Roadha Mihaaru
އެންމެ ދެރަވި ދުވަހު ހުރިހާ ޒިންމާއެއް ސޮބާ އަށް!

އެންމެ ދެރަވި ދުވަހު ހުރިހާ ޒިންމާއެއް ސޮބާ އަށް!

02 ޖުލައި 2018

ރާއްޖޭގެ އެންމެ ކާމިޔާބު ތިން ކްލަބުގެ ތެރޭގައި ހިމެނޭ ކްލަބް ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން ކޯޗެއްގެ ގޮތުން ޒިންމާ ނަގާނެ ކަމަށާއި މިއީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި އެންމެ ދެރަވި ދުވަސް ކަމަށް ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) އިއްޔެ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ރާއްޖޭގެ އެންމެ ކާމިޔާބު ތިން ކްލަބުގެ ތެރޭގައި ހިމެނޭ ކްލަބް ވެލެންސިއާ ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން ކޯޗެއްގެ ގޮތުން ޒިންމާ ނަގާނެ ކަމަށާއި މިއީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި އެންމެ ދެރަވި ދުވަސް ކަމަށް ސޮބާހު މުހައްމަދު އިބްރާހިމް (ސޮބާ) އިއްޔެ ބުނެފި އެވެ.

އެ ކްލަބް އުފެދުނު ފަހުން ފުރަތަމަ ފަހަރަށް އެއް ވަނަ ޑިވިޝަނުން ފުރުސަތު ގެއްލުނީ، މާލޭ ލީގު ކޮލިފައިންގެ ދެ ވަނަ ލެގުގައި ޔުނައިޓެޑް ވިކްޓަރީއާ 2-2 އިން އެއްވަރުވުމުން ދެ ލެގުގެ އެގްރިގޭޓުން 4-2 އިން ޔުނައިޓެޑް ވިކްޓަރީ އަށް ކުރި ލިބުމުންނެވެ. މާލޭ ލީގުގެ ފުލަށް ދިޔަ ވެލެންސިއާގެ މައްޗަށް، ލީގުގެ ފަހަތުން ދެ ވަނަ އަށް ދިޔަ ޔުނައިޓެޑް ވިކްޓަރީ ކުރި ހޯދުމާ އެކު އެ ޓީމަށް ވަނީ އަންނަ އަހަރު ފުރަތަމަ ޑިވިޝަނުން ޖާގަ ކަށަވަރުވެފަ އެވެ.

"ހަގީގަތުގައި ވަރަށް ބޮޑު ދެރައެއް މިިއޮތް ހާ ދުވަހުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކާމިޔާބުތަކާ އެކު އައިސްފައި. މި އަހަރު ރެލިގޭޓްވުން މިއީ ވަރަށް ބޮޑު ހިތާމައެއް. ރިކަވާ ނުކުރެވޭ ވަރުގެ ހިތާމައެއް ފުޓްބޯޅަ ހަޔާތުގައި މި ލިބުނީ،" އިއްޔެގެ މެޗަށް ފަހު މާޔޫސްވެފައި ހުރެ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެމުން ސޮބާ ބުންޏެވެ.

މި ސީޒަނުގައި ވެލެންސިއާއާ ސޮބާ ހަވާލުވިއިރު، އެ ޓީމުގައި ކުޅުންތެރިއެއް ވެސް އަދި އޮފިޝަލެއް ވެސް ނެތެވެ. ހުރިހާ ކަމެއް އިސްވެ ހުރެ ކުރީ އޭނާ އެވެ. ވެލެންސިއާގެ ކޯޗުކަމާ ސޮބާ ހަވާލުވުމުން އޭނާ އަށް ހެޔޮއެދޭ ގިނަ ފަރާތްތަކުން ވެސް ހައިރާންވި އެވެ. އެކަމަކު ވެސް ބޮޑު ކްލަބަކަށް ގޮސް ސޮބާ ބޭނުންވީ ރިސްކު ނަގާށެވެ.

މިއީ ވެލެންސިއާ އިން ރެލިގޭޝަނުގައި ކުޅުނު ތިން ވަނަ ފަހަރެވެ. މިދިޔަ ސީޒަނުގައި ވެސް އެ ޓީމު އޮތީ ރެލިގޭޝަނުގަ އެވެ. އެކަމަކު ފަހު ވަގުތު ރެލިގޭޝަން ކެންސަލްވުމުން ހަތަރު ޓީމަށް ފުރަތަމަ ޑިވިޝަނުގެ ޖާގަ އޮޓޮމެޓިކުން ކަށަވަރުވި އެވެ.

