Roadha Mihaaru
މަހަކު 2.5 މިލިއަން، އެކަމަކު ވެމްކޯ ޒިންމާ ނުނަގާ

މަހަކު 2.5 މިލިއަން ދޭއިރު ވެސް ވެމްކޯ ޒިންމާ ނުނަގާ ކަމުގެ ތުހުމަތު!

18 ސެޕްޓެމްބަރ 2022

ފޮޓޯތަކުން އެ ފެންނަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެކި ދުވަސްމަތިން އުކާލާފައި ހުންނަ ތަކެތި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ނުކުމެ ނަގާ ތަނެވެ. މިއީ ކޮންމެ ދުވަހަކު ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުން އަންނަ ކަމެކެވެ. މާލޭގެ އެކި ސަރަހައްދުތަކުން ސިޓީ ކައުންސިލްގެ ޕިކަޕުތަކުގައި އެ ކައުންސިލްގެ މުވައްޒަފުން ނުކުމެ އެ ކަން ކުރާ ތަން ފެންނާނެ އެވެ. ދާދި ފަހުން ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ފެށުނު ބޮޑު ކޯޅުމުގެ އަސްލަކީ ވެސް މިއެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ފޮޓޯތަކުން އެ ފެންނަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެކި ދުވަސްމަތިން އުކާލާފައި ހުންނަ ތަކެތި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ނުކުމެ ނަގާ ތަނެވެ. މިއީ ކޮންމެ ދުވަހަކު ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުން އަންނަ ކަމެކެވެ. މާލޭގެ އެކި ސަރަހައްދުތަކުން ސިޓީ ކައުންސިލްގެ ޕިކަޕުތަކުގައި އެ ކައުންސިލްގެ މުވައްޒަފުން ނުކުމެ އެ ކަން ކުރާ ތަން ފެންނާނެ އެވެ. ދާދި ފަހުން ސިޓީ ކައުންސިލާއި ވެމްކޯއާ ދެމެދު ފެށުނު ބޮޑު ކޯޅުމުގެ އަސްލަކީ ވެސް މިއެވެ.

ސިޓީ ކައުންސިލުން ބުނާގޮތުގައި މާލެ އާއި ވިލިމާލޭގެ މައިޒާންތަކާއި ޕާކުތަކާއި މަގުމަތި ސާފުކުރުން ހަވާލު ކޮށްފައި ވަނީ ވެމްކޯއާ އެވެ. އެކަމަކު، މައްސަލަ ނުކުތީ އެއްބަސްވުމެއްގެ ދަށުން އެ ކަން ވެމްކޯއާ ހަވާލުކޮށްފައިވީ ނަމަވެސް ސިޓީ ކައުންސިލުގެ މުވައްޒަފުން ނުކުމެ، ވެމްކޯގެ ޒިންމާ ނަގަން ޖެހުން ކަމަށް މާލޭޔެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ. އެހެންވެ، ސިޓީ ކައުންސިލުން ނިންމީ މާލެ އާއި ވިލިމާލޭގެ ޕާކުތަކާއި މައިޒާންތައް އަދި މާލެތެރެ ސާފުކުރުމަށް ވެމްކޯއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ ޑިސެމްބަރު މަހަށް ހަމަވުމުން ދެން އެ އެއްބަސްވުން އާ ނުކުރާ ގޮތަށެވެ.

މާލޭގެ މަގުމައްޗަށް އުކާލާފައިވާ ކުނިތައް ނެގުމުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ: ކައުންސިލުން ބުނާގޮތުގައުި މިއީ ވެމްކޯގެ ޒިންމާއެއް.

މާލޭގެ މަގުމައްޗަށް އުކާލާފައިވާ ކުނިތައް ނެގުމުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ހަރަކާތްތެރިވަނީ: ކައުންސިލުން ބުނާގޮތުގައުި މިއީ ވެމްކޯގެ ޒިންމާއެއް.

