Roadha Mihaaru

ޓޫރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވާ ފޯރަމް ފަށައިފި

ރާއްޖޭގެ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި އިންޑަސްޓްރީގެ އިސް ބޭފުޅުންނާ އެކު ބާއްވާ އެންމެ ބޮޑު ފޯރަމް، "ހޮޓެލިއާ މޯލްޑިވްސް ޖެނެރަލް މެނޭޖަސް ފޯރަމް" ކުރުނބާ މޯލްޑިވްސްގައި ފަށައިފި އެވެ.

ޓޫރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވާ ފޯރަމް ފަށައިފި
އަބްދުﷲ ޖަމީލު
ކުރުނބާ މޯލްޑިވްސް އިން އަބްދުﷲ ޖަމީލު

18 އެޕްރީލް 2018

ރާއްޖޭގެ ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި އިންޑަސްޓްރީގެ އިސް ބޭފުޅުންނާ އެކު ބާއްވާ އެންމެ ބޮޑު ފޯރަމް، "ހޮޓެލިއާ މޯލްޑިވްސް ޖެނެރަލް މެނޭޖަސް ފޯރަމް" ކުރުނބާ މޯލްޑިވްސްގައި ފަށައިފި އެވެ.

މިފަހަރުގެ ބައްދަލުވުމުގައި ޓޫރިޒަމް ދާއިރާގެ 40 އަށްވުރެ ގިނަ ކުންފުނިން 150 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ ޖެނެރަލް މެނޭޖާސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕްރިއާ ގްރޫޕްގެ ފައުންޑިން މެމްބަރު ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް ބަދަލުވެ، ތަރައްގީވެފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ބަންދު ސަލީމް ވަނީ ރާއްޖޭގެ ޓޫރިޒަމަށް މިދިޔަ 45 އަހަރުގެ ތެރޭގައި އަައިސްފައިވާ ބަދަލު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯއާ އެކު ހުށަހަޅުއްވައިދެއްވައިފަ އެވެ.

"އޭރު އެއާލައިނެއް ނެތް، ޝިޕިން ލައިނެއް. ރަނގަޅު އެއާޕޯޓެއް ވެސް ނެތް. އެކަމަކު މިހާރު އެތައް އެއާޕޯޓެއް އެބައޮތް. އެތައް އެއާލައިނެއް ކޮންމެ ދުވަހަކު ޓޫރިސްޓުން ގޮވައިގެން އާދޭ. މިހިރީ މިހާރު މި އިންޑަސްޓްރީ ކުރިއަރާފައިވާ މިންވަރު،" ޓޫރިޒަމް ފެށިގެން އައި ދުވަސްވަރުގެ ފޮޓޯތައް ދައްކަވަމުން ބަންދު ސަލީމް ވިދާޅުވި އެވެ.

ކުރުނބާ މޯލްޑިވްސް މިއަދު ފެށި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ފޯރަމްގެ ބައިވެރިން.

ކުރުނބާ މޯލްޑިވްސް މިއަދު ފެށި ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންގެ ފޯރަމްގެ ބައިވެރިން.

ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައި ދުވަސްވަރު ރިސޯޓުތަކުގެ ކޮޓަރިތައް ދައްކަވާލައްވަމުން އޭނާ ވިދާޅުވީ އޭރު ކޮޓަރިއެއް ވިއްކީ ރެއަކަށް 15 ޑޮލަރަށް ކަމަށާއި މިހާރު އެންމެ ދަށްވެގެން ރިސޯޓަކުން ކޮޓަރިއެއް ލިބެނީ 200 އެއްހާ ޑޮލަރަށް ކަމަށެވެ. އަދި ޔޫރަޕްގެ ފިނި މޫސުމުގައި އޭރު ރެއަކަށް ގާތްގަނޑަކަށް 75 ޑޮލަރަށް ކޮޓަރިއެއް ވިއްކި ކަމަށް ވެސް ބަންދު ސަލީމް ވިދާޅުވި އެވެ.

"އޭރު ހުޅުލެއިން ރިސޯޓަށް ޓްރާންސްފާ އުޅެނީ ބޮލަކަށް އެއް ޑޮލަރު. ތި ބޭފުޅުން މިހާރު ހައިރާން ވެދާނެ،" އޭނާ ވިދާޅުވި އެވެ.

ޖީއެމް ފޯރަމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އެންމެ އިސްވެރިންގެ މެދުގައި ބާއްވާ މިފަދަ އެންމެ ބޮޑު ބައްދަލުވުމެވެ. އެ ފޯރަމްގައި ޓޫރިޒަމް ދާއިރާއާ ގުޅުންހުރި މައުލޫތަކަށް ބައިވެރިން ވާހަކަދައްކަވައި، ޕްރެޒެންޓޭޝަން ހުށަހެޅުއްވުމުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ވެސް ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މި ފޯރަމްގައި ޓޫރިޒަމް ދާއިރާގައި ރާއްޖެ އާއި ދުނިޔޭގެ ނަން މަޝްހޫރު ބްރޭންޑްތައް ވެސް ބައިވެރިވެފައިވެ އެވެ. އޭގެ ތެރޭގައި ކޮކޯ ކަލެކްޝަން، ޝަންގްރިލާ ހޮޓެލްސް، ސޮނޭވާ، ވަން އެންޑް އޮންލީ، އައިއެޗްޖީ ހޮޓެލްސް، ބެލިއޯނީ ހޮޓެލްސް، ލިލީ ހޮޓެލްސް، ކޮންސްޓެންސް ހޮޓެލްސް އެންޑް ރިޒޯޓްސް، ފެއަމޮންޓް، ޑައެމަންޑް ރެޒޯޓްސް، ޖުމެއިރާ، ސިނެމަން، އަދާރަން، ޔުނިވާސަލް ރިސޯޓްސް އަދި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ހިމެނެ އެވެ.