Roadha Mihaaru
ރެލިގޭޝަނަށް ނުކުންނާނީ ދޭތިން އެކައްޗަށް: ސޮބާ

ރެލިގޭޝަނަށް ނުކުންނާނީ ދޭތިން އެކައްޗަށް: ސޮބާ

04 ޖޫން 2018

ރެލިގޭޝަނުގައި ކުޅެން ޖެހުމަކީ ވަކި އޭނާގެ ސަބަބުން ކްލަބް ވެލެންސިއާ އަށް ލިބުނު ދެރައެއް ނޫން ކަމަށާއި އެކަމަކު މިވަގުތު ހުރިހާ ވިސްނުމެއް ހުރީ އެ ކްލަބް އެ އަނދަވަޅުން ސަލާމަތްކޮށް ފުރަތަމަ ޑިވިޝަނުގައި ބޭއްވުމަށް ކަމަށް ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރެލިގޭޝަނުގައި ކުޅެން ޖެހުމަކީ ވަކި އޭނާގެ ސަބަބުން ކްލަބް ވެލެންސިއާ އަށް ލިބުނު ދެރައެއް ނޫން ކަމަށާއި އެކަމަކު މިވަގުތު ހުރިހާ ވިސްނުމެއް ހުރީ އެ ކްލަބް އެ އަނދަވަޅުން ސަލާމަތްކޮށް ފުރަތަމަ ޑިވިޝަނުގައި ބޭއްވުމަށް ކަމަށް ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.

އެސްޓީއޯ މާލޭ ލީގުގައި ވެލެންސިއާ އަށް މިހާތަނަށް މޮޅެއް ލިބިފައިނުވާއިރު އެ ޓީމަށް ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގެ ފުރުސަތެއް ނެތެވެ. ފުލުގައި އޮތް ވެލެންސިއާ އަށް ދެން ޖެހޭނީ ލީގުގެ ހަތް ވަނައަށްދާ ޓީމާއި ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމާ އެކު މާލޭ ލީގު ކޮލިފައިން (ރެލިގޭޝަން) ކުޅޭށޭވެ. އެތަނުން އެއް ވަނަ ހޯދާ ޓީމަކަށް ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭއިރު އަނެއް ދެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ އެވެ.

ލީގުގައި ރޭ ނިއު ރޭޑިއަންޓް އަތުން 5-0 އިން ބަލިވި މެޗަށް ފަހު ސޮބާ ބުނީ މުޅި މެޗަށް ބަލާއިރު ޖުމްލަކޮށް ކުޅުންތެރިންގެ މަސައްކަތް ރަނގަޅު ކަމަށާއި އެކަމަކު އެވްރެޖް ކުޅުންތެރިންތަކެއް ތިބޭއިރު ހަމަ އެކަނި މެޗެއްގެ 50 ނުވަތަ 70 މިނެޓު ކުޅެގެން ނުވާނެ ކަމަށެވެ.

"މުޅި މެޗުގައި ކޮންސެންޓްރޭޓް ނުބައިންދާ ކަމަށްވަންޏާ އުނދަގޫވާނެ. އޭގެ އެޑްވާޏްޓް އެ ނެގީ ނިއު އިން. އަލީ އަޝްފާގާއި ސެންޓޭ ފަދަ ކުޅުންތެރިން ކުރީގައި (މިތިބީ). އެ ކުޅުންތެރިން އެ ތިބީ އިތުރަށް ގޯލް ޖަހަން ފެންބޮވައިގެންފައި. ތިބޭއިރު ވާނެ ގޮތަކީ އަހަރެމެންގެ ޑިފެންސް ލައިނުގައި ފަހު ވަގުތު ވިޔަސް ފަސް މިނެޓަށްވާއިރު އެއްވެސް ވަރަކަށް ކޮންސެންޓްރޭޝަން ގޮސްދި ކަމަށްވަންޏާ އޭގެ ފައިދާ ނަގާނެ،" ސޮބާ ބުންޏެވެ.

މިދިޔަ އަހަރު ވެސް ވެލެންސިއާ ފުލަށްގޮސްގެން ރެލިގޭޝަނުގައި ކުޅެން ޖެހުނު ޖެހުމަށް އިޝާރާތްކޮށް ސޮބާ ބުނީ އޭނާ އަލުން އައިސް ޓީމެއް ބިނާކުރަން މަސައްކަތްކުރި ކަމަށާއި އެކަމަކު މުހިއްމު ކުޅުންތެރިންތަކެއް އަނިޔާވެ އޭގެ އަސަރުކުރި ކަމަށެވެ. އަދި މިފަދަ އެވްރެޖް ޓީމެއްގައި، އެފަދަ ހުރިހާ ކުޅުންތެރިންގެ ސަތޭކަ ޕަސެންޓް ނުދެވެންޏާ އޭގެ އަސަރުކުރާނެކަން ސޮބާ ފާހަގަކުރި އެވެ.

"ހަވާލުވިއިރު އެނގޭ މި ހާލުގައިކަން އޮތީ. ކްލަބުގެ ފައިނޭންޝިއަލީ ބެކަޕްހުރިވަރަކުން ކުޅުންތެރިން ހޯދީ. އަޅުގަނޑު މިތަނަށް އައީމަކާ ނޫން (މި ހާލަތަށް ވެއްޓުނީ). ވެލެންސިއާ މިހެން އޮންނަތާ ވެއްޖެ ދުވަސްތަކެއް. އެކަމަކު ވެސް މީގެ ތެރޭގައި މަސައްކަތްކުރަން ބޭނުންވާތީ ރިސްކު ނަގާފައި މީގެ ތެރެއަށް އައީ،" ސޮބާ ބުންޏެވެ.

މި ހާލަތުގެ ޒިންމާ ނަގާނީ ކާކުތޯ އެހުމުން ސޮބާ ބުނީ ކްލަބެއް ވެއްޖެއްޔާ އެކިހިސާބުގައި އެކި މީހުން ތިބޭ ކަމަށާއި އޭނާ ކޯޗަކަށް ހުރީމާ އޭނާ އަށް ވެސް އެކަން އަންނާނެ ކަމަށެވެ. އެކަމަކު މިއީ ވަކި މީހެއްގެ ކަމެއް ނޫން ކަމަށާއި މިކަން މުޅި ޓީމަށް ވެސް ރައްދުވާ ކަމެއްކަމަށް ސޮބާ ބުންޏެވެ.

"ރެލިގެޝަނުން ސަލާމަތްވާން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. ޓްރާންސްފާގައި އިރާދަކުރެވިއްޔާ ބޭރު ކުޅުންތެރިން ވެސް ވީވަރަކުން ހޯދައި އެއަށް ދޭތިން އެކައްޗަށް ދެން ނުކުންނާނީ. ދެން އިތުރު އެއްވެސް ވާހަކައެއް އަޅުގަނޑުގެ ނެތް. ލީގުގައި ބާކީ ދެ މެޗު އޮތްކަމުގައިވިޔަސް ހުރިހާ ގޮތަކަށް ވެސް މިވަގުތަށް ކްލަބަށް އެންމެ މުހިއްމީ ކްލަބް ފަސްޓް ޑިވިޝަނުގައި ބޭއްވުން،" ސޮބާ ބުންޏެވެ.