"އެ މަސައްކަތް އައުޓްސޯސް ކޮށްފައިވާއިރު ވެމްކޯ އިން އެ ޒިންމާ އަދާނުކުރުން މައްސަލައަކީ. މާލެތެރޭގެ އެކި ހިސާބުތަކުގައި ހުންނާނެ ކުނިފުނި ޖަހާފައި. ވަރަށް ހަޑިކޮށް އެ ތަންތަން ހުންނާނެ. އެ ތަންތަން [ވެމްކޯ އިން] ސާފެއް ނުކުރޭ. އެކަމަކު އެއީ ވަކިވަރަކަށް ލީޓަރު ހަދައި، އެގްރިމެންޓެއްގައި ސޮއިކޮށްފައިވާ ގޮތަށް ވެމްކޯ އިން ނަގަން ޖެހޭ ކުންޏެއް،" މިދިޔަ ބުރާސްފަތި ދުވަހު "މިހާރު" އާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި މާލެ އާއި ވިލިމާލޭގެ ޕާކުތަކާއި މައިޒާންތައް އަދި ރަށުތެރެ ސާފުކުރުމުގެ މަސައްކަތަށް ސިޓީ ކައުންސިލުން ވެމްކޯ އަށް ކޮންމެ މަހަކު ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ދޭންޖެހެ އެވެ. އޭގެ ތެރޭގައި ކުނި ހިފައިގެން ދާ ޕިކަޕްގެ ޗާޖު ވެސް ހިމެނޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

މާލޭގެ މަގުމައްޗަށް އުކާލާފައިވާ ކުނިތައް އަދި އެ މައްސަލައިގައި މީހަކު ވާހަކަ ދައްކަނީ.

މާލޭގެ މަގުމައްޗަށް އުކާލާފައިވާ ކުނިތައް އަދި އެ މައްސަލައިގައި މީހަކު ވާހަކަ ދައްކަނީ.

"އެ ބޭފުޅުން ބިލް ވެސް ކުރޭ. އަޅުގަނޑުމެން ފައިސާ ވެސް ދެން. އެކަމަކު 24 ގަޑިއިރު އަޅުގަނޑުމެންގެ ޓީމުތައް އުޅޭނެ އެއްކަލަ ޕިކަޕުގައި ނުކުމެ ކުނި ނަގަން ވެސް ވެމްކޯ އިން ކުނި ނުނަގާ ހުރީމާ. ޝަކުވާ އަންނަ ދިމަދިމާލުގައި އަޅުގަނޑުމެންގެ ސިޓީ ކައުންސިލްގެ ޓީމުތައް އުޅޭނެ އަބަދުވެސް ކުނި ނަގަން. އަޅުގަނޑުމެންގެ މުވައްޒަފުންނާއި ތަކެތި އެބަ ބޭނުންކުރަންޖެހޭ ކުނި ނަގަން. އަދި އެ އުކާލަން ވެމްކޯ ސައިޓަށް ވަންނަނީ ވެސް ފައިސާ ދީފައި،" މުއިއްޒު ވިދާޅުވި އެވެ.

މޭޔަރުގެ މައްސަލައަކީ އަދި މަގުމަތިން ފެންނަ މަންޒަރަކީ ވެސް އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ވެމްކޯ އަށް ސިޓީ ކައުންސިލުން ދޭއިރު އެ ކަން އެންމެ ރަނގަޅަށް ނުކުރެވުމެވެ. ޔަގީނުން ވެސް ސިޓީ ކައުންސިލްގެ ޓީޝާޓް ލާފައި ތިބޭ މުވައްޒަފުން ނުކުމެ މާލެތެރެ ސާފުކުރާ މަންޒަފު ފެނެ އެވެ. ޕާކުތަކާއި މައިޒާންތަކުން ވެސް އެ މީހުން ފެނެ އެވެ. ރަސްފަންނު ފަދަ އާންމު ސަރަހައްދުތައް ސާފުކުރާ ތަން ފެންނަނީ ސިޓީ ކައުންސިލްގެ މުވައްޒަފުންނެވެ. މާލެތެރެ އަށް އުކާލާފައި ހުންނަ ތަކެތި ސިޓީ ކައުންސިލްގެ ޕިކަޕުތަކުގައި ނުކުމެ ގެންދާ މަންޒަރު ވަރަށް އާންމެވެ. ވެމްކޯގެ މުވައްޒަފުން އާންމުކޮށް ފެންނަނީ ގޭގެ އިން ކުނި ނެގުމުގައި އުޅޭ ތަނެވެ. ދެން މާލޭގެ މަގުތަކުގައި ކުނިކަހަން ކޮންމެ ރެއަކު މުވައްޒަފުން ނެރެ އެވެ.

