Roadha Mihaaru
މާލެ އިން ކުނި ސާފުކުރަން ވެމްކޯއިން ނުކުމެއްޖެ

އާންމުންގެ ޝަކުވާ ބޮޑުވެ، މާލެ ސާފުކުރަން ވެމްކޯއިން ނުކުމެއްޖެ

30 ޑިސެމްބަރ 2022

މާލެ ސަރަހައްދުގެ މަގުތަކުގައި ކުނި ގިނަވެ، އުނދަގުލަކަށްވެ، އާންމުން ޝަކުވާ ކުރަން ފެށުމާ އެކު، މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯއިން މިއަދު ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލެ ސަރަހައްދުގެ މަގުތަކުގައި ކުނި ގިނަވެ، އުނދަގުލަކަށްވެ، އާންމުން ޝަކުވާ ކުރަން ފެށުމާ އެކު، މާލެ ސާފުކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ވެމްކޯއިން މިއަދު ފަށައިފި އެވެ.

މާލޭގެ މަގުތަކާއި އާންމު ތަންތަނުން ކުނި ނަގަން ވެމްކޯއާ އެކު ހެދި އެއްބަސްވުން އާ ނުކުރަން ސިޓީ ކައުންސިލުން ނިންމައި، އަދި އެއްބަސްވުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު ހަމަވެފައިވާތީ މަގުތަކުން ކުނި ނެގުން ވެމްކޯއިން ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ، މަގުތަކުގައި ކުނި ވަނީ ގިނަވެފަ އެވެ.

އެކަމާ އީޕީއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ވެސް ނެރެފަ އެވެ.

ވެމްކޯ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް "މިހާރު" އަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް ކުނި ނެގުމުގެ ކަންކަން ކުރިއަށް ނުގެންދެވުމުން އެކަމުން އުނދަގުލާ ކުރިމަތިލާން ޖެހެނީ އާންމުން ކަމަށެވެ. އެހެންކަމުން މިނިސްޓަރުގެ ލަފާގެ މަތިން މާލޭގެ އެކި ތަންތަނުގައި ޖަމާކޮށްފައި ހުރި ކުނި ނެގުމުގެ މަސައްކަތް މިއަދު ހަވީރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ ކުނި ނެގުމުގެ މަސައްކަތް ފެށީ ރައްޔިތުންގެ އާންމު ސިއްހަތު މުހިންމުވާތީ ކަމަށެވެ.

"މާލެ ސިޓީ ކައުންސިލަކަށް ނުވި މިކަމެއް. އިއްޔެ އީޕީއޭ އިން އެކަމާ ގުޅިގެން ބަޔާނެއް ނެރުމާ އެކު، މިނިސްޓަރު އެދިލެއްވުމުގެ މަތިން ވެމްކޯއިން މިއަދު ނިކުތީ. މިއީ ދާއިމީކޮށް ކުރަން ފެށިކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މާލެ އާއި ވިލިމާލޭގެ މަގުތަކާއި މައިޒާންތައް ސާފުކުރުމަށް ވެމްކޯއާ ހަވާލު ކޮށްފައިވީ ނަމަވެސް ސިޓީ ކައުންސިލުން އެއްބަސްވުން އާ ނުކުރީ އެ ކުންފުނިން އެ ކަން ގަވާއިދުން ނުކުރާތީ ކަމަށް ބުނެފައި ވެ އެވެ. އެ މަސައްކަތަށް ކޮންމެ މަހަކު ސިޓީ ކައުންސިލުން ބޮޑު ހަރަދެއް ކުރާ ކަމަށް ކައުންސިލުން ބުންޏެވެ.

އަދި ދެ ފަރާތުން ވާހަކަ ދައްކައިގެން ވެސް އެ މައްސަލަ އަށް ހައްލު ނައުމުން ސިޓީ ކައުންސިލުން ނިންމީ އެއްބަސްވުން އާ ނުކޮށް، އެ ކައުންސިލުން އަމިއްލަ އަށް މާލެ އާއި ވިލިމާލޭގެ ޕާކުތަކާއި މައިޒާންތަކާއި މަގުތައް ސާފުކުރާށެވެ.