު އޮޕަރޭޓްކުރަމުންދާ ކުންފުންޏަށް ވިއްކާލަން އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެމްޓީޑީސީން އެނބޫދޫފުއްޓާއި އޮޅުވެލި ވިއްކާލަން ނިންމިއިރު އެ ކުންފުނިން ކުރިން ހިންގި ސ. ހެރެތެރެ ރިސޯޓް ވަނީ 2014 ވަނަ އަހަރު ސިންގަޕޫރުގެ ކޭނަރީފަށް 33 މިލިއަން ޑޮލަރަށް ވިއްކާލައިފަ އެވެ. އެމްޓީޑީސީން ކުއްޔަށް ދީގެން ހިންގާ އިތުރު ދެ ރިސޯޓެއް އެބަ އޮތެވެ. އެއީ ގދ. މަގުއްދުވާގައި ހިންގާ އަޔާޑާ މޯލްޑިވްސް އާއި ބ. ކިހަވަށް ހުރަވަޅީގައި ހިންގާ އަނަންތާރާ ކިހަވަށް ވިލާސް އެވެ.

އެމްޓީޑީސީން ބުނީ އެގޮތަށް ލީޒް ހޯލްޑް ރައިޓްސް ވިއްކާލަން ޖެހުނު މައިގަނޑު ސަބަބަކީ ސަބްލީޒް ކޮށްގެން މިވަގުތު ކުންފުންޏަށް ފައިދާވަމުން ދިޔަކަމުގައި ވީ ނަމަވެސް، މިއަހަރުން ފެށިގެން ހަތަރު ރަށެއްގެ ކުލި ސަރުކާރަށް ދައްކަން ފަށަން ޖެހޭތީ އެވެ. އަދި މިދިޔަ އަހަރުތަކުގެ ތެރޭގައި ކުންފުނީގެ އެކި ރަށްތަކުން ދައްކަންޖެހިފައިވާ ކުއްޔާއި އެހެނިހެން ފައިސާގެ ތެރެއިން މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ފަސްކޮށްދީފައިވާ ފައިސާ މިއަހަރުގެ ތެރޭގައި ދެއްކުމަށް ސަރުކާރުން އަންގަވާފައިވާތީ، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުންޏަށް އެންމެ ފައިދާ ހުރި ގޮތަކަށް މިހާރުގެ ވިޔަފާރި މޮޑެލް ހިންގިދާނެ ކަމަށް ޑިރެކްޓަރުންގެ ބޯޑަށް ނުފެންނާތީ ނިޔާމަ ރިސޯޓް ވިއްކާލަން ނިންމީ ކަމަށް އެމްޓީޑީސީން ބުންޏެވެ.

"2010 ވަނަ އަހަރު ޓޫރިޒަމް ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން ތަފާތު އެތައް ގޮންޖެހުންތަކެއް ކުންފުންޏަށް ކުރިމަތިލާންޖެހި ބޮޑެތި ގެއްލުންތައްވަމުން ދިޔަ އެވެ. އަދި އެމްޓީޑީސީ އުފެއްދި މަޤްސަދު ހާސިލްކުރުމަށްޓަކައި ފާއިތުވެދިޔަ އަހަރުތަކުގައި ކުރެވުނު ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 2014 ވަނަ އަހަރުން ފެށިގެން ފައިދާވާ ކުންފުންޏެއްގެ ގޮތުގައި ވަނީ ހެދިފަ އެވެ،" ބަޔާނުގައިވެ އެވެ.

"ނަމަވެސް ރަށްތައް ކުއްޔަށް ދީގެން އެމްޓީޑީސީ މި ހިންގާ ވިޔަފާރި މޮޑެލް އަކީ އެމްޓީޑީސީ އުފެއްދި މަގުސަދު ވެސް ހާސިލްނުވެ، މުސްތަގުބަލުގައި ކުންފުންޏަށާއި ކުންފުނީގެ ހިއްސާދާރުންނަށް އެންމެ ފައިދާ ހުރި ގޮތްކަމުގައި ނުބެލެވެ އެވެ."

އެމްޓީޑީސީގެ ބަޔާނުގައި ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އެކަމާ މެދު ތަފާތު އެކި ގޮތްގޮތަށް މަޝްވަރާކޮށް ކުންފުންޏަށް އެންމެ ފައިދާހުރި ގޮތަކަށް ބޯޑުން ނިންމީ ފާއިތުވެ ދިޔަ އަހަރުތަކުގެ ފަސްކުރެވިފައިވާ ކުލި ސަރުކާރުން އެދިފައިވާ ގޮތަށް ދެއްކުމަށެވެ. އަދި އެމްޓީޑީސީއިން ރަށްތައް ތަރައްގީކޮށް އޮޕަރޭޓްކުރުމުގެ މޮޑެލްއަށް ކުންފުނީގެ ވިޔަފާރި ބައްޓަންކޮށް ދެމެހެއްޓެނިވި ގޮތަށް ވިޔަފާރި ބަދަލުކުރުމަށް ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

އެމްޓީޑީސީން ބުނީ ސަރުކާރަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށާއި އަދި ވިޔަފާރި މޮޑެލް ބަދަލުކުރުމަށް ޑިރެކްޓަރުންގެ ބޯޑަށް ފެނުނީ މިހާރު ސަބްލީސްކޮށްފައިވާ ރަށްތަކުގެ ތެރެއިން ދެ ރަށެއްގެ ލީޒް ހޯލްޑް ރައިޓްސް ވިއްކާލައިގެން ކަމަށެވެ. އަދި އެ ގޮތަށް ހެދުމުން ސަރުކާރަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް ދެއްކި އަދި އެމްޓީޑީސީއިން މިއަހަރު ތެރޭގައި އަމިއްލައަށް ރިސޯޓެއް ތަރައްގީ ކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.

"ކުންފުނީގެ ބޯޑުން ދެކެވަޑައިގަންނަވަނީ މި ނިންމި ނިންމުމުގެ ސަބަބުން އެމްޓީޑީސީ އުފެއްދި މަގުސަދު ހާސިލްކުރެވި، އޭގެ ސަބަބުން ކުރިމަގުގައި ކުންފުނީގެ ހާލަތު ބަދަލުކުރެވި ހިއްސާދާރުން އޭގެ ފައިދާ އާއި ނަފާ އެންމެ ފުރިހަމަ ގޮތުގައި ލިބިދެވޭނެ ކަމަށެވެ. އަދި ޓޫރިޒަމް ސިނާއަތުގައި އެމްޓީޑީސީއަކީ ކާމިޔާބު ކުންފުންޏެއްގެ ގޮތުގައި ހެދުމަށް ކުރަމުންގެންދާ މަސައްކަތަށް ކާމިޔާބުވުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްގެ ގޮތުގަ އެވެ." ބަޔާނުގައިވެ އެވެ.