މާލޭގެ މޭޔަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މާލެ އާއި ވިލިމާލޭގެ މައިޒާންތަކާއި ޕާކުތައް އަދި މަގުތަކަށް އުކާލާފައި ހުންނަ ތަކެތި ވެމްކޯ އިން ނުނަގާ މައްސަލަ ވަރަށް ބޮޑު ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

މާލޭގެ މޭޔަރު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: މާލެ އާއި ވިލިމާލޭގެ މައިޒާންތަކާއި ޕާކުތައް އަދި މަގުތަކަށް އުކާލާފައި ހުންނަ ތަކެތި ވެމްކޯ އިން ނުނަގާ މައްސަލަ ވަރަށް ބޮޑު ކަމަށް ވިދާޅުވި.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ވެމްކޯ އިން ޒިންމާ ނުނެގީމާ އަޅުގަނޑުމެން އެއް މަސައްކަތެއް ކުރަން އެތައް މިލިއަނެއް ހަރަދު ކުރަން އެބަޖެހޭ. އެކަން ރަނގަޅު ވޭތޯ ހުދު އަޅުގަނޑު ބައިވެރިވެގެން ވެސް އެތައް މީޓިންއެއް ބޭއްވިން. އިސްލާހެއް ނުވި،" މޭޔަރު ވިދާޅުވި އެވެ.

"އެހެންވީމާ ސަރުކާރުން އަޅުގަނޑުމެންނަށް މިދޭ ފައިސާގެ ތެރެއިން ވެމްކޯ އަށް އެހާ ބޮޑު ހަރަދެއް ކޮށްގެން، އަޅުގަނޑުމެންގެ ގާނޫނީ ޒިންމާ ހިމެނޭ ކަމެއް އައުޓްސޯސް ކޮށްގެން ކުރާއިރު އެ މީހުންނަށް އެ ކަން ނުކުރެވި އިތުރަށް އެތައް ހަރަދެއް ސިޓީ ކައުންސިލުން ކުރަން ޖެހުމުން ދެކޮޅެއް ނުޖެހޭ."

ވެމްކޯ އިން ދޫ ދީ، އެއްމޭޒަކަށް!

ސިޓީ ކައުންސިލްގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ކޮންމެވެސް ވަރަކަށް ވެމްކޯ އިން ވެސް އެއްބަސްވެ އެވެ. އެެއްބަސްވުން ދެން އާ ނުކުރަން ކައުންސިލުން ނިންމުމުން "ހަރުކަށި" ބަޔާނެއް ނެރުނު ނަމަވެސް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖު ގަބޫލުކުރައްވާ ގޮތުގައި ދެ ފަރާތުން ވާހަކަ ދައްކައިގެން ކަންކަން ހައްލު ކުރެވޭނެ އެވެ. މިސްރާބު ހުރީ ވެސް އެ ދިމާ އަށް ކަމަށް އޭނާ ވިދާޅުވި އެވެ. މިދިޔަ ހަފުތާގައި ވެސް އޭގެ އެއް ބައްދަލުވުން ވަނީ ބާއްވައިފަ އެވެ.