"މީގެ ހަގީގަތަށް ބަލާއިރު ދިރާސާ ކުރައްވާ ފަރާތްތަކަށް ފުޓްބޯޅަ ބަލާ އެންމެހާ ބޭފުޅުންނަށް ވެސް އެނގޭނެ ވެލެންސިއާ އޮތް ހާލަތު. އަޅުގަނޑު ކޯޗަކަށް ހުރެ ބޭނުމެއް ނުވޭ މިއިން ބޯ ދަމައިގަންނާކަށް. މިސާލަކަށް މީތި އައިސްފައި އޮތް ގޮތް. ވޭތުވެދިޔަ ތިން ސީޒަނުގައި އޮތް ގޮތް މިދިޔަ ސީޒަނުގައި ވެސް މި ޓީމު ރެލިގޭޝަނުގައި އޮތް،" ސޮބާ ބުންޏެވެ.

މީގެ ކުރިން ރާއްޖޭގެ ބޮޑު ކްލަބެއް ކަމަށްވާ ވިކްޓަރީ ރެލިގޭޓްނުވެ ސަލާމަތްވީ ކިރިޔާ އެވެ. އެ ދުވަހު ވިކްޓަރީ އަށް ނިސްބަތްވާ ގިނަ ބަޔަކު ދަނޑަށް ދިޔަ އެވެ. އެންމެ ފަހު ވަގުތު ޓީމަށް ހިތްވަރު ދިނުމުގައި ތިއްބެވެ. އަދި ޓީމު ސަލާމަތްވުމުން އުފަލުން ކަރުނަ އޮހޮރި މަންޒަރު ވެސް ފެނުނެވެ. އެކަމަކު އިއްޔެ ވެލެންސިއާގައި ފެނުނު މަންޒަރު ތަފާތެވެ. ޓީމު ރެލިގޭޓްވެގެން ދިޔައިރު، ކުޅުންތެރިން ކައިރީގައި ހުރީ ސޮބާ އާއި ކޯޗިން ސްޓާފުން އެކަންޏެވެ.

"އެންމެ ފުރަތަމަ ދުވަހު ވެސް ބުނިން ވަރަށް ބޮޑު ރިސްކެއް ނަގާފައޭ މިއައީ. އެއްވެސް މީހެއް ނެތޭ މިތާކުއެއް. މިސާލަކަށް މިއަދު ބަލާލުމުން މެނޭޖްމަންޓުގެ އެއްވެސް މީހެއް ނެތް. ރާއްޖޭގައި މި ކިޔަނީ ވަރަށް ޒަމާންވީ ބޮޑު ކްލަބެކޭ [އެކަމަކު] މިތާގައި ނެތް މީހަކު،" ސޮބާ ބުންޏެވެ.

އިއްޔެގެ މެޗުގެ ތެރެއިން ސޮބާ (ކ) އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިއްޔެގެ މެޗުގެ ތެރެއިން ސޮބާ (ކ) އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ބުނީ ޓީމުގެ ހާލަތު ގޯސްވަމުންދާ ނަމަ އޭގެ އެންމެ ރަނގަޅު ގޮތަކީ އެންމެން އެކަތި ގަނޑަކަށްވެ ކަންތައްތައް ރަނގަޅުކުރަން މަސައްކަތް ކުރުން ކަމަށެވެ. އެކަމަކު އެއީ ވަކި ބަޔަކަށް އޮންނަ ކަމަކަށް ވެއްޖެ ނަމަ އޭގެ ގެއްލުން ލިބޭނީ އެންމެނަށް ކަމަށް ބުންޏެވެ.

"ޓީމު ގޯސްކޮށް ދަންޏާ އެ ރަނގަޅުކުރަން އެންމެން އެއްވެގެން މަސައްކަތްކޮށްގެން ރަނގަޅު މިވަނީ. ޓީމު ޓީމަކަށް ވަނީ 12 ނޫނީ 15 ކުޅުންތެރިންނާއި ދެ ކޯޗުންނާއި ގޯލްކީޕަރު ޓްރެއިނަރެއް މަސައްކަތްކޮށްގެނެއް ނޫން،" ސޮބާ ބުންޏެވެ.

"ކޮންމެހެން އަޅުގަނޑު މީތި ބައެއްގެ ބޮލަށް ޖަހަނީއެއް ނޫން. ހުރިހާ ކަމެއްގައި ޒިންމާ ނަގަން ޖެހޭ ބަޔަކު އެބަ ތިބި. މީގެ ކުރިން ވެސް ޒިންމާ ނަގަން ޖެހޭ ބަޔަކު އެބަތިބި. މިއަދު އަޅުގަނޑު މިތާގައި ހުރީމަ އަޅުގަނޑު ޒިންމާ ނަގަން. މިކަން އައި ގޮތަށް ބަލާއިރު މަންޒަރު ވަރަށް ސާފު."

އޭނާ ބުނީ ޓްރާންސްފާ މާކެޓްގައި ޓީމުގެ ފަހަތް ރަނގަޅު ކުރަން ކުޅުންތެރިން ހޯދަން ޓީމުގެ މެނޭޖްމަންޓަށް އެދުނު ކަމަށާއި އެކަމަކު އެއިން އެއްވެސް ކަމަށް އެންމެ ރަނގަޅު ހައްލެއް ނާންނަ ކަމަށެވެ.