"ވެމްކޯގެ ޒިންމާގެ ތެރެއިން މަގުމަތި ކުނިކަހައި ސާފުކުރާ ކަމަށް ސިޓީ ކައުންސިލުން ވެސް ގަބޫލުކުރޭ. ދިމާވާ މައްސަލައަކީ ގަވައިދާ ހިލާފަށް މަގުމައްޗަށް ނެރެފައި ހުންނަ ކުނި ނެގުމަށް ވެމްކޯ އަށް އެޓެންޑް ވެވެނީ ތަންކޮޅެއް ލަސްކޮށޭ. އެއީ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މައިގަނޑު މައްސަލައަކީ މިހާރު،" ސިރާޖު ވިދާޅުވި އެވެ.

"އުސޫލެއްގެ ގޮތުން މަގުމައްޗަށް ކުނި އެޅުމަކީ މަނާކަމެއް. އެ އަޅާ ކުނި ސާފުކުރުމުގައި ހިނގާށޭ މިހާރަށް ވުރެ އަވަސް ގޮތްތަކެއް ހޯދައިގެން އެ ގޮތްތަކަށް ކުރިއަށް ދާން. ސިޓީ ކައުންސިލުން ބުނާ ވާހަކައަކީ އަޅުގަނޑުމެން ވެމްކޯ އިން އެޓެންޑް ނުކޮށް ހުންނާތީ ސިޓީ ކައުންސިލުން ވެސް ވަރަށް ބޮޑަށް އެ ކަން ކުރަން ޖެހެއޭ."

ސިރާޖު ވިދާޅުވީ، ގަވައިދާ ހިލާފަށް މަގުމައްޗަށް އުކާލާފައިވާ ކުނިތައް ވަކި ރޫޓިންއެއްގެ ތެރެއިން ނެގުމަށް ސިޓީ ކައުންސިލާއެކު އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ގެންދަން ވެމްކޯ އަށް މައްސަލައެއް ނެތް ކަމަށެވެ.

ވެމްކޯގެ އެމްޑީ ސިރާޖު: ސިޓީ ކައުންސިލާއެކު ދެބަސް ވެފައިވާ މައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ވެމްކޯގެ އެމްޑީ ސިރާޖު: ސިޓީ ކައުންސިލާއެކު ދެބަސް ވެފައިވާ މައްސަލަ ހައްލު ކުރެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: ފަޔާޒު މޫސާ| މިހާރު

"އަޅުގަނޑުމެންގެ ސައިޑުން ހިދުމަތް ރަނގަޅު ކުރަން، ކުރަންޖެހޭ ކަމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރާނަން. އަޅުގަނޑުމެން ވެެސް އެބަޖެހޭ ކަށްނޭނގޭ އެ ބޭފުޅުން ބޭނުންވާ ވަރަށް މަސައްކަތް ކުރަން. ހަމައެކަނި މި އުޅެނީ ކުނިކަހައި ސާފުކުރުމުގެ ބައެއް ނޫން. މާލެތެރެއަށް ގަވައިދާ ހިލާފަށް ނެރޭ ކުންޏަށް އެޓެންޑް ކުރުމުގެ މައްސަލަ މައްސަލައަކީ،" އޭނާ ވިދާޅުވި އެވެ.

ވެމްކޯ އިން ދޫ ދީ، ވެމްކޯގެ އެމްޑީ މިހާރު ވިދާޅުވީ، ހުޅުމާލެއެކޭ އެއްގޮތަށް މާލެ އާއި ވިލިމާލޭގެ މައިޒާންތަކާއި ޕާކުތައް ސާފުކުރުމުގެ މަސައްކަތް ވެސް ސިޓީ ކައުންސިލާ މަޝްވަރާ ކޮށްގެން ހައްލު ކުރާނެ ކަމެވެ.

"އެގްރީމަންޓުގައި އަޅުގަނޑުމެންނާ ޒިންމާ ހަވާލު ކޮށްފައިވާ ކަންކަން އިރާދަކުރެއްވިއްޔާ ކުރިއަށް ވުރެ ބޮޑަށް ޑެލިވާ ކުރެވޭތޯ ބަލާނަން،" ސިރާޖު ވިދާޅުވި އެވެ.

އޭނާ ހުންނެވީ ދެ ހަފުތާ ފަހުން 'ފޮލޯއަޕް' ބައްދަލުވުމެއް ސިޓީ ކައުންސިލާއެކު ބާއްވަން ނިންމާފައިވާއިރު، ދެބަސްވުންތަކަށް ހައްލެއް ލިބޭނެ ކަމުގެ އުންމީދުގަ އެވެ.

ކައުންސިލުން ކުރާ ނަމަ ހަރަދު މާ ކުޑަވާނެ

ނަމަވެސް މޭޔަރު ވިދާޅުވީ، މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނާއި ޕާކުތަކާއި މައިޒާންތައް ސާފުކުރުމުގެ ކަންކަން ސިޓީ ކައުންސިލުން އަމިއްލަ އަށް ކުރާ ނަމަ މާ ބޮޑަށް ވެސް ހަރަދު ކުޑަވާނެ ކަމަށެވެ.

"އަޅުގަނޑުމެން އަހަރަކު ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ވެމްކޯ އަށް އެބަ ހަރަދު ކުރަން. އެކަމަކު އަޅުގަނޑުމެން ހިސާބުތައް ހަދާލިއިރު، އޭގެ ދެބައިކުޅައެއްބަޔަށް އެބަ ކުޑަވޭ. އެންމެ ގިނަވެގެން ވެސް އަހަރަކު ވިއްސަކަށް މިލިއަނަށް މުޅި މާލެތެރެ ސާފުކޮށް ނިންމޭނެ ސިޓީ ކައުންސިލުން ކުރާ ނަމަ. އަޅުގަނޑުމެންނަށް ސޭވް ވެސް ވާނެ. ހަރަދު ކުޑަވާނެ،" މޭޔަރު ވިދާޅުވި އެވެ.

"އެ ބޭފުޅުން ބިލް ވެސް ކުރޭ. އަޅުގަނޑުމެން ފައިސާ ވެސް ދެން. އެކަމަކު 24 ގަޑިއިރު އަޅުގަނޑުމެންގެ ޓީމުތައް އުޅޭނެ އެއްކަލަ ޕިކަޕުގައި ނުކުމެ ކުނި ނަގަން ވެސް ވެމްކޯ އިން ކުނި ނުނަގާ ހުރީމާ. ޝަކުވާ އަންނަ ދިމަދިމާލުގައި އަޅުގަނޑުމެންގެ ސިޓީ ކައުންސިލްގެ ޓީމުތައް އުޅޭނެ އަބަދުވެސް ކުނި ނަގަން".--- މޭޔަރު

މާލެތެރެ ސާފުކުރުމުގެ މަސައްކަތާ ސިޓީ ކައުންސިލުން ހަވާލުވިޔަސް ވެމްކޯގެ ޒިންމާގެ ތެރެއަށް ކައުންސިލުން ނުވަންނާނެ ކަމުގެ ޔަގީންކަން މޭޔަރު ދެއްވަ އެވެ. ވެމްކޯގެ މައިގަނޑު ވިޔަފާރިއަކީ ގޭގެއިން ކުނި ނެގުމެވެ.

"އެ ބިޒްނަސްއަކަށް އަޅުގަނޑުމެން ނުވަންނާނެ. އެއީ މުޅިން ތަފާތު ބިޒްނަސްއެއް. އަޅުގަނޑުމެން މާލެތެރެ ސާފުކުރުމާ ހަވާލުވިޔަސް ކުނި ގެންގޮސް އަޅާނީ ވެމްކޯ ސައިޓަށް. ފީ ވެސް ދައްކާނެ. އެއީ މިހާރު ވެސް ކުރާ ކަމެއް. ކޮޅުވެއްޓި ހޯދައިގެން އެ ކަން ކުރާ ގޮތަކަށް ނޫން އަޅުގަނޑުމެން މި ތިބީކީ. ވެމްކޯގެ ސައިޓަށް ގެންދާ ކުނި ވެސް އުކާނީ ވެމްކޯގެ މުވައްޒަފުން،" މުއިއްޒު ވިދާޅުވި އެވެ.