"ޓްރާންސްފާގައި ވެސް އާދޭސްކޮށްފައި އެދުނިން. ފަހަތް ގޯސްވެފައި އޮތީމަ ކުޅުންތެރިން ހޯދަން. މި މެޗުގައި ވެސް ފެނުނީ އޭތި ވަރަށް ރަނގަޅަށް ސްޓާޓް ކޮށްފައި. ދެ ގޯލު ޖަހާފައި. އެކަމަކު އަނެއްކާވެސް ގޯސްތަކެއް އައިސްގެން މެޗު އަތުން ދިޔައީ،" ސޮބާ ބުންޏެވެ.

ވެލެންސިއާ އަކީ ކޯޗިން ކެރިއަރުގައި ސޮބާގެ ތިން ވަނަ މަސައްކަތެވެ. އޭނާ ވަނީ މީގެ ކުރިން ނިއު ރޭޑިއަންޓާއި ގްރީން ސްޓްރީޓްސްގައި ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ.

"އަޅުގަނޑަށް ހަގީގަތުގައި މިއީ ވަރަށް ބޮޑު ފެއިލިއާ އެއް. ހަގީގަތަކީ ރަނގަޅު ފެންވަރުގެ ކުޅުންތެރިންތަކަކާއި މެނޭޖްމަންޓެއް ނެތިއްޔާ އަސްލުގައި ކާމިޔާބަކަށް ނުދެވޭނެ. މިއީ މި ގޮތަށް [ދިމާވި] އަޅުގަނޑުގެ ފުރަތަމަ ފަހަރު. މީތީގައި މި ފަހަރު ފެއިލްވީ އެކަމަކު އަޅުގަނޑަކީ ކޯޗިންގައި ވެސް ކުރިން ނިއު އާއި ގްރީން ސްޓްރީޓްސްގައި ވެސް ކާމިޔާބު މަސައްކަތްތަކެއް ކުރި މީހެއް،" ސޮބާ ބުންޏެވެ.

ކްލަބް ވެލެންސިއާ އިން އަލުން ފެނިދާނެތޯ ނޫސްވެރިން ސުވާލުކުރުމުން އޭނާ ބުނީ މި ހިސާބުން އެ ކްލަބާ އެކު ކުރި މަސައްކަތް ނިމުނީ ކަމަށެވެ. ކޯޗިން ދާއިރާގައި ކުރިއަށް ދާނެ ކަމަށާއި ނަމަވެސް ބޮޑަށް ގާތީ ޑިވެލޮޕްމެންޓްގެ މަސައްކަތްތަކުގެ ތެރެއިން ފެނުން ކަމަށް ބުންޏެވެ.

"އަޅުގަނޑު ގިވަޕެއް ނުކުރާނަން. މިއަދު މިކަން މިހެން ވިޔަސް އަޅުގަނޑު ހުއްޓައެއް ނުލާނަން. އަޅުގަނޑަކީ މީގެ ތެރެއަށް ނުކުތްއިރުއްސުރެ ކޮންމެ ދުވަހަކު މޮޅުވާން ބޭނުންވާ މީހެއް. މޮޅުވާން އެ ނަތީޖާ ހޯދައިގެން، ކާމިޔާބު ހޯދައިގެން ކުޅުން ހުއްޓާލާފައި ކޯޗިން އަށް ނުކުތީ. އަދިވެސް މިހުރީ އެގޮތަށް. ދެން ކުރިއަށް އޮތް ތަނުގައި ވެސް ފެންނާނެ. ފުޓްބޯޅަ ޑިވެލޮޕްމެންޓް ސައިޑުން ވެސް ފެނިދާނެ. އެބަހުރި އެފްއޭއާ ޖޮއިން ކުރުމުގެ ވިސްނުން ވެސް،" ސޮބާ ބުންޏެވެ.

ޒުވާނުންތަކެއް އިސްވެ 1979 ވަނަ އަހަރު އުފެއްދި ވެލެންސިއާ އަކީ ރީތި ކުޅުމެއް ކުޅެ ކާމިޔާބު ހޯދުމުގައި މަޝްހޫރުވި ކްލަބެކެވެ. ނުވަ ދިހައިގެ ފަހުކޮޅުން ފެށިގެން ދެހާހުގެ މެދަކާ ހަމައަށް ދިވެހި ފުޓްބޯޅައިގެ ގަދަ ދެ ޓީމުގެ ތެރޭ އަބަދުވެސް އޮވެ އެވެ.

ކަޕްވިނާސް ކަޕް މިލްކުކޮށް އަދި ސަރަހައްދީ މުބާރާތްތަކުގައި ވެސް ކާމިޔާބު ހޯދި އެވެ. އެކަމަކު 2008 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ހޯދި ފަހުން އެ ޓީމު އަޑިއަޅާލި ގޮތަށް ނާރައި އޮތީ އެވެ. ނަމަވެސް މިދޭތެރިން ކޮންމެވެސް ވަރަކަށް ރަނގަޅުކޮށް 2016 ގެ އެފްއޭ ކަޕް ވެސް ކާމިޔާބުކުރި އެވެ.