ވެމްކޯގެ މުވައްޒަފުން ކުނި އުކުމުގެ މަސައްކަތުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވެމްކޯގެ މުވައްޒަފުން ކުނި އުކުމުގެ މަސައްކަތުގައި.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވެމްކޯއާއެކު ސިޓީ ކައުންސިލުން ހަދާފައިވާ އެއްބަސްވުން އާ ނުކުރަން މި ވަގުތަށް ނިންމާފައިވާއިރު ދެން އޮތް އެންމެ ބޮޑު ބިރަކީ މަގުމަތި ކުނިކަހަން މިހާރު ވެމްކޯ އިން ގެންގުޅޭ މުވައްޒަފުންގެ ވަޒީފާގެ ޔަގީންކަމެވެ. އެ މީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރެވެ. ނަމަވެސް މުއިއްޒު ވިދާޅުވީ، އެ ހާލަތުގައި އެ މުވައްޒަފުން ސިޓީ ކައުންސިލްގެ ވަޒީފާ އަށް ކުރިމަތިލުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

"ސިވިލް ސާވިސްއާ ވާހަކަ ދައްކައިގެން އެ އޮންނަ އުސޫލުން އަޅުގަނޑުމެން ކުރިއަށް ދާނީ. މަގުމަތި ކުނިކަހާ އެއްވެސް މީހަކު ވެމްކޯ އިން ވަކިކޮށްފި ނަމަ އެ މީހަކު އަލުން ވަޒީފާ އަށް ނަގަން އެ އޮންނަ ހަމަތަކުގެ މަތިން އަޅުގަނޑުމެން ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ. އެހެންވީމާ ބިރުވެރިކަމާއި ހަގީގަތާ އެއްގޮތް ނޫން ވާހަކަ ފެތުރުން އެއީ އެހާ ރަނގަޅު ކަމެއް ނޫން،" މޭޔަރު ވިދާޅުވި އެވެ.

މާލޭގެ މަގުމައްޗަށް އުކާލާފައިވާ ކުނިތައް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ނަގަނީ.

މާލޭގެ މަގުމައްޗަށް އުކާލާފައިވާ ކުނިތައް މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ނަގަނީ.

މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި، އިންޒާރު ދީ، ބިރު ދެއްކުމުގެ ފަދަ އަމަލުތައް ސިޓީ ކައުންސިލްގެ ނިންމުމާ ގުޅިގެން ވެމްކޯ އިން ކުރަނީ ކޮންމެ އަހަރަކު ލިބޭ ސާޅީހަކަށް މިލިއަން ރުފިޔާ ގެއްލިދާނެތީ އެވެ.

"އެ ނޫން ދެން ކޮން ކަމެއް އޮތީ. އެއްވެސް ކަމެއް ނުކޮށް އެހާ ވަރަށް ފައިސާ ލިބޭތީ ކަންނޭނގޭ އެ އުޅެނީ. އެކަމަކު އެެއްބަސްވުން އާ ނުކުރަން ވަރަށް ބޮޑަށް ވެލިޑް ރީޒަން އެބަހުރި. އަގުބޮޑުވެ، މަސައްކަތް ނުކޮށް އަދި މާލެތެރެ ކުނިވެފައި އޮންނަ މައްސަލަ. އަޅުގަނޑުމެން މި އުޅެނީ މާލެތެރެ ސާފުކޮށް ބާއްވަން އަގުހެޔޮށްކޮށް،" އޭނާ ވިދާޅުވި އެވެ.

"ވެމްކޯގެ އެއްވެސް ކަމެއްގެ ތެރެއަށް ވަންނަނީކީ ނޫން. މިއީ އިތުރަށް އައިސްގެން އުޅޭ ކަމެއް. އެ މީހުންގެ އަސްލު މައިގަނޑު މަސައްކަތް ކުރިއަށް ދާނެ."